"ބަނޑާރަ ބާލީހަށް ކަފަ ލައްވައިގެން އުޅޭ ކުދިންނަށް އާންމު ރައްޔިތުންގެ ހާލަތެއް ނޭނގޭނެއެވެ" މިއީ ދިވެހި މުޖުތަމައުގައި ބޭނުންކުރެވެމުން އަންނަ ވަރަށް ބޭނުންތެރި، އަދި އެތައް ހަގީގަތްތަކެއް ހާމަކޮށްދޭ މަޖާޒީ ބަހެކެވެ. މުއްސަނދިކަމާއި އަރާމުގެ ތެރޭގައި، އެއްވެސް ދަތިކަމެއް ނުފެނި ބޮޑެތިވާ މީހުންނަށް އާންމު ނިކަމެތި ރައްޔިތުން އުފުލާ ތަކުލީފުތަކެއް އިހުސާސެއް ނުކުރެވޭނެއެވެ. މި މުހިންމު ނުކުތާއަކީ ހަމައެކަނި އިޖުތިމާއީ ދިރިއުޅުމަށް އެކަނި ޚާއްޞަ ކަމެއް ނޫނެވެ. މިއަދުގެ ސިޔާސީ މަޝްރަހަށާއި، ސިޔާސީ ޕާޓީތަކުގެ ހިންގުމަށް ބެލިކަމުގައި ވިޔަސް، މިއީ ފެންނަން އޮތް ވަރަށް ބޮޑު ހަގީގަތެކެވެ.
ސިޔާސީ މައިދާނަށް ބަލާއިރު، އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ލީޑަރުންނަކީ އާންމު ރައްޔިތުން ދިރިއުޅޭ ނިކަމެތި ހާލަތާ މުޅިން އެކަހެރިވެގެން އުޅޭ ބޭފުޅުންނެވެ. އަރާމު ދިރިއުޅުމާއި، މާލީ ތަނަވަސްކަމުގެ ތެރޭގައި ތިއްބަވާ ބޭފުޅުންނަށް، އާންމު އާއިލާއަކުން ދުވަހުގެ ކެއިންބުއިމާއި، ގޭގެ ކުއްޔާއި، ކަރަންޓު ބިލު ދެއްކުމަށް ކުރާ ހިތްދަތި މަސައްކަތެއް ވަޒަންކުރާކަށް ނޭނގޭނެއެވެ. ނަތީޖާއެއްގެ ގޮތުން، އެފަދަ ބޭފުޅުން ނެރުއްވާ ސިޔާސަތުތަކާއި ނިންމަވާ ނިންމެވުންތައް އުޅެނީ އާންމު ރައްޔިތުންގެ ހަގީގީ މައްސަލަތަކާ މުޅިން ދުރުގައެވެ.
މި މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުމުގެ ތެރެއިންނެވެ. ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް، އެ ޕާޓީއަކަށްޓަކައި އައްވާއި ވެހޭ ވާރޭވެހުމުގެ ތެރޭގައި މަސައްކަތްކުރާ އާންމު މެންބަރުންގެ އިހުސާސްތަކެއް ނޭނގެއެވެ. އިންތިޚާބުތަކާ ދިމާކޮށް އާންމު މެންބަރުންގެ ބޭނުން ހިފިކަމުގައި ވީނަމަވެސް، ވެރިކަމަށް އާދެވުމާއެކު، އާންމު މެންބަރުންގެ ކަންބޮޑުވުންތަކާއި އެމީހުންގެ ހާލަތު އިސްބޭފުޅުން ހަނދާންނެތެއެވެ.
ގައުމުގެ އިގްތިސާދީ މައްސަލަތަކާއި ތަކެތީގެ އަގު އުފުލުމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އާންމު ނިކަމެތި ރައްޔިތުންނަށެވެ. ނަމަވެސް، "ބަނޑާރަ ބާލީހުގައި" ތިއްބަވާ ސިޔާސީ ބޭފުޅުންނަށް މުދަލާއި ހިދުމަތްތަކުގެ އަގުބޮޑުވުމަކީ އެބޭފުޅުންގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް އަންނަ ކަމެއް ނޫނެވެ. އެހެންކަމުން، ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އަޅަން ސިޔާސީ ލީޑަރުންނަށް ނުއެނގެނީ އެމީހުންނަށް އެ ތަކުލީފު ސީދާގޮތެއްގައި އިހުސާސް ނުކުރެވޭތީއެވެ.
އޭގެ އިތުރުން، ސިޔާސީ ލީޑަރުންނާއި އާންމު މެންބަރުންނާ ދެމެދު އޮންނަ މުއާމަލާތް ކުރުމުގެ ފުރުސަތު އަންނަނީ ދުވަހެއް ދުވަހަކަށް ކުޑަވަމުންނެވެ. ސިޔާސީ ނިންމުންތައް ނިންމަނީ އޭސީ ކުރެވިފައިވާ ކޮޓަރިތަކުގައި، އާންމު ރައްޔިތުންގެ އަޑު އެއްގޮތަކަށްވެސް އަހައިނުލައެވެ. ޕާޓީގެ އާންމު މެންބަރަކު ކުރާ އާދޭހާއި، ރަށު ކައުންސިލް ނުވަތަ އަވަށު ފެންވަރުގައި ހުރި މައްސަލަތަކުގެ ހަގީގީ މަންޒަރު، ޕާޓީގެ އިސް ލީޑަރޝިޕާ ހަމައަށް ފޯރަނީ ވަރަށް މަދުންނެވެ.
މިފަދަ އެކަހެރިވުމުގެ ނަތީޖާއަކީ، އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ އިތުބާރު ނެތިގެން ދިއުމެވެ. އާންމު މެންބަރުންނަށް އެމީހުންގެ އަޑު ނުއިވޭކަން އިހުސާސްވާން ފެށުމުން، ސިޔާސީ ނިޒާމަށް އޮންނަ ޝައުގުވެރިކަން ކެނޑި، ސިޔާސީ ހަރާތްތަކާ ދުރުވާން ފަށައެވެ. މިއީ ގައުމެއްގެ ދިމުގުރާތީ ނިޒާމު ހީނަރުވެ، ރައްޔިތުންގެ ބައިވެރިވުން ކުޑަވެގެންދާ މުހިންމު ސަބަބެކެވެ.
މި އަނދަވަޅު ބޮޑުވިޔަނުދީ ހުއްޓުވުމަށްޓަކައި، ސިޔާސީ ލީޑަރުން އާންމު ރައްޔިތުންގެ ތެރެއަށް ނުކުމެ، އެމީހުންގެ ހާލު އަމިއްލައަށް ބަލައި ހޯދަންޖެހެއެވެ. ޕާޓީގެ އެތެރޭގެ ދިމުގުރާތީ ހިންގުން ވަރުގަދަކޮށް، އާންމު މެންބަރުންގެ ޚިޔާލާއި މަޝްވަރާއަށް އިސްކަންދޭނެ ނިޒާމެއް ގާއިމުކުރަންޖެހެއެވެ. ބަނޑާރަ ބާލީހުގެ އަރާމުން ދުރުވެ، ރައްޔިތުންގެ ހަގީގީ ދިރިއުޅުން ފެންނަ ހިސާބަށް ލީޑަރުން ތިރިވާންޖެހެއެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ބަނޑާރަ ބާލީހަށް ކަފަ ލައްވާ ކުދިންނަށް އާންމުންގެ ހާލަތު ނޭނގޭ ފަދައިން، ރައްޔިތުންގެ އިހުސާސްތަކާ ދުރުގައި ތިއްބަވާ ސިޔާސީ ލީޑަރުންނަށް ގައުމާއި ޕާޓީގެ އާންމު މެންބަރުންގެ ހާލަތެއް ނޭނގޭނެއެވެ. ގައުމަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ހަގީގީ ކުރިއެރުމެއް ލިބޭނީ، ލީޑަރުންނާއި އާންމު ރައްޔިތުންގެ ދެމެދުގައިވާ ފާރު ރޫޅާލައި، އިޚްލާޞްތެރިކަމާއެކު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކޮށްގެންނެވެ.
