ރޭ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފްރަންޓް އޮފީސް ފޯރަމްގައި، ޤާނޫނީ ވަކީލު އަޞްޢަދު ޝަރީފް ދެއްކެވި ވާހަކަތަކުން ދިވެހި ސިޔާސީ މަސްރަޙުގެ ހިތްދަތި ޙަޤީޤަތް ވަރަށް ސާފުކޮށް ހާމަވެގެން ހިނގައްޖެއެވެ. 2008 ވަނަ އަހަރު ފާސްކުރި "ފެހި ޤާނޫނުއަސާސީ" އަށް 18 އަހަރު ފުރިގެންދާއިރު، އޭގައިވާ ބާރުތައް ވަކިވުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ބޭނުން، އަދި އޭގެ ފޮނިމީރުކަން، ވެރިކަމަށް އައި އެމްޑީޕީގެ ދެވެރިކަމުގައިވެސް، އަދި މިހާރު ހިނގަމުންމިދާ ޕީއެންސީގެ ސަރުކާރަކަށްވެސް ރައްޔިތުންނަށް ފޯރުކޮށެއް ނުދެވުނެވެ.
ނަމަވެސް، ޤާނޫނުއަސާސީ ތަންފީޛުކުރުމުގައި މިދެންނެވި ސަރުކާރުތައް ފޭލްވީ ކީއްވެގެންތޯ ސުވާލުކުރުމުގެ ބަދަލުގައި، ނުވަތަ ދެނެގަތުމުގެ ބަދަލުގައި، މި ނިޒާމީ ފޭލްވުމަށް ސިޔާސީ ބޭފުޅުން އަނެއްކާވެސް ދެމުންދަނީ އެ ބޭފުޅުންގެ އާންމު ބޭހެވެ؛ އެއީ ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމެވެ.
7 އޮގަސްޓް 2008 ގައި މިހާރުގެ "ފެހި ޤާނޫނުއަސާސީ" ތަޞްދީޤުކުރި ފަހުން، މިއަދާ ހަމައަށް ޖުމްލަ 7 އިޞްލާޙެއް ޤާނޫނުއަސާސީއަށް ވަނީ ގެނެސްފައެވެ؛
1 ވަނަ އިޞްލާޙު (ޖޫން 2015): ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލެވޭނެ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައަޅައި، އުމުރުގެ ހުރަހެއް ތަޢާރަފްކުރުން.
2 ވަނަ އިޞްލާޙު (ޖުލައި 2015): ވަކި ޚާއްޞަ އިންވެސްޓްމަންޓް ޝަރުޠުތަކެއްގެ ދަށުން، ބޭރުގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ހުއްދަދިނުން.
3 ވަނަ އިޞްލާޙު (ޑިސެމްބަރު 2018): ފުރަތަމަ އިޞްލާޙުން ގެނައި އުމުރުގެ ހުރަސް އުވާލައި، ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމުގެ މަތީ އުމުރުގެ ހުރަސް (65 އަހަރު) ކުރިން އޮތް ގޮތަށް ބަދަލުކުރުން.
4 ވަނަ އިޞްލާޙު (އޭޕްރީލް 2019): ބަހުސް ބޮޑުވި 2 ވަނަ އިޞްލާޙު (ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް އޮތް އޮތުން) މުޅިން އުވާލައި، ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުނުކުރެވޭ ގޮތަށް ކުރިން އޮތް މާއްދާ އިއާދަކުރުން.
5 ވަނަ އިޞްލާޙު (ޑިސެމްބަރު 2019): ލޯކަލް ކައުންސިލްތަކުގެ (ރަށު އަދި އަތޮޅު ކައުންސިލްތަކުގެ) ދައުރު 3 އަހަރުން 5 އަހަރަށް އިތުރުކުރުން.
6 ވަނަ އިޞްލާޙު (ނޮވެމްބަރު 2024): މަޖިލިސް މެންބަރުން "ފްލޯ ކްރޮސް" ކުރުން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރުން. (މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވުން، އެހެން ޕާޓީއަކަށް ސޮއިކުރުން، ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭގޮތް ހެދުން). މީގެ އިތުރުން، ސިޔާސަތު ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރުތައް ފުޅާކޮށް، މަޖިލީހުގެ ހުއްދަނެތި ބޭރުގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވުން މަނާކޮށް، އަދި ރާއްޖޭގެ ސަރަޙައްދަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ކަނޑައެޅުން.
7 ވަނަ އިޞްލާޙު (ޑިސެމްބަރު 2025): ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމުގެ ތެރެއިން "އަތޮޅު ކައުންސިލްތައް" އުވާލުން.
މިހާރުގެ ޤާނޫނުއަސާސީގެ ދަށުން ދެ ދައުރު ފުރިހަމަކޮށްފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަނެއްކާވެސް މިވަނީ ޤާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ވާހަކަ ދައްކަން ފަށާފައެވެ. ރޭގައި އުވުނު އަނެއް ވަހަކައަކީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިތުރުން "ސެނެޓް" އެއް އުފައްދައި، ދެ މަޖިލިސް އެކުލެވޭ (ބައިކެމަރަލް) ނިޒާމެއް ތަޢާރަފްކުރުމުގެ ވިސްނުމެވެ.
އަހުރެން ދެކޭގޮތުގައި، މިއީ އާ އިޞްލާޙެއް ނޫނެވެ؛ މިއީ އިޞްލާޙުގެ ނަމުގައި ފަހަތަށް އެޅޭ ފިޔަވަޅެކެވެ. ދިވެހިރާއްޖެއިން ވަނީ 1953 ވަނަ އަހަރުގެ ކުރު ޤާނޫނުއަސާސީގެ ދަށުން، ރައްޔިތުންގެ ގެ (47 މެންބަރުން) އަދި ސެނެޓް (18 މެންބަރުން) ހިމެނޭ ދެ މަޖިލީހުގެ ނިޒާމެއް ތަޖުރިބާކޮށްފައެވެ. ނަމަވެސް، އޭގެ އެންމެ އަހަރެއް ފަހުން، 1954 ވަނަ އަހަރުގެ ޤާނޫނުއަސާސީން ސެނެޓް އުވާލައި، މަޖިލީހުގެ ދައުރު ކުރުކުރިއެވެ.
ސެނެޓެއް އުފައްދަން ހުށަހަޅާ މީހުން މިސާލު ދައްކަނީ އެމެރިކާގެ ކޮންގްރެސް، އިނގިރޭސިވިލާތުގެ ޕާލިމަންޓް ނުވަތަ އިންޑިއާގެ ރާޖްޔާ ސަބާ އަދި ލޮކް ސަބާއަށެވެ. ނަމަވެސް، އެ ޤައުމުތަކުގެ މިއަދުގެ ހާލަތަށް ބަލާލުމުންވެސް ދެ މަޖިލިސް އެކުލެވޭ ނިޒާމު ފޭލްވެފައިވާ މިންވަރު ސާފުވެއެވެ. މިއަދު އެ ނިޒާމުތައް ވަނީ ހައްދުފަހަނަޅާފައިވާ ސިޔާސީ ކުޅިވަރަކަށް ބަދަލުވެ، ޕާޓީއަށް އޮންނަ ވަފާތެރިކަމެއްގެ ސަބަބުން ދައުލަތާއި ރައްޔިތުންގެ ލާބައަށް ހުރަސްއަޅާ ކޮރަޕްޓް، ސިޔާސީ މާފިއާތަކުގެ ހާލީގަކަށް (breeding ground އަކަށް) ބަދަލުވެފައެވެ.
އަހުރެން ޤަބޫލުކުރާގޮތުގައި، ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަށް އިތުރު ސިޔާސީ މީހުންގެ ފަށަލައެއް އިތުރުކުރުމަކުން ކޮރަޕްޝަނެއް ނުހުއްޓުވޭނެއެވެ؛ އޭގެ ބަދަލުގައި، ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހޭދަ ދެގުނަވެ، ކޮރަޕްޝަން އިތުރަށް މުއައްސަސާވެގެން (institutionalise ވެގެން) ދާނީއެވެ.
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އޮތް މައްސަލައަކީ ލިޔެފައިވާ ބަސްތަކެއްގެ މަދުކަމެއް ނޫނެވެ. މައްސަލައަކީ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީތައް އަބަދުވެސް ލިޔަނީ، އެއަށް އަބަދުވެސް އަމަލުކުރާނީ އެމީހުން ކަހަލަ ހެޔޮލަފާ ބައެއް ކަމަށް ދެކިގެން ކަމަށްވުމެވެ. ޤާނޫނުގެ އިސްވެރިކަމަށް އެއްވެސް އިޙްތިރާމެއް ނުކުރާ މުޖުރިމުންތަކެއް، ނުވަތަ ޤައުމުގެ މަސްލަހަތަށްވުރެ އަމިއްލަ ޕާޓީގެ މަސްލަހަތު އިސްކުރާ އަމިއްލަ އެދުމުން ފުރިގެންވާ ސިޔާސީ ވެރިންތަކެއް މި ޤާނޫނުގެ ނާޖާއިޒު ފައިދާ ނަގައިފާނެ ކަމަކަށް ވިސްނައިގެނެއް ނޫނެވެ.
ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގެ ބަދުނަސީބު ޙާލަތަށް ބައްލަވާށެވެ. މެންބަރުން ޤައުމީ މަސްލަހަތަށް ޢަމަލުކުރުމަށް މަޖުބޫރުކުރަން ހެދި މި މާއްދާއަކީ މިއަދު އަޅުގަނޑުމެންގެ ތާރީޚުގައި އެންމެ ބޮޑަށް ނާޖާއިޒު ފައިދާ ނަގާ މާއްދާއެވެ. މެންބަރުން އަމިއްލަ މަންފާއަށާއި ޕާޓީގެ ދިފާޢުގައި ވޯޓު ވިއްކަމުންދާއިރު މި މާއްދާ އޮންނަނީ މުގުރާލާފައެވެ. ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާއަށް ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރުދޭ 115 ވަނަ މާއްދާ ބޭނުންކޮށްގެން، ދައުލަތުގެ ބަޖެޓް ހުސްވަންދެން ސިޔާސީ މީހުން ދަނީ އައްޔަންކުރަމުންނެވެ. އަދި މިނިވަން މުއައްސަސާތައް ކަމަށްވާ ޕްރޮސެކިއުޓަރ ޖެނެރަލް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ފަދަ ތަންތަން ވަނީ، މަޖިލީހުގެ ސުޕަރ-މެޖޯރިޓީ އޮންނަ ކޮންމެ ބަޔަކު ބޭނުންގޮތަކަށް އަނބުރާލާ ސިޔާސީ ހަތިޔާރަކަށް ހަދާފައެވެ.
އަޅުގަނޑުމެންގެ ޤާނޫނީ ތާރީޚަށް ބަލާއިރު، މިއާ ދިމާ އިދިކޮޅު މަންޒަރެއް ފެނެއެވެ. 1932 ވަނަ އަހަރު، ސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު 12 މެންބަރުންގެ ކޮމިޓީއެއް އެއްކުރައްވައި، ފުރަތަމަ ޤާނޫނުއަސާސީ ލިޔުމަށް އެންގެވި އިރު، އެންގެވީ ދައުލަތުގެ މާލިއްޔަތަށް ފާރަވެރިވުމަށާއި، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށެވެ. އެމަނިކުފާނު އެންގެވީ: "މި ދައުލަތަށް މިހިނދަށް ލިބިހުރި ފައިސާވެރި ކަމުގެ މައްޗަށް ވިސްނުން ބަހައްޓައިގެން، މަގޭ ރައްޔިތުންނަށް ލުއިކުރެވެން ހުރި މިންވަރަކަށް ލުއިކުރުމަށް ބުރަވެ ތިބެގެން" ޤާނޫނުއަސާސީ އެކުލަވާލުމަށެވެ.
1932 ގެ އެ ޤާނޫނުއަސާސީއަކީ ހަރުދަނާ އުޞޫލުތަކެއްގެ މަތީގައި ބިނާވެފައިވާ އެއްޗެކެވެ. އޭގެ 24 ވަނަ މާއްދާގައި ބުނަނީ، ދައުލަތް ހިންގުމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެއަށްވުރެ މުހިންމު ކަމަކީ، އޭގެ 92 ވަނަ މާއްދާގައި، ޤާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް ބަދަލެއް ގެނެވޭނީ، ރާދަވަޅާއި (ކިރިތި މަހާރަދުންނާއި)، ރައްޔިތުންގެ މަޖިލީހާއި، ޤާނޫނު ހަދާ މަޖިލީހާއި، އަދި މާލޭގައި ތިއްބެވި ޢިލްމުވެރިންނާއި ޢިއްޒަތްތެރިން ހިމެނޭ ބޮޑު މަޖިލީހެއްގެ 2/3 އަޣްލަބިއްޔަތުން ކަމަށް ބަޔާންކޮށް، ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައި އޮތުމެވެ.
އަޅުގަނޑުމެންގެ ކާބަފައިންނަށް ވިސްނުނު، ނަމަވެސް މިއަދު އަޅުގަނޑުމެން ހަނދާންނެތިފައިވާ ޙަޤީޤަތަކީ، ރައްކާތެރިކަން އޮތީ ހަރުކަށި، ގުޑުވައިނުލެވޭނެ ފަދަ ޖަވާބުދާރީކުރުވުމުގެ ނިޒާމުތަކެއްގެ ތެރޭގައި ކަމެވެ.
1350 ހިޖުރީ އަހަރުގެ ޝައްވާލް މަހުގެ 11 ވަނަ ދުވަހު ފުރަތަމަ ޤާނޫނުއަސާސީ ތަޞްދީޤުކުރި ފަހުން، މިއަދާ ހަމައަށް ދިވެހިރާއްޖޭގައި 13 ޤާނޫނުއަސާސީއެއް ހަދައިފިއެވެ. އާ ބަޔަކު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ކުޅިވަރުގެ އުޞޫލުތައް (rules of the game) ބަދަލުކުރެއެވެ. ނަމަވެސް އަޞްލު މައްސަލައަށް ޙައްލެއް ނުލިބެއެވެ. މިއިން އެނގެނީ، އާ ބާބުތަކެއް ލިޔެގެން ނުވަތަ "ސެނެޓް" އެއް ހަދައިގެން އެއްވެސް ކަމެއް ބަދަލެއް ނުވާނެ ކަމެވެ. ކޮރަޕްޓް ސިޔާސީ މީހަކު، އެއް މަޖިލިސް އޮތަސް އަދި ދެ މަޖިލިސް އޮތަސް އޭގެ ނާޖާއިޒު ފައިދާ ނަގާނެއެވެ. އަދި ހިފެހެއްޓުމެއް ނެތް ބާރުތަކެއް ލިބިފައިވާ ވެރިއަކު، ދައުލަތުގެ ކުންފުނިތައް (SOEs) ބޭނުންކޮށްގެން ސިޔާސީ ބޭނުމަށް ބޭކާރު މުވައްޒަފުން އައްޔަންކުރަމުން ދާނެއެވެ.
ފަހަކަށް އައިސް ރައީސް ޔާމީން، ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަޙީދު ދައްކަވާފައިވާ ހަރުދަނާ ވާހަކަފުޅުތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ވިސްނުން ހުންނަންވީ ލިޔެފައިވާ އަކުރުތައް ބަދަލުކުރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، ޤާނޫނުއަސާސީ ނަހަމަގޮތުގައި ބޭނުންކުރާ މީހުން ޤާނޫނީގޮތުންނާއި މާލީގޮތުން ޖަވާބުދާރީކުރެވޭނެ ހަރުދަނާ މެކޭނިޒަމްތަކެއް ބިނާކޮށް، އެ ތަންފީޛުކުރުމަށެވެ.
އަޅުގަނޑުމެންނަށް ސެނެޓެއް ބޭނުމެއް ނޫނެވެ. އަޅުގަނޑުމެންނަށް ބޭނުންވަނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން ޖޭއެސްސީއެކެވެ. އޭރުން ވެރިކަންކުރާ ޕާޓީއަށް ފަނޑިޔާރުންނަށް ބިރެއް ނުދެއްކޭނެއެވެ. އަޅުގަނޑުމެންނަށް ބޭނުންވަނީ ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރުން ހިފެހެއްޓޭނެ ޤާނޫނީ ލިމިޓްތަކެކެވެ. އަދި ދައުލަތުގެ ކުންފުނިތައް ސިޔާސީ ހާލީގު (political breeding grounds) ތަކަކަށް ހަދާ ވެރިންނަށް ހަރުކަށި މާލީ އަދަބު ދެވޭނެ ނިޒާމެކެވެ. ވެރިން އެމީހުންގެ މަޤާމުގެ ހުވާޔާ ޚިލާފުވުމުން، އެމީހުން ހިފަހައްޓާ، ޤާނޫނުގެ ކުރިމައްޗަށް ނެރެވޭނެ ފަދަ ހިތްވަރުގަދަ ރައްޔިތުންނާއި ޤާނޫނީ ނިޒާމެކެވެ.
2008 ގެ ޤާނޫނުއަސާސީގައި، ބާރުތައް ވަކިކުރުމާއި ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ހުރިހާ ވަޞީލަތްތަކެއް އެބަހުއްޓެވެ. ޤާނޫނުއަސާސީ ތަންފީޛުކުރަން ތިބި ނަޒާޙަތްތެރިކަމެއްނެތް މީހުންގެ ނުނިޔަތާއި ނާޤާބިލުކަމުގެ ބަދަލުގައި، ޤާނޫނުއަސާސީގެ ލިޔުމަށް ބަދުނާމު އެޅުވުން މިހާރު ހުއްޓާލަންވެއްޖެއެވެ. ދިވެހި ޑިމޮކްރެސީގެ ޙައްލަކީ އާ ޤާނޫނުއަސާސީއެއް އެކުލަވާލުމެއް ނޫނެވެ؛ އޮތް ޤާނޫނުއަސާސީއަށް ކިޔަމަންތެރިވެ، ކެރިގެން ޤާނޫނުއަސާސީ ތަންފީޛުކުރުމެވެ!
ލިޔުނީ: ފާރޫޤް މުޙައްމަދު ޙަސަން
