ދިވެހިރާއްޖެއަށް ޑޮލަރުގެ ކާރިސާއެއް ދިމާ ވެފައި އޮތުމުގެ ސަބަބުތަކާއި މައްސަލައިގެ ޙައްލުތައް -2



6. ދިވެހިރާއްޖޭގައި ޑޮލަރުގެ މައްސަލަ މި ގޮތަށް އަދި މި ދަރަޖަޔަށް ދިމާ ވުމުގެ މައިގަނޑު އަނެއް ސަބަބަކީ، ރާއްޖޭގެ އެތެރޭގެ އިޤްތިޞާދު "ޑޮލަރައިޒް" ކޮށްފައި އޮތުމެވެ. މާނައަކީ، ރާއްޖޭގައި ލީގަލް ޓެންޑަރއެއް ފަދައިން، އެތެރޭގެ މުޢާމަލާތުތަކުގައި ފައިސާގެ ގޮތުގައި ޑޮލަރު ބޭނުން ކުރުމެވެ. ރާއްޖޭގައި ކުއްޔަށް ދޭ ތަންތަނުގެ ކުލި ޑޮލަރުން ނަގައެވެ. ރިސޯޓުތަކުން ފެށިގެން ގޮސް ސަރުކާރުގެ އެތައް ހާސް މުއައްޒަފުންނަކަށް، ޑޮލަރުން މުސާރަ ދެއެވެ. އެތެރޭގެ ވިޔަފާރީގެ އެތައް މުޢާމަލާތެއްގައި ޤައުމީ ފައިސާ ފަދައިން ޑޮލަރު ބޭނުން ކުރެވެއެވެ. މިގޮތުން ޑޮލަރު ބޭނުން ކުރެވޭ ދާއިރާ އާއި މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވެސް ވަމުންނެވެ. މި ކަންކަން މިހެން މި ހިނގަނީ، ވަކި އިސްތިސްނާ ޙާލަތުތަކެއްގައި މެނުވީ ރާއްޖޭގައި "މީޑިއަމް އޮފް އެކްސްޗޭންޖް" އެއްގެ ގޮތުގައި ޑޮލަރު ބޭނުން ކުރުން ޤާނޫނުން މަނާ ކޮށްފައި ވަނިކޮށެވެ. އެކަން ކުރެވެމުން ދަނީ ޤާނޫނު ވެސް މުގުރައިލައިގެންނެވެ. 


މިހެން ވުމުން، ރާއްޖޭގައި ޑޮލަރުގެ ޑިމާންޑު ބޮޑު ވެއެވެ. ދިވެހި ރުފިޔާގެ ޑިމާންޑު ދަށް ވެއެވެ. ދެން ނުކުންނާނޭ ޟަރޫރީ އަދި ސާފު ނަތީޖާއަކީ، ދިވެހި ރުފިޔާ ބަލިކަށި ވުމެވެ. ދިވެހި ރުފިޔާގެ އަގު ވެއްޓުމެވެ. އެޔާއެކު، ރާއްޖޭގައި ލާދަ ނުވަތަ އިންފްލޭޝަން މަތި ވުމެވެ. ޑޮލަރުގެ އަގު ބޮޑު ވުމެވެ. މި ކަންކަމާ އެކު، ޢާއްމު ފަރުދުންނާއި ވިޔަފާރިތަކުން، މުއްސަނދިކަން ރައްކާ ކުރުމުގެ (Store of Wealth) ވަސީލަތެއްގެ ގޮތުގައި ވެސް ދިވެހި ރުފިޔާގެ ބަދަލުގައި ޑޮލަރު ބޭނުން ކުރާނެއެވެ. އެތައް ބަޔަކު ޑޮލަރު ހޯދައިގެން، ބޭންކުގައި ޑޮލަރު އެކައުންޓު ހުޅުވައިގެން އެ އެކައުންޓުގައި ނުވަތަ ގޭގެ ތިޖޫރީގައި ޑޮލަރު "ބައް" ކޮށްގެންނާއި އިކްތިނާޒު (hoard) ކޮށްގެން އުޅުން ޢާއްމު ވާނެއެވެ. އޭގެ ސަބަބުން، ޑޮލަރުގެ އަގު ބޮޑު ވުމާއި ރުފިޔާގެ އަގު ވެއްޓުމުގެ މައްސަލަ އިތުރަށް ދާނީ ގޯސް ވަމުންނެވެ. އާދެ، ގޯހުން ގޯހަށެވެ. ނުބައިން ނުބަޔަށެވެ. 


މި ކަމުގެ ޙައްލަކީ ކޮބައިތޯއެވެ؟


މި ކަމުގެ ޙައްލަކީ މަޑުމަޑުން، އެކަމަކު ހަރުދަނާ އަދި ޤައުމީ މާލިއްޔަތާއި އިޤްތިޞާދު ތަންދޭ އެންމެ ކުރު މުއްދަތަކުން ތަންފީޒު ކުރެވޭ ޝާމިލު ތަދުބީރެއްގެ ވަސީލަތުން، ރާއްޖޭގެ އެތެރޭގެ މާލީ މުޢާމަލާތުތައް "ޑީޑޮލަރައިޒް" ކުރުމެވެ. ދިވެހި އިޤްތިޞާދުގައި، ދިވެހި ޤައުމުގައި ކުރެވޭ މުޢާމަލާތްތަކުގެ ތެރެއިން، އިޤްތިޞާދީ އަދި ޤާނޫނީ ހެޔޮ އަސާސްތައް ހުއްދަ ކުރާ މަގުން ބޭރު ފައިސާއިން ކުރާން ޖެހޭ މުޢާމަލާތުތައް ފިޔަވައި، އެހެން ހުރިހައި މުޢާމަލާތެއް ދިވެހި ބަހުން ކުރުން މަޖުބޫރު ކުރުމެވެ. މީގެ ތެރޭގައި، ރިސޯޓުތަކުގެ މުއައްޒަފުންނާއި، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑު ފަދަ އެސްއޯއީ ކޯޕޮރޭޝަންތަކުގެ މުއައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން މުޅީން ހުއްޓައިލުން ވެސް ހިމެނޭން ވާނެއެވެ. ޑޮލަރުން މުސާރަ ލިބޭ މީހުން ކިތަންމެ ރުޅި އަޔަސް، އަދި އެމީހުން ކިތަންމެ ވަރަކަށް ޝަކުވާ ކުރިޔަސް، ޤައުމާއި ޤައުމީ އިޤްތިޞާދާއި ރައްޔިތުންގެ އިޤްތިޞާދީ އަދި މާލީ މުސްތަޤުބަލާއި އިޤްތިޞާދީ ޢަދާލަތަށް ޓަކައި، މިއީ ކޮންމެހެން ވެސް އަޅާން ޖެހޭ ފިޔަވަޅެކެވެ. ހަމަ އެހެންމެ، ޑޮލަރުން ކުލި ނެގުމާއި، މުދަލާއި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުން ފަދަ ހުރިހައި ކަމެއް ޖެހެނީ ހުއްޓުވާށެވެ. ރިސޯޓުތަކުން ފެށިގެން ގޮސް ރަށްރަށުގެ ކަންމަތީ ފިހާރަތަކާ ހަމަޔަށް، އަދި އެހެނިހެން މުޢާމަލާތުތަކުގައި ވެސް މެއެވެ. ބޭންކް އޮފް މޯލްޑިވްސްގައި ޑޮލަރު އެކައުންޓު ހުޅުވައިގެން ޑޮލަރު ގެންގުޅުމާއި، ޤައުމުގައި ޑޮލަރު އޭޓީއެމްތައް ބެހެއްޓުން ވެސް ޖެހެނީ އެއްކޮށް ހުއްޓައިލާށެވެ. ކުރުކޮށް ދަންނަވަންޏާ، ދިވެހިރާއްޖޭގައި އުޅޭ މީހަކަށް ދިވެހި އިޤްތިޞާދުގައި ބޭނުން ކުރެވޭނެ ހަމައެކަނި ފައިސާއަކީ ދިވެހި ރުފިޔާ ކަމަށް ހަދާން ޖެހެއެވެ. މި ފިޔަވަޅުތަކާ އެކު، ބޭރުފައިސާ ބޭނުން ކުރެވެނީ ބޭންކުން ދީފައި އޮންނަ ކާޑަކުން ރާއްޖެއިން ބޭރުން ތަކެތި ގަތުމުން ބޭންކުން ޕޭމަންޓް ހަދައިދޭ އުޞޫލުން، އަދި ރާއްޖެއިން ބޭރަށް ދާން ވީމާ ފޮރެކްސް ބާޒާރުން ޤާނޫނު ހުއްދަ ކުރާ މަގުން ގަނެގެން ބޭރުގައި ބޭނުން ކުރުމަށް ގެންދާ އުޞޫލުން، ނުވަތަ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުން ބޭންކު ކާޑު ބޭނުން ކުރުމުން ބޭންކުން ޑޮލަރު ސަޕޯޓު ދޭ އުޞޫލުން، އަދި ރާއްޖެއިން ބޭރުގައި ކިޔަވާން ކޮންމެހެން ވެސް ޖެހޭ ދަރިވަރުން ބޭރުގައި ކިޔެވުމަށް ދައުލަތުން ބޭންކުތައް މެދުވެރި ކޮށް ބޭރު ފައިސާ ދޭ އުޞޫލުން ކަމަށް ހެދުމުން، މައްސަލަ ޙައްލު ކުރުމަށް ވަރަށް ބޮޑު ބާރެއް އެޅޭނެއެވެ.


ނަމަވެސް، މި ފިޔަވަޅުތައް ކާމިޔާބުކަމާ އެކު އެޅޭނީ، ރުފިޔާ ވަރުގަދަ ކޮށް، ރުފިޔާއަށް އިތުބާރު ހޯދިގެންނެވެ. ވީމާ، މިއީ ހަމައެކަނި ޤާނޫނުގެ ބާރުގައި ކުރެވިދާނޭ ކަމެކޭ އަޅުގަނޑުމެން ހީ ކޮށްގެން ނުވާނެއެވެ. މިކަން ކުރެވޭނީ ދައުލަތުގެ މާލިއްޔަތާއި ޤައުމީ އިޤްތިޞާދު ވަރުގަދަ ކުރުމަށް ހިންގޭ ޝާމިލު ޕްރޮގްރާމެއްގެ ތެރެއިން، އިޤްތިޞާދީ އިޞްލާޙުތައް ވެސް ގެނެސްގެންނެވެ. 


7. ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރީން/މުއައްޒަފުންގެ ޢަދަދު އަހަރަކަށް ވުރެ އަހަރެއް މަތި ވަމުން ގޮސް، ޚުދު ދިވެހި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ވެސް، ޤައުމުގައި ބިދޭސީން ވަޒީފާތަކާއި މަސައްކަތްތަކުގައި ތިބީ ކިހައިވަރަކަށް ކަމާ މެދު ތަނެއް ދޮރެއް ދޮރޯށްޓެއް ނޭނގޭ ވަރު މިހާރު ވަނީ ވެފައެވެ. އެ ހުރިހައި މީހުން ގެންދަނީ، ރާއްޖޭގެ އިޤްތިޞާދުން ޑޮލަރު ނަގައި، އެމީހުންގެ ޤައުމުތަކަށް ފޮނުވަމުންނެވެ. މި ގޮތުގެ މަތީން ރާއްޖޭގެ އިޤްތިޞާދުން ބޭރު ވަމުންދާ ޑޮލަރުގެ ޢަދަދަށް ބަލާ އިރު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، 2025 ވަނަ އަހަރު އެކަނި، ބިދޭސީ މަސައްކަތްތެރީން ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން 661 މިލިއަން ޑޮލަރު ބޭރު ކުރިއެވެ. މި ޢަދަދު 2026 ވަނަ އަހަރު 690 މިލިއަނަށް އަރާނޭ ކަމަށް ވެސް އެމްއެމްއޭއިން އަންދާޒާ ކޮށްފައި ވެއެވެ. ކުރިޔަށް އޮތް ހަތަރު ފަސް ހައެއްކަ އަހަރުގެ ތެރޭގައި މި ޢަދަދު އަހަރަކު 1 ބިލިއަން ޑޮލަރާ ހަމަޔަށް އުފުލޭނެ ކަމުގެ ބިރު އެބައޮތެވެ. ވަރަށް ބޮޑަށެވެ.


ވިސްނަވާށެވެ! މިއީ ޤާނޫނީ ގޮތުން ހިނގާ ގޯހެއް ނޫނެވެ. މިއީ ޚުދު އަޅުގަނޑުމެން ދިވެހީންގެ، އަދި އަޅުގަނޑުމެންގެ ސަރުކާރުތަކުގެ އުޅުމާއި އަޚްލާޤާއި ސިޔާސަތުތައް ފޭލި ވުމުގެ ނަތީޖާއެވެ. ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ވެއްޓިފައި ވާ ދަށު ދަރަޖައިގެ ނަތީޖާއެވެ. ޤައުމު ބިނާ ނުކުރެވުމުގެ ނަތީޖާއެވެ. މި ކަންކަން ހުރި ގޮތުގެ ސަބަބުން، ޒިންމާދާރުކަން ކުޑަ އަދި ޤައުމީ މަޞްލަޙަތު ކަތިލެވޭ ގޮތެއްގައި ބިދޭސީ މަސައްކަތްތެރީންނަށް ރޭރު ވެގެން ތިބިތިބުމުގެ ނަތީޖާއެވެ. އަމިއްލަޔަށް މި ކަނޑައިލެވެނީ ގަހުގައި އަޅުގަނޑުމެން ތިބި ގޮފި ނޫންތޯއެވެ؟


މި ކަމުގެ ޙައްލަކީ، އެންމެން ވެސް ދަންނާނޭ ފަދައިން، ބިދޭސީ މަސައްކަތްތެރީންނަށް ރޭރު ވުން ހުއްޓުމެވެ. ބިދޭސީ މަސައްކަތްތެރީން ރާއްޖެ ގެނައުމާއި އައުމާ ބެހޭގޮތުން، ޤައުމީ ޢާއްމު މަޞްލަޙަތާއި، ޤައުމީ އިޤްތިޞާދީ އަދި މާލީ މަޞްލަޙަތުތައް ރައްކައުތެރި ކުރެވޭ ކަހަލަ ޝާމިލު ސިޔާސަތެއް އެކުލަވައިލުމެވެ. އެ ސިޔާސަތު ތަންފީޛު ކުރާނޭ ހަރުދަނާ ޤާނޫނުތައް ހެދުމެވެ. އެ ސިޔާސަތުތަކާއި ޤާނޫނުތައް ތަންފީޛު ކުރާނޭ ޙުކޫމަތުގެ މުއައްސަސާތައް ވަރުގަދަ ކުރުމެވެ. ޤައުމުގެ މަސައްކަތްތެރި ޢުމުރުގެ މީހުން މަސައްކަތްތެރި ކުރުވުމެވެ. އެމީހުންގެ މަސައްކަތުގެ ހުނަރު ކުރި އެރުވުމެވެ. އެމީހުންގެ މަސައްކަތުގެ އަޚްލާޤު ބިނާ ކުރުމެވެ. ދިވެހީންނަށް އަދާ ކުރެވޭނެ ވަޒީފާތަކަށް އަދި ދިވެހީން އަދާ ކުރުން ޤައުމީ މަޞްލަޙަތު ނިޔާ ކުރާ ވަޒީފާތަކަށް ބިދޭސީން ނުގެނައުމެވެ. 


މި ދެންނެވި ފިޔަވަޅުތައް ރަނގަޅަށް ތަންފީޛު ކުރެވިއްޖެއްޔާ، ބިދޭސީ މަސައްކަތްތެރީން ރާއްޖެ ގެނެވޭނީ ރާއްޖޭގެ މަޞްލަޙަތު ނިޔާ ކުރާ، އެންމެ މަދު މިންވަރަށެވެ. އެއިރުން، އެމީހުންގެ ޙައްޤުތައް ޙިމާޔަތް ކޮށްދިނުމާއި، އެމީހުންނަށް ހެޔޮކޮށް ހިތައި އިޙުސާންތެރި ވުމާއި، އެމީހުންނަށް ދެވޭ މުސާރަ ހުއްދަ އަދި ޖާއިޒު ގޮތުގައި އެމީހުންގެ ޤައުމަށް ފޮނުވުމަށް ބޭނުން ވާ ބޭރު ފައިސާގެ ސަޕޯޓު ދިނުން ވެސް އަޅުގަނޑުމެންނަށް "ބުރިކަށި ބިންދައިލާ" ފަދަ ބުރަޔަކަށެއް ނުވާނެއެވެ. 


8. އަޅުގަނޑުމެންގެ އިޤްތިޞާދުގައި ދިވެހި ރުފިޔާ ގިނަ ކުރުމަކީ ވެސް، ޑޮލަރުގެ ކާރިސާގެ މައްސަލަ ބޮޑު ކޮށް ގުނަ ކުރާ ބަހާއެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މި ސަރުކާރުން ވެސް، އަދި މީގެ ކުރީން އޮތް ސަރުކާރުން ވެސް، ވަނީ ގިނަ ޢަދަދަކަށް ދިވެހި ރުފިޔާ "ޗާޕު" ކޮށް އިޤްތިޞާދަށް ނެރެފައެވެ. މިކަން ކުރަނީ ޙަޤީޤަތުގައި އިޤްތިޞާދު ފުޅާ ކުރުމެއް، ޤައުމީ އުފެއްދުންތެރިކަން އިތުރު ކުރުމެއް، މާލިއްޔަތު އިޞްލާޙު ކުރުމެއް ނެތިއެވެ. ޖުމުލަކޮށް ދަންނަވަންޏާ، ސަރުކާރުތަކުގެ ނާޤާބިލުކަމާއި، ކޮރަޕްޝަނާއި، ދޯދިޔާ ސިޔާސަތުތަކުގެ ތެރެއިން ޚަރަދުތައް އިންތިހާއަށް ބޮޑު ވުމުން، އެ ޚަރަދުތައް ކުރާނެ ފައިސާ ހޯދުމުގެ ގޮތުންނެވެ. ނަތީޖާއަކީ، ރުފިޔާގެ ޑިމާންޑަށް ވުރެ "ސަޕްލައި" އިތުރު ވެގެން، ރުފިޔާގެ އަގު ދަށް ވުމެވެ. ޤައުމުގެ އިޤްތިޞާދުގައި އެނބުރޭ ޑޮލަރަކަށް ޖެހޭ ރުފިޔާގެ މިންވަރު މަތި ވުމުން، ޑޮލަރުގެ ނިސްބަތުގައި ރުފިޔާގެ އަގު ވެއްޓުމެވެ. ހަމަ އެހެންމެ، އިތުރު ވާ ރުފިޔާއިން ގަންނާނޭ މުދަލާއި ޚިދުމަތްތައް އަޅުގަނޑުމެންގެ އިޤްތިޞާދުގައި ނުއުފެއްދޭ ޙާލަތުގައި، އެ ރުފިޔާއިން މީހުން ރާއްޖެއިން ބޭރުން އިންޕޯޓު ކުރެވޭ މުދަލާއި ޚިދުމަތް ހޯދާން ދިމާ ކުރުމުން، އެ އިންޕޯޓަށް އަނެއްކާވެސް އިތުރު ޑޮލަރު ހޭދަ ވުމާއި، އޭގެ ސަބަބުން ވެސް ރުފިޔާގެ ނިސްބަތުގައި ޑޮލަރުގެ ބާރު ގަދަ ވެ ޑޮލަރުގެ އަގު ބޮޑު ވުމެވެ. 


މި ކަމުގެ ޙައްލެއްގެ ގޮތުގައި އެޅިދާނޭ ފިޔަވަޅުތަކުގެ ތެރެއިން މައިގަނޑު ދެތިން ފިޔަވަޅެއް ފާހަގަ ކޮށްލާނަމެވެ. 


އެއް ފިޔަވަޅަކީ ސަރުކާރުގެ ބަޖެޓް ޑެފިސިޓު ދެކޮޅު ޖެއްސުމަށް ޓަކައި ދިވެހި ފައިސާ ޗާޕު ކުރުން މުޅީން ހުއްޓައިލުމެވެ. ފައިސާ ޗާޕު ކޮށްގެން ބަޖެޓު ދެކޮޅު ޖެއްސުމުގެ ބަދަލުގައި، ޙުކޫމަތުގެ ޚަރަދުތައް ކުޑަ ކުރުމެވެ. ބޭކާރު މުއައްސަސާތައް އުވައިލުމެވެ. ބޭކާރު އަދި ސިޔާސީ މަޤްޞަދުތައް ފިޔަވައި އެހެން ބޭނުމެއް ނެތި ވަޒީފާ ދީފައި ތިބި އެތައް ހާސް މީހުން ޙުކޫމަތުގެ "މުސާރަ ހިޔަލުން" ނެރެ، މަސައްކަތްތެރި އަދި އުފެއްދުންތެރި އިޤްތިޞާދަށް ފޮނުވުމެވެ. ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަށް ދުނިޔޭގެ ވިހި ފަންސަވީސް ޤައުމުން ބޭސްފަރުވާ ކޮށްދިނުމާއި، ރާއްޖެއިން ބޭރުގައި ހުންނަ ދިވެހި އެންބަސީތަކަށް ސިޔާސީ ޕާޓީތަކާއި ބާރުވެރީންގެ ގާތް މީހުން ބޭކާރު ގޮތުގައި ލައިގެން، އެމީހުންނަށް އަހަރަކު އެތައް މިލިއަން ޑޮލަރެއް ފޮނުވުން ފަދަ ކަންކަން މުޅީން ހުއްޓައިލުމެވެ. 


ދެވަނަ ފިޔަވަޅަކީ، ބޭންކުތައް ހިންގުމުގެ ތެރެޔަށް ސަރުކާރުން ވަދެ، ބޭންކުތަކުން ލޯނު ދިނުން ފަދަ މުޢާމަލާތުތަކަށް ނުފޫޒު ފޯރުވުން ހުއްޓައިލައި، އިޤްތިޞާދީ ރަނގަޅު ސިޔާސަތުތަކުގެ މައްޗަށް މިނިވަންކަމާ އެކު ބޭންކުތައް ހިންގާނެ ފުރުޞަތު ދިނުމެވެ. 


ތިންވަނަ ފިޔަވަޅަކީ، ޤައުމުގެ އުފެއްދުންތެރިކަން އިތުރު ކުރުމެވެ. އަމިއްލަ އުފެއްދުންތެރިކަން އިތުރު ކޮށްގެން، އިންޕޯޓު މަދު ކޮށް، އެކްސްޕޯޓުގެ ދާއިރާ ބޮޑު ކުރުމެވެ. 


9. ދިވެހިރާއްޖޭގައި ޑޮލަރުގެ ތާށިކަން ބޮޑު ވެގެން ދިޔުމުގެ މައިގަނޑު އެއް ސަބަބަކީ، ޑޮލަރު ލިބޭނެ މަޞްދަރެއްގެ ގޮތުގައި ފަތުރުވެރިކަމުގެ ސިނާޢަތަށް މާ ބޮޑަށް ބަރޯސާ ވުމެވެ. ޤައުމަށް ބޭރު ފައިސާ ހޯދޭނެ އެހެން ސިނާޢަތުތައް އެކަށޭނަ ގޮތަށް އަދި އެކަށޭނަ މިންވަރަށް ތަރައްޤީ ނުކުރުމެވެ. 


އަޅުގަނޑުމެންގެ ފަތުރުވެރިކަމަކީ އިޤްތިޞާދީ ނަޒަރުން ބަލާ އިރު، ކާމިޔާބު ސިނާޢަތެއް ކަމަށް ދެންނެވިދާނެއެވެ. އެ ސިނާޢަތާ ގުޅޭ ބޮޑެތި އެތައް މައްސަލަތަކެއް، އަދި ރަނގަޅު ކުރާން ޖެހޭ އެތައް ކަމެއް ހުރުމާ އެކުގައި ވެސްމެއެވެ. ނަމަވެސް، މުޅީންހެން ފަތުރުވެރިކަމަށް ބަރޯސާ ވެގެން ތިބުމަކީ ގޯހެއްކަން އަޅުގަނޑުމެން އެންމެންނަށް އެނގެއެވެ. އެންމެން އެހެން ކިޔަމުއެވެ. ނަމަވެސް ޙައްލެއް ހޯދޭތޯ އެއްވެސް ދިމާޔަކުން އެކަށޭނަ މަސައްކަތެއް ނުކުރެވެއެވެ. މިއީ ޢަޖާއިބެއް ކަހަލަ ކަމެކެވެ. އާދެ، އާދައިގެ "ކޮފީ މޭޒު މަޝްވަރާ" ތަކުން ފެށިގެން ގޮސް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކުގެ ބަހުސްތަކާއި ސިޔާސީ ޕާޓީތަކުގެ ޕޯޑިއަމްތަކާއި ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުތަކާ ހަމަޔަށް، ހުރިހައި ދިމާޔަކުން ވެސް އިވެނީ ގިނަ ސިނާޢަތްތަކެއް ތަރައްޤީ ކުރާން ޖެހޭ ވާހަކައެވެ. އެކަމަކު އެކަމެއް ނުވެއެވެ. ކީއްވެގެން ބާވައެވެ!


ކޮންމެއަކަސް، ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާ ވެގެން ތިބުމަކީ ބޮޑު ގޯހެކެވެ. ކަމެއް ދިމާ ވެގެން އެ ސިނާޢަތު އަޑި އަޅައިލައިފިއްޔާ، ޤައުމީ އިޤްތިޞާދު ކޮޅަށް ބެހެއްޓުމުގައި އެހީ ވެދޭނެ އެހެން ސިނާޢަތެއް ނެތެވެ. ވީމާ، މި ކަން ޙައްލު ކުރާން އަވަސް އަދި ޤައުމީ ފެންވަރުގެ ފިޔަވަޅުތަކެއް އަޅާން ޖެހެއެވެ. ޤައުމަށް ބޭރުފައިސާ – ޚާއްޞަކޮށް ޑޮލަރު – ވައްދައިދޭނެ އިތުރު ސިނާޢަތްތަކެއް ތަރައްޤީ ކުރާން ޖެހެއެވެ. އެފަދަ ސިނާޢަތްތައް އުފައްދައި ކުރި އަރުވާނޭ ހުނަރުވެރި އޮންޓަޕްރީނަރުންނާއި މަސައްކަތްތެރީން އުފެއްދުމުގެ ނިޒާމު ވަރުގަދަ ކުރާން ޖެހެއެވެ. ތަރައްޤީ ކުރާން ވީ ސިނާޢަތްތަކުގެ ތެރޭގައި، މަސްވެރިކަމާއި، ކަނޑުދަތުރުފަތުރުގެ ދާއިރާ އާއި، ޓްރާންސްޝިޕްމަންޓް ބަނދަރުގެ ޚިދުމަތާއި، ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ދާއިރާ އާއި، ބައިނަލްއަޤްވާމީ ތަޢުލީމީ މުއައްސަސާތަކުގެ ޚިދުމަތާއި، ޑިޖިޓަލް އެކްސްޕޯޓުގެ ދާއިރާ ހިމެނެއެވެ. ފުޅާ ދިރާސާތަކެއް ކޮށްލަނިކޮށް، މި ގޮތުން ތަރައްޤީ ކުރެވޭނެ ސިނާޢަތްތަކާއި އެކަން ކުރާނޭ ގޮތް މާ ރީތިކޮށް ފެންނާނެއެވެ. 


މި ސިނާޢަތްތައް ތަރައްޤީ ކުރާން ވާނީ ބޭރު ފައިސާ ޤައުމަށް ވަދެ ޤައުމުގެ ބޭންކުތަކުގައި ހަރު ލާނޭ ސިޔާސަތުތަކަކާ އެކުގައެވެ. ސިނާޢަތްތަކުގެ ވެރީން މިލިއަނުން ޑޮލަރު ހޯދައި ބައް ކޮށްގެން "އަހަރެމެންގެ މުދަލޭ، ކުރި މަސައްކަތޭ، ޣަސްބުން ނުފޭރޭށޭ" ކިޔައި ހަޅޭއްލަވައިފައި، އެއްވެސް ސިނާޢަތެއްގެ ޙަޤީޤީ ފައިދާ ޤައުމާއި ރައްޔިތުންނަށް ނުލިބޭ ގޮތަކަށް ނޫނެވެ. އަދި، ހަމައެކަނި "ޖީޑީޕީ" ފަދަ މާ ބޮޑު މާނައެއް ނެތް އިންޑިކޭޓަރުތަކުން ދައްކާ މަންޒަރަށް ހެއްލި، ޙަޤީޤަތްތަކަށް ލޯ މަރައިލާ އުޞޫލަކުން ނޫނެވެ. 


10. ރާއްޖެއަށް ޑޮލަރުގެ ކާރިސާއެއް ކުރިމަތި ވާ އެންމެ މައިގަނޑު އެއް ސަބަބަކީ، ޤައުމުގައި ބޭނުން ކުރާ މުދަލާއި ޚިދުމަތްތަކުގެ ބޮޑު ބައެއް ރާއްޖެއިން ބޭރުން އިންޕޯޓު ކުރާން ޖެހުން ކަމަށް، އަޅުގަނޑު ވާނީ މަތީގައި، 5 ވަނަ ނުކުތާގައި، ދަންނަވައިފައެވެ. އެ ނުކުތާޔާ ގުޅޭ، އެކަމަކު ހަމަ ވަކި ނުކުތާއެއްގެ ގޮތުގައި ދައްކާން ޖެހޭ ވާހަކައެއް އެބައޮތެވެ. އެ ވާހަކައަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކުން/ރިސޯޓުތަކުން، އެމީހުން ބޭނުން ވާ މުދަލާއި ޚިދުމަތްތައް ރާއްޖެއިން ގަތުމުގެ ބަދަލުގައި ރާއްޖެއިން ބޭރުން ގަތުމުގެ ބޮޑު މައްސަލައިގެ ވާހަކައެވެ. މިއީ އިންޕޯޓެކެވެ. ހަމައެހެންމެ، މިއީ ރިސޯޓުތަކަށް ލިބޭ ބޭރުފައިސާ އެމީހުންގެ އަތުގައި ހުރެފައި، ޤައުމުގެ އިޤްތިޞާދަށް ނުވަދެ އިޤްތިޞާދުން ބޭރު ވެގެން ޤައުމުން ނުކުންނަ މައިގަނޑު ސަބަބެއް ވެސް މެއެވެ.


މި މައްސަލަ އޮތް ގޮތުގެ ޙަޤީޤީ މަންޒަރެއް އަޅުގަނޑުމެންނަށް ނުވެސް ފެނެއެވެ. ސަބަބަކީ ރިސޯޓުތަކުގެ "ޕްރޮކިޔޯރމަންޓް" ގެ ނިޒާމު ހިނގާ ގޮތް، ދެފުށް ފެންނަ ގޮތެއްގައި އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ދައުލަތުން ބަލަމުން ނުގެންދިޔުމެވެ. މިހެން ދެންނެވިޔަސް، މި މައްސަލަ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އެބައޮތްކަން، ދައުލަތަށް ވެސް އެނގެއެވެ. ރައްޔިތުންނަށް ވެސް އެނގެއެވެ. އެ ނޫން ފަރާތްތަކަށް ވެސް އެނގެއެވެ. މިސާލެއްގެ ގޮތުން، ދިވެހި ސަރުކާރުން އެކުލަވައިލި "ފޯރތު ޓުއަރިޒަމް މާސްޓަރޕްލޭން 2013-2017" ގައި މި މައްސަލައިގެ ވާހަކަ ބަޔާން ކޮށްފައި ވެއެވެ. އޭގެ ކުރީން ނެރުނު "ތާރޑް ޓުއަރިޒަމް މާސްޓަރޕްލޭން" ގައި ވެސް މެއެވެ. ވޯރލްޑް ބޭންކޭ ކިޔާ އިސްތިޢުމާރީ މުއައްސަސާއިން 2015 ވަނަ އަހަރު ނެރުނު "މޯލްޑިވްސް: އައިޑެންޓިފައިންގ އޮޕްޗުނިޓީޒް އެންޑް ކޮންސްޓްރެއިންޓްސް ޓު އެންޑިންގ ޕަވަރޓީ އެންޑް ޕްރޮމޯޓިންގ ޝެއަރޑް ޕްރޮސްޕެރިޓީ، އަ ސިސްޓެމެޓިކް ކަންޓްރީ ޑައިގްނޯސްޓިކް" ރިޕޯޓުގައި ވެސް މި މައްސަލަ ފާހަގަ ކޮށްފައި އެބައޮތެވެ. މި ރިޕޯޓުތަކުގައި ބުނެފައި ވަނީ، ރިސޯޓުތަކުން ދިވެހީންގެ އަތުން މުދަލާއި ޚިދުމަތްތައް ހޯދުމުގެ ބަދަލުގައި، ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތްތައް ގަތުމުގެ މައްސަލަ އިންތިހާއަށް ބޮޑު ކަމުގައެވެ. 


މިއީ ޙައްލު ކުރެވޭނެ، ޙައްލު ކުރާން ޖެހޭ މައްސަލައެކެވެ. ދިވެހި ރައްޔިތުންގެ "ކޮމަން ވެލްތު" ކަމުގައި ވާ ޖަޒީރާތަކާއި ދޮންވެލި ގޮނޑުދޮށްތަކާއި މޫދާއި މާޙައުލު ވިއްކައިގެން ބިލިއަން ޑޮލަރުގެ އާމުދަނީ ހޯދާ ބަޔަކު، ދިވެހި ދަނޑުވެރީން ބިކަ ކޮށްފައި ބޭރުން އެތަންމިތަނުން ތަރުކާރީ އާއި މޭވާ ގަންނާން ދަނީ ކީއްވެގެން ހެއްޔެވެ؟ ދިވެހި އާކިޓެކްޓުންނާއި އެކައުންޓެންޓުންނާއި އޮޑިޓަރުން ފަދަ ފަންނުވެރީން ބިކަ ކޮށްފައި، މި ޚިދުމަތްތައް ބޭރުން ހޯދަނީ ކީއްވެގެން ތޯއެވެ؟ ދިވެހި ފަންނީ މަސައްކަތްތެރީން ދުރަށް ލައިފައި، އެ ތަންތަނުގެ ފަންނީ އިސް މަޤާމުތަކަށް ބޭރު މީހުން ގެންނަނީ ކީއްވެގެންތޯއެވެ؟ މިފަދަ އެތައް ސުވާލެއް ކުރެވިދާނެއެވެ. މި ސުވާލުތަކަށް ސަރުކާރުތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކާއި ލީޑަރުން ދެފުށްފެންނަ، ތެދުވެރި، އަދި ޒިންމާދާރު ޖަވާބުތަކެއް ރައްޔިތުންނަށް ދޭން ޖެހެއެވެ. އާދޭހެވެ! ފަތުރުވެރިކަމުގެ ސިނާޢަތުން އެ ސިނާޢަތުގެ ޙަޤީޤީ މިލްކުވެރީން ކަމުގައި ވާ ދިވެހި ރައްޔިތުންނަށް އިންޞާފުވެރި ފައިދާއެއް ނުލިބެންޏާ، އެ ސިނާޢަތު ވަކި އަދި މަދު ބަޔަކަށް "ރަންބިސް އަޅާ ކުކުޅެއްގެ" ގޮތުގައި ބޭއްވުމުގެ ބޭނުމެއް ނެތެވެ. 


ވީމާ މި މައްސަލަ ޙައްލު ކޮށްދެއްވާށެވެ! ރިސޯޓުތަކަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ޢާއްމު އުޞޫލަކުން ގަނެވޭނީ ހަމައެކަނި ދިވެހީންގެ އަތުން، ދިވެހި މަސައްކަތްތެރީންނާއި ފަންނުވެރީންގެ އަތުން ކަމަށް ކަނޑައަޅުއްވައިދެއްވާށެވެ. ރިސޯޓުތައް ތަރައްޤީ ކުރުމާއި ރިސޯޓުތަކުގެ ހިންގުމުގައި ބޭނުން ވާ ފަންނީ ޚިދުމަތްތައް ހޯދޭނީ ދިވެހީންގެ އަތުން ކަމަށް ކަނޑައަޅުއްވައިދެއްވާށެވެ! މި ފިޔަވަޅުތައް ކާމިޔާބުކަމާ އެކު އެޅޭނީ، މުދަލާއި ޚިދުމަތް ޤައުމުން ގަތުމަށް މަޖުބޫރު ކޮށް ނެރޭ މުގުރު އަމުރެއްގެ ގޮތުގައި ނޫންކަމާއި، މިކަން ކުރެވޭނީ ރިސޯޓުތަކަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ރާއްޖޭގައި އުފެއްދުމާއި ފޯރު ކޮށްދިނުމުގެ ދާއިރާތައް ވެސް އެކަށޭނަ ފެންވަރެއްގައި ތަރައްޤީ ކޮށްގެންކަން ފާހަގަ ކުރަމެވެ. ހަމައެހެންމެ، ރާއްޖެއިން ލިބޭން ނެތް މުދަލާއި ޚިދުމަތްތައް ރާއްޖެއިން ބޭރުން ޒިންމާދާރު ގޮތެއްގައި ހޯދުމަށް ކޮންމެވެސް "ލެޓިޓިޔުޑެއް" ދޭން ވެސް ޖެހޭނެކަން ފާހަގަ ކުރަމެވެ. 


މި ކަންކަން ފުރިހަމަ ކުރެވޭ އިރު، ޤައުމީ "ޓުއަރިޒަމް-ސަޕްލަޔަރ ބާޒާރެއް" މުޅި ޤައުމު ޝާމިލު ވާ ގޮތަށް ބިނާ ކުރެވިދާނެއެވެ. އެ ބާޒާރު އެކުލަވައިލެވޭނީ ރިސޯޓުތަކަށް އެ ބާޒާރުން މުދަލާއި ޚިދުމަތް ވީހައި ފަސޭހަކޮށް އަދި އަގުހެޔޮކޮށް ފޯރު ކޮށްދެވޭ ގޮތަށެވެ. އެ ބާޒާރު މެދުވެރި ކޮށް ރިސޯޓުތަކާއި ދިވެހި ދަނޑުވެރީން، ދިވެހި މަސްވެރީން، ދިވެހި މުދާ އުފެއްދުންތެރީން، ދިވެހި ދަތުރުފަތުރުގެ ޚިދުމަތްތެރީން، ދިވެހި އެކައުންޓެންޓުން، ދިވެހި އާކިޓެކްޓުން، ދިވެހި އައިސީޓީ ޚިދުމަތްތެރީން، ދިވެހި ސެކިޔުރިޓީ ޚިދުމަތްތެރީން، ދިވެހި ބިނާފަރުމާ އާއި ޢިމާރާތްކުރުމުގެ ޚިދުމަތްތެރީން، އަދި އެނޫން ވެސް ރިސޯޓުތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ދިވެހި އެސްއެމްއީ ވިޔަފާރިތަކާ ފަސޭހަ ގުޅުމަކުން ގުޅުވައިލެވިދާނެއެވެ. މި ދަންނަވާ ބާޒާރު، އަތޮޅުތަކުގެ ފެންވަރުގައި އިންތިޒާމު ކުރުމުގައި، ވަކިވަކި ދަނޑުވެރީން ރިސޯޓުތަކާ މުޢާމަލާތު ކޮށް ރިސޯޓުތަކަށް މުދާ ވިއްކުމުގެ އިންތިޒާމު ކުރުން ފަދަ ބުރަތައް އުފުލާން ނުޖައްސައި، ކޮންމެ އަތޮޅަކުން ވެސް ރިސޯޓުތަކަށް މުދަލާއި ޚިދުމަތްތައް ސަޕްލައި ކޮށްދޭ ބާޒާރު ކޯރޕޮރޭޓިވް ސޮސައިޓީ އާއި ލޮޖިސްޓިކްސް ކުންފުނިތައް ފަދަ ނިޒާމުތަކުން އިތުރަށް ފުރިހަމަ ކުރެވިދާނެއެވެ. 


ހަމައެހެންމެ، ރިސޯޓުތަކަށް ބޭނުން ވާ މުދަލާއި ޚިދުމަތްތައް ޢާއްމު އުޞޫލަކުން ހޯދަނީ ރާއްޖެއިންކަން ކަށަވަރު ކުރުމަށް ޓަކައި ތަންޒީމީ ނިޒާމު ހަރުދަނާ ކުރުން ވެސް މުހިއްމެވެ. މިސާލެއްގެ ގޮތުން، ކޮންމެ ރިސޯޓަކުން ވެސް އަހަރު ނިމިގެން ތައްޔާރު ކުރާ ހިސާބުކިތާބުގެ ބަޔާނުގައި، ރާއްޖޭގެ ސަޕްލަޔަރުންގެ އަތުން ގަތް މުދަލާއި ޚިދުމަތްތަކުގެ ހިސާބު ވަކީން، އަދި ރާއްޖެއިން ބޭރުން ޕްރޮކިޔޯރ ކުރި މުދަލާއި ޚިދުމަތުގެ ހިސާބުތައް ވަކީން އެނގޭނޭ ގޮތަށް އަހަރީ ހިސާބުކިތާބުގެ ބަޔާންތައް ތައްޔާރު ކުރުން ޤާނޫނީ ގޮތުން ލާޒިމު ކުރުވިދާނެއެވެ.


(ނުނިމޭ)


ނޯޓު: އިންޝާﷲ، މި ލިޔުމުގެ ދެން ޝާއިޢު ކުރެވޭނީ 3 ވަނަ އަދި ފަހު ބައެވެ. ލިޔުން ނިމޭނީ 3 ވަނަ ބައިންނެވެ.

އަރުށީފު

އެންމެ މަޤްބޫލު