ޢުމަރު ތިޔަބޭފުޅުންގެ ނަޒަރުގައި ދެކެނީ ކިހިނެތް؟




ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަލާއިރު، ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރަކީ ޚާއްޞަ ސަމާލުކަމެއް ދެވިފައިވާ، އަދި ރައްޔިތުންގެ މެދުގައި ތަފާތު ނަޒަރިއްޔާތުތަކުން ދެކޭ ސިޔާސީ ޝަޚްޞިއްޔަތެކެވެ. ކުރިއަށް އޮތް ރިޔާސީ ރޭހަށް ނުކުންނަވާނެ ކަމަށް ބެލެވޭ އަދި ވޭތުވެދިޔަ ރިޔާސީ އިންތިޚާބުތަކުގައިވެސް އަމިއްލަ ގޮތުންނާއި ޕާޓީތަކުގެ ތެރެއިން ވާދަކުރައްވާފައިވާ ޢުމަރު ނަސީރަކީ، އެބޭފުޅާގެ ސިޔާސީ ފިކުރާއި ވިސްނުންތަކުގައި ސާބިތުކަމާއެކު ހިފަހައްޓަވާ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ. ސިޔާސީ ގޮންޖެހުންތަކާއި އެކި ކަހަލަ އޮއިވަރުތައް އައި ނަމަވެސް، އެބޭފުޅާ ދައްކަވާ ވާހަކަފުޅުތަކާއި ގެންގުޅުއްވާ އުޞޫލުތައް ބަދަލުނުކޮށް ސާބިތުވެ ހުންނެވުމަކީ ސިޔާސީ މައިދާނުގައި އެބޭފުޅާ ފާހަގަކޮށްދޭ މުހިންމު ސިފައެކެވެ.

ޢުމަރު ނަސީރުގެ ސިޔާސީ ވިސްނުންފުޅުގެ އެންމެ އިންގިލާބީ އަދި މުހިންމު އެއް މެސެޖަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގުމަށްޓަކައި ޚަރަދުކުޑަ، "ކުޑަ ސަރުކާރެއް" ނުވަތަ ލުއި ސަރުކާރެއް އުފެއްދުމުގެ މުހިންމުކަމެވެ. އެބޭފުޅާ ވިދާޅުވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ބޮޑު ބަޔެއް ސިޔާސީ މަޤާމުތަކަށާއި ބޮޑެތި ޚަރަދުތަކަށް ހޭދަކުރުމުގެ ބަދަލުގައި، ސަރުކާރު ބައްޓަންކުރެވެންޖެހޭނީ ރައްޔިތުންނަށް އެންމެ ފައިދާހުރި، ޚަރަދުކުޑަ އޮޅުންބޮޅުން ކުޑަ ނިޒާމެއްގެ ތެރެއިންނެވެ. ބޮޑެތި ސަރުކާރުތައް ހިންގުމުގެ ނަތީޖާއަކީ ދައުލަތް ދަރަނިވެ، އިސްރާފު ބޮޑުވުން ކަމަށްވާތީ، ކުޑަ ސަރުކާރަކުން އެކަނި ނޫނީ ޤައުމުގެ އިޤްތިޞާދީ ނާރެސް ރަނގަޅު މަގަށް ނުގެންދެވޭނެ ކަމަށް އެބޭފުޅާ ވަކާލާތު ކުރައްވައެވެ.

މީގެ އިތުރުން، ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތު ކުރެއްވުމަކީ ޢުމަރު ނަސީރުގެ ސިޔާސީ އެޖެންޑާގެ އެންމެ ކުރީގައިވާ އެއް ކަންތަކެވެ. ދައުލަތުގެ މާލިއްޔާއިން ވައްކަންކުރުމާއި، ނާޖާއިޒު ފައިދާ ނެގުމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ޔަޤީންކަން އެބޭފުޅާ އަބަދުވެސް ދެއްވައެވެ. ޤައުމުގައި ޤާނޫނު ސާބިތުކޮށް، ކުށްކުރުން ހުއްޓުވައި، ކޮރަޕްޝަންގެ ވަބާއިން ދައުލަތް ސަލާމަތްކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އެބޭފުޅާ ޤަބޫލުކުރައްވައެވެ. މިއީ ޤައުމުގެ އަމާންކަމާއި އަދުލުވެރިކަން ޤާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އެބޭފުޅާގެ ސިޔާސީ ޚިތާބުތަކުގައި ފާހަގަކުރައްވާ މައިގަނޑު އެއް ތަނބެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި ސިޔާސީ ޕާޓީތަކުގެ ނިޒާމަށް އަލިއަޅުއްވާލައްވަމުން، ދިވެހިރާއްޖޭގައި މިހާރު އޮތް ސިޔާސީ ޕާޓީތަކުގެ ނިޒާމަކީ ވަކި ބަޔަކު ބާކީކޮށް، އެކަހެރިކުރުމަށް ހިންގާ ދެކުނު އެފްރިކާގެ ކުރީގެ "އަޕާތެޑް" ނިޒާމު ފަދަ ނިޒާމެއްގެ ގޮތުގައި ޢުމަރު ނަސީރު ވަނީ ސިފަކުރައްވާފައެވެ. އެބޭފުޅާ ފާހަގަކުރައްވާ ގޮތުގައި، ބޮޑެތި ސިޔާސީ ޕާޓީތަކުން ވަނީ މުޅި ސިޔާސީ ނިޒާމު އެމީހުންގެ މުށުތެރެއަށް ލައި، އާންމު ރައްޔިތުންނާއި އަމިއްލަ ގޮތުން ނުކުންނަ ކެންޑިޑޭޓުންގެ އަޑުއެހުމާއި ފުރުޞަތުތައް ބަންދުކޮށްފައެވެ. މިއީ ވަކި ސިޔާސީ ނުފޫޒެއް އޮންނަ ބަޔަކަށް އެކަނި ފުރުޞަތު އޮންނަ، އާންމު ރައްޔިތުން ބާކީކޮށްފާނެ ނިޒާމެއްގެ ގޮތުގައި އެބޭފުޅާ ސިފަކުރައްވައެވެ.

ޤައުމުގެ އިޖުތިމާއީ އަދި އިޤްތިޞާދީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޢުމަރު ވިދާޅުވެފައިވެއެވެ. "ރައްޔިތުން ޓެކްސް ދައްކަމުން ދަނީ، އެހެންނަމަވެސް ރާއްޖޭގައި ހުރި ބޮޑެތި އެއްވެސް މައްސަލައަކަށް އެއްވެސް ހައްލެއް ނާދޭ. ވެރިކަން ބަދަލުވޭ. އެކަމަކު އެ ބަދަލެއް ނުއެއް ފެނޭ އަޅުގަނޑުމެންނަކަށް. ހަމަ މައްސަލަތައް ހުރި ގޮތަށް، ފުނި ޖެހިފައި." މިއީ މުޅި ރައްޔިތުންގެ އިޙްސާސްތަކާ ގުޅިފައިވާ، ޤައުމުގެ ހަގީގީ ހާލަތު ބަޔާންކޮށްދެއްވި ސަރީހަ ބަސްފުޅެކެވެ. ވެރިކަމުގެ ގޮނޑިއަށް އެކި ބޭފުޅުން ވަޑައިގެންނެވި ނަމަވެސް، އާންމު ރައްޔިތުން ތަހައްމަލުކުރާ ތަކުލީފުތަކަށް އެދެވޭ ހައްލެއް ނުލިބި، މައްސަލަތައް އިތުރަށް ގުޅިގެންދާ ކަން އެބޭފުޅާ ފާހަގަކުރައްވައެވެ.

 ޢުމަރު ނަސީރަކީ އަމިއްލަ އުޞޫލުތަކުގައި ތިއްބަވައިގެން ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލައްވާ، ޤައުމީ ބޮޑެތި މައްސަލަތަކަށް ސީދާ އަދި ސަރީހަ ހައްލުތަކެއް ހުށަހަޅުއްވާ ބޭފުޅެކެވެ. ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާ ހަރުކަށި ފިޔަވަޅުތަކާއި، ޚަރަދުކުޑަ ސަރުކާރެއް ހިންގެވުމުގެ ވިސްނުމަކީ ޤައުމަށް ބޭނުންތެރި ވިސްނުންތަކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް، ސިޔާސީ ނިޒާމު އޮތްގޮތުންނާއި، އެބޭފުޅާގެ ވިސްނުންފުޅުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާ މެދު ރައްޔިތުންގެ މެދުގައި ތަފާތު ޚިޔާލުތައް ހުއްޓެވެ. ކޮންމެއަކަސް، ޢުމަރު ނަސީރަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ނުފޫޒުގަދަ، އަދި ރައްޔިތުންގެ ސަމާލުކަން އަބަދުވެސް ހޯއްދަވާ ސިޔާސީ ޝަޚްޞިއްޔަތެކެވެ.

އަރުށީފު

އެންމެ މަޤްބޫލު