ސިޔާސީ ޗަރުކޭހާއި ރައްޔިތުންގެ ޖީބު: އޮގަސްޓް 12 ގެ މުޒާހަރާއިން ލިބޭނީ ކޮން ހައްލެއް؟




ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އަނެއްކާވެސް އާ މުޒާހަރާއެއްގެ އަޑު ގަދަވެއްޖެއެވެ."ކަޅު ހުކުރު" ގެ ގޮތުގައި ތާރީޚުގެ ތެރެއަށް ވަދެފައިވާ އޮގަސްޓް 12 އާ ދިމާކޮށް، އިދިކޮޅު އެމްޑީޕީން މާލޭގައި ބޮޑު މުޒާހަރާއަކަށް ނުކުންނަނީއެވެ. ބޭނުމަކީ ތަކެތީގެ އަގު އިންތިހާއަށް އުފުލި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުން އެކަމާ ދެކޮޅަށް އަޑުއުފުލުމެވެ. ނަމަވެސް، މިއަދު އުފެދޭ އެންމެ ބޮޑު ސުވާލަކީ: މިފަދަ މުޒާހަރާތަކުން އާންމު ރައްޔިތު މީހާގެ ދިރިއުޅުމަށް ލިބޭނީ ކޮން ހައްލެއް ހެއްޔެވެ؟

ދިވެހި ރައްޔިތުންނަކީ ސިޔާސީ ބަދަލުތަކަށް ފުރުޞަތު ދިން ބަޔެކެވެ. އެމްޑީޕީއަށް ދިވެހިން ދެވަނަ ފަހަރަށްވެސް ވެރިކަން ދިނެވެ. ފުރަތަމަ 2008 ގައެވެ. ދެން 2018 ގައެވެ. ނަމަވެސް، ކޮންމެ ފަހަރަކު ވެރިކަމަށް އައުމަށްފަހު އަދި ވެރިކަން ނިމިގެންދާއިރު، އާންމު ރައްޔިތު މީހާގެ ފުއްދުންތެރިކަމަށް އައި ޙަޤީޤީ ކުރިއެރުމަކީ ކޮބައިހެއްޔެވެ؟

 ކޮންމެ އިންތިޚާބަކާ ދިމާކޮށް މޮޅެތި ހިޔާލީ ސިއާރުތަކާއި އުއްމީދީ ވައުދުތައް ވިއްކައިގެން ރައްޔިތުންގެ ވޯޓު ހޯދުމަކީ އާދައެކެވެ. ނަމަވެސް، ވެރިކަން ނިމިގެންދާއިރު ފެންނަނީ އަނެއްކާވެސް އިޤްތިޞާދީ އަދި އިޖުތިމާއީ މައްސަލަތައް އެގޮތުގައި ހުންނަ ތަނެވެ.

މިއަދު ތަކެތީގެ އަގު ބޮޑުވެ، އާންމު ދިރިއުޅުމުގެ އަސާސީ ޚަރަދުތައް ހަމަޖެއްސުމަކީ ކޮންމެ ދިވެހި އާއިލާއަކަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. ލިބޭ އާމްދަނީއާ ނުބައްދަލަށް ޚަރަދުތައް މައްޗަށް ދިއުމަކީ ރައްޔިތުން ކަންބޮޑުވާންޖެހޭ އަދި ޝަކުވާކުރަންޖެހޭ ކަމެކެވެ.

ނަމަވެސް، މިއީ ހަމައެކަނި މިއަދުގެ ސަރުކާރުގެ ނުވަތަ ވަކި ދަނޑިވަޅެއްގެ މައްސަލައެއް ނޫނެވެ. މިއީ ޒަމާނުއްސުރެ ސިޔާސީ ވެރިން ޤައުމާއި ރައްޔިތުންނަށް އިޚްލާޞްތެރި ނުވުމުގެ ނަތީޖާއެވެ. ދުރު ރާސްތާގެ އިޤްތިޞާދީ ރޭވުންތެރިކަމެއް ނެތި، ހަމައެކަނި ސިޔާސީ މަންފާއަށް ނިންމާ ނިންމުންތަކުގެ ހިތި ނަތީޖާ ތަޙައްމަލުކުރަން މިޖެހެނީ އާންމު ރައްޔިތުންނަށެވެ.

އޮގަސްޓް 12 ގައި ކުރަން މިއުޅޭ މުޒާހަރާއިންވެސް ތަކެތީގެ އަގު ހެޔޮވުމުގެ އިޤްތިޞާދީ ހައްލެއް ފެންނާކަށް ނެތެވެ. ފެންނަނީ މަގުމަތި ހަލަބޮލިކޮށް، ސިޔާސީ ގޮތުން މަޝްރަޙު ގަޑުބަޑު ކުރުމުގެ ސިފައެކެވެ.

މިއީ ޒަމާނުއްސުރެ ރާއްޖޭގެ ސިޔާސީ ވެރިން ކަންކުރަމުންދާ އުޞޫލެވެ.ސިޔާސީ ވެރިން އަޑީގައި ތިބެ، އެމީހުންގެ ނުފޫޒު ފޯރުވޭ އާންމު މީހުން މަގުމައްޗަށް ނެރެއެވެ.މުޒާހަރާގެ ނަތީޖާއަކަށް ވަނީ ސިޔާސީ ގޮތުން ވަކި ބަޔަކު "ދޮންވުމެވެ." އެމީހުންގެ ސިޔާސީ އެޖެންޑާ ހާސިލުވުމެވެ. މުޒާހަރާ ނިމި، ދުމާއި އަޑުގަދަވުން ކެނޑުމުން އާންމު މީހާ ހުންނާނީ ހަމަ ކުރިންވެސް ހުރި ހާލަތުގައެވެ. ތަކެތީގެ އަގަކަށް އައި ބަދަލެއް ނޯންނާނެއެވެ.

12 އޮގަސްޓް 2004 ގެ އިޞްލާޙީ ޙަރަކާތަކީ ރާއްޖޭގެ ތާރީޚީ ދުވަހެކެވެ. ނަމަވެސް، އެފަދަ ރަމްޒީ ދުވަސްތަކުގެ ނަން ބޭނުންކޮށްގެން ސިޔާސީ ޕާޓީތަކުން ޖަހާ ސަކަރާތްތަކަށް އާންމު ރައްޔިތުން ސަމާލުވާންޖެހެއެވެ.

ސިޔާސީ ވެރިންގެ އަމިއްލަ އެދުމަށްޓަކައި ކުރާ މުޒާހަރާތަކުގައި ބައިވެރިވެ، މަގުމަތި ހަލަބޮލިކުރުމުގެ ކުރިން ވިސްނާލަންޖެހެއެވެ. ރައްޔިތުންނަށް ބޭނުންވަނީ މަގުމަތީގެ ހަލަބޮލިކަމާއި ހުސް ޝިއާރުތަކެއް ނޫނެވެ. ދިވެހިންނަށް މިއަދު ބޭނުންވަނީ ޙަޤީޤީ އިޤްތިޞާދީ އިޞްލާޙާއި، ރައްޔިތުންގެ ޖީބަށް ލުއިވާނެފަދަ އިޚްލާޞްތެރި ޢަމަލީ ހައްލުތަކެކެވެ.

 

އަރުށީފު

އެންމެ މަޤްބޫލު