ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން މަސްޖިދުލް އަޤްޞާ ބަންދުކޮށް، މުސްލިމުންނަށް އެ ބިމަށް ވަނުން މަނާކުރިތާ މިއަދަށް މިއީ 14 ވަނަ ދުވަހެވެ. މިއީ ފާއިތުވި 70 އަހަރުގެ ދިގު ތާރީޚުގައިވެސް، މިފަދަ ބަރަކާތްތެރި ދުވަސްވަރެއްގައި މިގޮތަށް މިސްކިތް ބަންދުކުރި ފުރަތަމަ ފަހަރެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގެ މުހިންމު ވަގުތުތަކާއި، ޚާއްޞަކޮށް ރަމަޟާން މަހުގެ ފަހު ހުކުރު ނަމާދުގެ ފުރުޞަތު މިކަމުގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނަށް ވަނީ ގެއްލިފައެވެ. އިސްލާމީ ދުނިޔެއިން މިކަން ސިފަކުރަނީ މުސްލިމުންގެ މުޤައްދަސް ބިމަށާއި، ދީނީ މިނިވަންކަމަށް ދީފައިވާ ވަރަށް ބޮޑު ހަމަލާއެއްގެ ގޮތުގައެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އަޤްޞާ މިސްކިތް ބަންދުކުރުމަކީ ހަމައެކަނި ދީނީ ކަމެއް ނޫނެވެ. އެމެރިކާއާއި އިސްރާއީލުން އިރާނަށް ދެމުންދާ ހަމަލާތަކާއި، އޭގެ ރައްދުގައި އިރާނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ބާރުތަކަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ
އެހެންކަމުން އިސްރާއީލުން މަސައްކަތް ކުރަމުންދަނީ ޢަރަބި ޤައުމުތައް މި ހަމަނުޖެހުމުގެ ތެރެއަށް ވައްދައި، މަސްރަޙު އިތުރަށް ގޯސްކުރުމަށެވެ..އަޤްޞާ ފަދަ މުސްލިމުންގެ ނާޒުކު ބިމެއް ބޭނުންކޮށްގެން މުސްލިމް އުންމަތަށް ޕްރެޝަރުކޮށް، ސަރަޙައްދުގައި އޮތް އިރާނުގެ ބާރު ކުޑަކުރުމަކީ މިކަމުގެ ފަހަތުގައިވާ ސިޔާސީ މަޤްޞަދެއް ކަމަށް ބެލެވެއެވެ.
މި ނުބައި ރޭވުންތަކުގެ ސަބަބުން ނިކަމެތިވަމުންދަނީ ފަލަސްތީނުގެ މައުސޫމް ރައްޔިތުންނެވެ. އަޤްޞާ މިސްކިތުގެ ޙުރުމަތް ކަނޑައި، މުސްލިމުންނަށް އަޅުކަންކުރުމުގެ ފުރުޞަތު ބަންދުކުރުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލެކެވެ.
