އިމާމް މުޙައްމަދު އިބްނު ޢަބްދުލްވައްހާބު رحمه الله ގެ ދަޢުވަތާއި، އޭގެ ޙަޤީޤަތް އަދި ތާރީޚީ އޮޅުވާލުންތައް

 


އިމާމް މުޙައްމަދު އިބްނު ޢަބްދުލްވައްހާބު (رحمه الله) ގެ ދަޢުވަތަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި އިފްތިރާތަކީ(ހަދައިގެން ދައްކާ ދޮގު ވާހަކަތަކަކީ) އިއްޔެއަކު މިއަދަކު އުފަންވި ކަމެއް ނޫނެވެ. މިއީ އެއިމާމް، އެޒަމާނުގައި އާންމުވެފައިވި ބިދުޢަތަކާއި މަގުފުރެދުންތަކާ ދެކޮޅަށް ފާޅުގައި ތައުޙީދުގެ ދަޢުވަތައިގެން ތެދުވެވަޑައިގަތް ހިސާބުން ފެށިގެން އުފަންވެފައިވާ ކަންކަމެވެ. ނަމަވެސް، ﷲ ތަޢާލާ އެއިމާމުގެ ދަޢުވަތުގައި ބަރަކާތް ލައްވައި ޤަބޫލުކުރެއްވިކަމުގެ އެންމެހާއި ބޮޑު އެއް ދަލީލަކީ، އެއިމާމަށް އަމާޒުކުރެވުނު ކޮންމެ އެންމެ ތުހުމަތަކާއި އިފްތިރާއެއް، ޢިލްމީ އަދި ޝަރުޢީ ދަލީލުތަކުން ފުރިހަމައަށް ރައްދުކުރެވި، ބާތިލުކުރެވިފައިވާ ކަމެވެ.

އިމާމް މުޙައްމަދު އިބްނު ޢަބްދުލްވައްހާބަށް ކުރެވޭ ތުހުމަތުތަކަށް ދެވިފައިވާ ރައްދުތަކަކީ ޖަޒުބާތީ ރައްދުތަކެއް ނޫނެވެ. އެއީ ކީރިތި ޤުރުއާނާއި، ނަބަވީ ސުންނަތާއި، ސަލަފުއްޞާލިޙުންގެ ފަހުމުގެ މައްޗަށް ބިނާކޮށް ދެވިފައިވާ ޢިލްމީ ރައްދުތަކެކެވެ. އެއިމާމުގެ ދަޢުވަތަކީ އާ ދީނެއް ނުވަތަ އައު އުޞޫލުތަކެއް ނޫނެވެ. އެއީ އިމާމް އަޙްމަދު އިބްނު ޙަންބަލް އަދި އިބްނު ތައިމިއްޔާ ފަދަ ސަލަފުގެ ބޮޑެތި އިމާމުން ދެއްކެވި ޙައްޤު މަގުގެ އިމްތިދާދެކެވެ. އެއިމާމަށް ތަބާވާ އެއްވެސް މީހަކު އެއީ މައުޞޫމު (ކުށް ނުކުރެވޭ) މީހެއްކަމަށް ނުވަތަ ނަބިއެއްކަމަށް ދަޢުވާއެއް ނުކުރެއެވެ. ނަމަވެސް، އެއިމާމުގެ ދަޢުވަތު ދިފާޢުކުރަންޖެހެނީ، އެއީ ރަސޫލުބޭކަލުން ގެންނެވި ޞާފު ތައުޙީދުގެ މެސެޖު އުއްމަތަށް ފޯރުކޮށްދެއްވުމުގައި އަދާކުރެއްވި މުހިންމު ދައުރަށްޓަކައެވެ.

އިމާމު މުޙައްމަދު އިބްނު ޢަބްދުލްވައްހާބުގެ ދަޢުވަތަށް އެންމެ ބޮޑަށް އަމާޒުކުރެވުނު އެއް ތުހުމަތަކީ، އެއިމާމަކީ އާންމުކޮށް މުސްލިމުން ކާފަރުކުރާ (ތަކްފީރުކުރާ) ބޭކަލެއް ކަމަށް ބުނެ ކުރެވޭ ތުހުމަތެވެ. ނަމަވެސް، އެއިމާމުގެ ލިޔުއްވުންތަކުންނާއި ސިޓީފުޅުތަކުން ސާފުވާ ގޮތުގައި، ޙައްޤަކާ ނުލައި މުސްލިމުން ކާފަރުކުރުމުން އެއިމާމުވަނީ ނުހަނު ބޮޑަށް ބަރީއަވެވަޑައިގެންފައެވެ. އެއިމާމު ވިދާޅުވެފައިވަނީ: "ތިމަންމެން މުސްލިމުން ކާފަރެއް ނުކުރަމެވެ. ތިމަންމެން ކާފަރުކުރަނީ މުޝްރިކުންނެވެ." އަދި ހަތަރު މަޛްހަބުގެ އިމާމުން އިއްތިފާޤުވެވަޑައިގެންފައިވާ، ޞަރީޙަ ދަލީލުން ސާބިތުވާ ކަންކަމުގައި މެނުވީ ތަކްފީރު ނުކުރައްވާކަން އެއިމާމުވަނީ އެކި ފަހަރު މަތިން ސާފުކޮށްދެއްވާފައެވެ.

އިސްލާމްދީނުގައި "ތަކްފީރުކުރުން" ނުވަތަ ކުފުރާއި އީމާންކަން ވަކިކުރުމަކީ ދީނުގެ އަސާސީ ބައެކެވެ. މައްސަލައަކީ ޙައްޤު ގޮތުގައި، ޝަރުޢީ ދަލީލާއި ޝަރުތުތައް ހަމަވެގެން ކުރެވޭ ތަކްފީރެއް ނޫނެވެ. ނަމަވެސް، ޖަޒުބާތާއި، އެދުންވެރިކަމާއި، ޖާހިލުކަމުގެ މައްޗަށް ބިނާކޮށް ކުރެވޭ ނުޙައްޤު ތަކްފީރެވެ. އިމާމު މުޙައްމަދު އިބްނު ޢަބްދުލްވައްހާބާއި އެއިމާމުގެ ދަޢުވަތުގެ ޢިލްމުވެރިން ވަނީ ނުޙައްޤު ތަކްފީރާ ދެކޮޅަށް އެންމެ އިންތިހާއަށް ވަކާލާތު ކުރައްވާފައެވެ. އަދި ހަމައެހެންމެ، ޝަރުޢީ ދަލީލުން ކުފުރު ސާބިތުވާ ހާލަތްތަކުގައި އެކަން ބަޔާންކޮށްދެއްވުމުގައި ފަސްޖެހިވަޑައިގެންފައެއްވެސް ނުވެއެވެ.

  • ތާރީޚީ ގޮތުން ބަލާއިރު، ސަޢުދީ ދައުލަތުގެ ތާރީޚާއި އިމާމު މުޙައްމަދު އިބްނު ޢަބްދުލްވައްހާބުގެ ދަޢުވަތާ ދެމެދުގައިވާ ތަފާތު ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ. ސަޢުދީ ދައުލަތް ބެހިގެންވަނީ ތިން މަރުޙަލާއަކަށެވެ:ފުރަތަމަ ސަޢޫދީ ދައުލަތް (1744 - 1818): މިއީ އިމާމު މުޙައްމަދު އިބްނު ޢަބްދުލްވައްހާބާއި އިމާމު މުޙައްމަދު އިބްނު ސުޢުދުގެ މެދުގައިވި ބަދަހި އެއްބަސްވުމުގެ މައްޗަށް، ޞާފު ތައުޙީދު ފެތުރުމަށާއި ޝިރުކާއި ބިދޭޢަތް ނައްތާލުމަށް ޤާއިމުކުރެވުނު ޙަޤީޤީ ދައުލަތެވެ.
  • ދެވަނަ ސަޢުދީ ދައުލަތް (1824 - 1891): މިއީވެސް އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެގެން ދެމިއޮތް ދައުލަތެކެވެ.
  • ތިންވަނަ ސަޢުދީ ދައުލަތް (1902 އިން ފެށިގެން): ޢަބްދުލްޢަޒީޒް އިބްނު ޢަބްދުއްރަޙްމާން އުފެއްދެވި މިއަދުގެ ސަޢުދީ ދައުލަތަކީ، އިމާމު މުޙައްމަދު އިބްނު ޢަބްދުލްވައްހާބުގެ ދަޢުވަތާއި، އެދަޢުވަތަށް ނިސްބަތްވި އިޚްލާޞްތެރި މުޖާހިދުން ("އިޚްވާން" ކޮންގްރެގޭޝަން) ސިޔާސީ މަޤްޞަދުތަކަށްޓަކައި ބޭނުންކުރުމަށްފަހު، އިނގިރޭސިންގެ އެހީތެރިކަމާއެކު އެބޭކަލުންގެ ދުވަސް ދުއްވާލައި، ބާރުވެރިކަން ހޯދި ދައުލަތެކެވެ.

 މަޞްލަޙަތަށްޓަކައި ދީން ބޭނުންކުރާ ފަރާތްތަކުން އިމާމު މުޙައްމަދު އިބްނު ޢަބްދުލްވައްހާބުގެ ދަޢުވަތުގެ ޙަޤީޤީ ރޫޙު އޮޅުވާލުމަށް މަސައްކަތް ކުރިނަމަވެސް، އެއިމާމުގެ ދަޢުވަތަކީ ވަކި ވެރިކަމަކަށް ނުވަތަ ވަކި ޢާއިލާއަކަށް ނިސްބަތްވާ ދަޢުވަތެއް ނޫނެވެ. މިއަދުވެސް އެއިމާމުގެ ޞާފު ޢަޤީދާ މަތީގައި ތިއްބެވި ޢިލްމުވެރިންނަކީ ޙައްޤު ބަސްވިދާޅުވުމުގެ ސަބަބުން ޖަލުތަކުގައާއި އެކި ކަހަލަ ފައްތާރުތަކުގައި ތިއްބެވި ބޭކަލުންނެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، އިމާމް މުޙައްމަދު އިބްނު ޢަބްދުލްވައްހާބުގެ ދަޢުވަތަކީ ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުގެ ނޫރުން އަލިކަން ހޯދައިގެންވާ، އިސްލާމްދީނުގެ ސާފު ތައުޙީދުގެ މެސެޖެވެ. އެ ދަޢުވަތަށް ކުރެވޭ އަސާސެއް ނެތް އިފްތިރާތަކާއި ތުހުމަތުތަކުން އެއިމާމުގެ ޤަދަރަކަށް އުނިކަމެއް ނާންނާނެއެވެ. އަދި އެ ދަޢުވަތުގެ ޙަޤީޤަތް އެނގޭނީ ތާރީޚީ ޙަޤީޤަތްތަކާއި އެއިމާމުގެ އަމިއްލަ ލިޔުއްވުންތައް ޢިލްމީ އަދި އިންޞާފުވެރި ނަޒަރަކުން ދިރާސާކޮށްގެންނެވެ.

~އައްޝައިޚް މޫސާ ޖިބްރީލް ގެ ދަރުސްތަކުން~

އަރުށީފު

އެންމެ މަޤްބޫލު