ދުނިޔަވީ އެދުންތަކާއި އާޚިރަތުގެ ޙަޤީޤަތް

 


އުމަވީ ޚަލީފާ ހިޝާމް ބިން ޢަބުދުލް މަލިކު އެއްފަހަރަކު ޙައްޖަށް ވަޑައިގެން ޠަވާފު ކުރައްވަމުން ވަޑައިގަންނަވަނިކޮށް، ސާލިމް ބިން ޢަބްދު ﷲ ބިން ޢުމަރު ބިން އަލް ޚައްޠާބު ފެނިވަޑައިގަތެވެ.

އޭނާގެ ފައިވާންޖޯޑުކޮޅު ފަޅައިގެން ގޮސްފައި ހުރިއިރު، އޭނާ ތުރުކުރައްވައިގެން ހުންނެވީ ދެ ދިރުހަމަށް ވުރެ އަގުދަށް ހެދުންކޮޅެކެވެ.

ޚަލީފާ ހިޝާމު، ސާލިމު ގާތަށް ވަޑައިގެން ސަލާމް ކޮށްލެއްވުމަށްފަހު ވިދާޅުވިއެވެ. "ސާލިމްއެވެ! އަޅުގަނޑުގެ ފަރާތުން އެއްވެސް ކަމެއް ބޭނުންފުޅުތޯއެވެ؟"

ސާލިމް ހައިރާންކަމާއެކު ކޯފާވެފައި ހުންނަވާ، ހިޝާމުއަށް ބައްލަވާ ލެއްވުމަށްފަހު ވިދާޅުވިއެވެ. "ތިބާ ލަދެއް ނުގަނޭ ތޯއެވެ؟ އަޅުގަނޑުމެން މިތިބީ، މާތް ﷲ ގެ ގެކޮޅުގައެވެ. އަދި ތިބާ ބޭނުންފުޅުވަނީ އަޅުގަނޑުގެ ބޭނުންތައް، މާތް الله ނޫން އެހެން ފަރާތަކަށް ހުށަހަޅަން ތޯއެވެ؟"

ޚަލީފާގެ މޫނުފުޅު މަތިން ފެނިގެން ދިޔައީ ލަދުވެތިކަމެވެ. އެހިސާބުން ސާލިމް ދޫކޮށް ލައްވާފައި އޭނާ ޠަވާފު ފުރިހަމަ ކުރެއްވިއެވެ.

ހިޝާމު ވަޑައިގަތީ ވަރަށް ގާތުން ސާލިމުގެ ޙަރަކާތްތައް ބައްލަވަމުންނެވެ. އަދި ސާލިމު ޙަރަމްފުޅުން ބޭރަށް ނުކުމެ ވަޑައިގަތްތަން ފެނިވަޑައިގަތުމުން، ސާލިމުގެ ފަސްފަހަތުން ވަޑައިގެން ވިދާޅުވިއެވެ. "ސާލިމުއެވެ! ތިބާގެ ބޭނުންފުޅުތައް، ޙުރުމަތްތެރިވެގެންވާ ގެފުޅުގެ ސަރަޙައްދުގައި އަޅުގަނޑަށް ހުށަހަޅުއްވަން ދެކޮޅު ހެއްދެވީމުއެވެ. މިހާރު ތިޔަ ހުންނެވީ ޙަރަމްފުޅުން ބޭރުގައެވެ. އަޅުގަނޑުގެ ގާތުން އެދި ވަޑައިގަންނަވާށެވެ."

ސާލިމު ވިދާޅުވިއެވެ. "ދުނިޔެއާއި އަދި އާޚިރަތުގެ ބޭނުންތައް މަނިކުފާނަށް ހުށަހަޅަން ތޯއެވެ؟"

ޚަލީފާ ހިޝާމު ވިދާޅުވިއެވެ. "އޭ ސާލިމުއެވެ! މި ދުނިޔެއިން ބޭނުންފުޅުވަނީ ކޮން ކަމެއްތޯއެވެ؟ އާޚިރަތުގެ ބޭނުންތައް އެއްވެސް މީހަކަށް، الله ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ކިބައަކުން ނޭދެވޭނެއެވެ."  

ޖަވާބުގައި ސާލިމު ވިދާޅުވިއެވެ. "އޭ ހިޝާމްއެވެ. الله ގަންދީ ބުނަމެވެ. އަޅުގަނޑު ދުވަހަކުވެސް ދުނިޔަވީ އެއްވެސް ކަމަކަށް، ހުރިހާ އެއްޗެއް މިލްކުވެގެންވާ އިލާހުގެ ކިބަފުޅުންވެސް އެދިފައެއް ނުއޮންނާނެއެވެ. ދެން އެއްވެސް އެއްޗެއް މިލްކުވެގެންނުވާ މީހެއްގެ ކިބައިން ދުނިޔަވީ ބޭނުމަކަށް އަޅުގަނޑު އެދޭނީ ކިހިނެއް ހެއްޔެވެ."

އެއާއެކު، ޚަލީފާ ހިޝާމް ބިން ޢަބްދުލް މަލިކުގެ ލޯފުޅުން ކަރުނަފޮދު އޮހޮރެމުން ދިޔައެވެ. އަދި އޭނާގެ މަޝްހޫރު ބަސްފުޅު ވިދާޅުވިއެވެ.

"އަހުރެންގެ ހުރިހާ މުދަލަކާއެކު އަހުރެން ސާލިމް ފަދަ މީހަކަށް ވީނަމައެވެ!"

މިއީ، މާތް ﷲ މަޢުރިފާކޮށް ދެނެގަންނަ މީހުންގެ ލޮލުން ދުނިޔެއާއި، ދުނިޔޭގެ ޒީނަތްތެރިކަން، ދެކޭ ގޮތެވެ.

މިއަދު އަޅުގަނޑުމެން މިއުޅެނީ މުދަލާއި، ފައިސާއާއި، މަޤާމާއި ޖާހަށްޓަކައި، އެއްބަޔަކު އަނެއްބަޔަކާއި ޒުވާބުކޮށް ގަނާކުރުމުގައެވެ. އަދި މިފަނާވެދަނިވި ދުނިޔޭގެ އެދުންތަކަށްޓަކާ އެއްބަޔަކު އަނެއް ބަޔަކާއި އިއްތިހާދު ވުމުގައެވެ. އެކަމަށްޓަކާ އަހުރެމެން އެއްބަޔަކު ދެކެ ލޯބިވަމުއެވެ. އަދި އަނެއް ބަޔަކު ދެކެ ނަފްރަތު ވަމުއެވެ. އަހުރެމެންގެ އުންމީދުތައް ގުޅިފައިވަނީ މި ފަނާވެދަނިވި ދުނިޔެއާއެވެ. ނިމުމެއް ނުވާ އާޚިރަތުގެ މަތިން، އެއްވެސް މީހަކު ހަނދާނެއް ނުކުރެއެވެ.

ޔާ الله! އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިފަނާވެދަނިވި ދުނިޔެ ކަމުގައި ނުލައްވާދޭނވެ!

މަސްދަރު: އަލްބިދާޔާ ވައްނިހާޔާ {9/235}

އުމަވީ ޚަލީފާ ހިޝާމް ބިން ޢަބުދުލް މަލިކު އެއްފަހަރަކު ޙައްޖަށް ވަޑައިގެން ޠަވާފު ކުރައްވަމުން ވަޑައިގަންނަވަނިކޮށް، ސާލިމް ބިން ޢަބްދު ﷲ ބިން ޢުމަރު ބިން އަލް ޚައްޠާބު ފެނިވަޑައިގަތެވެ.

- ފޭސްބުކްގެ މަންސައިން ނަކަލު ކުރެވިފައި ( އައިމަން ވާހިދު)-

އަރުށީފު

އެންމެ މަޤްބޫލު