ދިވެހިރާއްޖެއަށް ޑޮލަރުގެ ކާރިސާއެއް ދިމާ ވެފައި އޮތުމުގެ ސަބަބުތަކާއި، މައްސަލައިގެ ޙައްލުތައް -1



ދިވެހިރާއްޖޭގައި ޔޫއެސް ޑޮލަރު ލިބުން ދަތި ވެ، ޑޮލަރުގެ ނިސްބަތުގައި ދިވެހި ފައިސާގެ އަގު ދަށް ވެ، ޑޮލަރުގެ ޣައިރުޝަރުޢީ އަދި ޣައިރުޤާނޫނީ ކަޅު ބާޒާރެއް އުފެދި، އޭގެ ސަބަބުން ޤައުމު ވަރަށް ބޮޑު އިޤްތިޞާދީ އަދި ޤައުމީ ކާރިސާއަކާ ހަމަޔަށް މި އޮތީ އައިސްފައެވެ. ވީމާ، މި މައްސަލައިގެ ސަބަބުތަކާއި، މައްސަލަ ޙައްލު ކުރެވޭނެ ގޮތާ މެދު، ފެންނަ ގޮތްތަކެއް ދަންނަވައިލާނަމެވެ. އަޅުގަނޑުގެ ނުކުތާތަކަށް ދިޔުމުގެ ކުރީން، މި ލިޔުމަކީ ދިރާސާގެ މަންހަޖު ބޭނުން ކޮށްގެން ލިޔެފައި ވާ ޢިލްމީ ދިރާސާއެއް ނޫންކަމާއި، ނޫސްތައް ފަދަ މަޞްދަރުތަކުން ފަސޭހަކޮށް ލިބޭން ހުރި ބައެއް މަޢުލޫމާތުގެ މައްޗަށް ބުރަ ވެ، ލިޔެފައި ވާ ރައުޔީ ލިޔުމެއްކަން ބަޔާން ކޮށްލަމެވެ. މައްސަލައިގެ ފުރިހަމަ ޙަޤީޤަތާ ހަމަޔަށް ފުރިހަމަޔަށް އަޅުގަނޑުމެންނަށް ވާޞިލު ވެވޭނީ، އަދި މައްސަލަޔަށް ޙަޤީޤީ އަދި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދޭނީ، އަދި އެ ޙައްލުތައް ގެންނާން ވީ ވަގުތު ފުރޭމާއި މަންހަޖު ސާފުކޮށް އެނގޭނީ، ފުރިހަމަ ޢިލްމީ ދިރާސާތަކެއްގެ ތެރެއިންނެވެ. އަދި އަޅުގަނޑުމެންގެ ސަރުކާރާއި ރައްޔިތުން އެކައްޗެއް ކިޔައިގެން، އެއް މިޞްރާބަކަށް އަދި އެއް ލަނޑުދަނޑިތަކަކާ ދިމާޔަށް ކުރާ ތެދުވެރި މަސައްކަތުންނެވެ. 


ދެން، އަޅުގަނޑަށް ފާހަގަ ކުރެވޭ ކަންތައްތައް ދަންނަވައިލާނަމެވެ.


1. ދިވެހިރާއްޖެއަށް ބޭރު ފައިސާ – ޚާއްޞަކޮށް ޔޫއެސް ޑޮލަރު – ލިބޭ މައިގަނޑު ސިނާޢަތަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތެވެ. މި ސިނާޢަތަށް އާމުދަނީގެ ގޮތުގައި ލިބޭ ޑޮލަރު، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެޔަށް އެކަށީގެންވާ ގޮތެއްގައި ވަންނަ ކަމަކަށް ނުފެނެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް 2025 ވަނަ އަހަރު އެކަނި ވެސް 5.57 ބިލިއަން އެމެރިކާ ޑޮލަރު ލިބުނު ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ އެމްއެމްއޭއަށް އެނގޭ މިންވަރެވެ. ޔަޤީނާ ގާތަށް ބެލެވޭ ގޮތުގައި، ފަތުރުވެރިކަމުގެ ސިނާޢަތަށް ޙަޤީޤަތުގައި ލިބޭ އާމުދަނީ އެމްއެމްއޭއަކަށް ނުވެސް އެނގެއެވެ. އެއީ، އެ އާމުދަނީގެ ބައެއް ރާއްޖޭގައި ރިކޯޑު ނުކުރެވޭ އަދި ދިވެހި ސަރުކާރުގެ މުއައްސަސާތަކަށް ނުބެލޭ މުޢާމަލާތުތަކެއްގެ ގޮތުގައި ރާއްޖެއިން ބޭރުގައި ހިނގުމެވެ. މި ކަންކަމުގެ ޙަޤީޤަތް އަޅުގަނޑުމެން ތަޙްޤީޤު ކޮށް، ދިރާސާ ކޮށް، ހޯދައި ބަލާން ޖެހެއެވެ. މިހާރު މި ކުރެވޭ ޝައްކުތައް ފިލައި، ދެފުށް ފެންނަ ގޮތެއްގައި ކަންކަން ހިނގާކަމުގެ، އަދި ފަތުރުވެރިކަމުގެ ސިނާޢަތުން ޤައުމީ އިޤްތިޞާދަށް އިންޞާފުވެރި ޙިއްޞާއެއް ކުރެވެމުން ދާކަމުގެ އިތުބާރު ރައްޔިތުންނަށް ލިބޭނީ އެއިރުންނެވެ.


ފާއިތު ވި އެތައް ދަހަރުތަކަކުއްސުރެ ކަން ހިނގަމުން އަންނަ މަގަކީ، ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭ ޑޮލަރު އާމުދަނީގެ ބޮޑު ބައެއް ހުންނަނީ ދިވެހިރާއްޖޭގެ ބޭންކުތަކާއި ދިވެހި އިޤްތިޞާދަށް ނުވަދެ، ބޭރުގައެވެ. އެކަން ދެ ގޮތަކަށް ހިނގައެވެ. އެއް ގޮތަކީ، އޭގެ ވަރަށް ބޮޑު ބައެއް، ރާއްޖޭގެ ސަރަޙައްދަށް ވެސް ނުވަދެ ބޭރު ޤައުމުތަކުގައި ހުރުމެވެ. ދެވަނަ ގޮތަކީ، އޭގެ ބައެއް ރާއްޖެއަށް ވަން ކަމުގައި ވިޔަސް، ރާއްޖޭގެ ބޭންކުތަކާ ހަމަޔަށް ނުގޮސް، ބައެއް މީހުންގެ ގޭގޭގައި ތިޖޫރީތައް ފަދަ ތަންތަނުގައި އެ ފައިސާ ފޮރުވައިފައި ބެހެއްޓުމެވެ. އެބައި ދެން ދަނީ ނަގުދު ފައިސާގެ ގޮތުގައި، ޑޮލަރުގެ މަގުމަތީ ކަޅު ބާޒާރަށެވެ. މިކަން މިހެން ހިނގާ ވާހަކަ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ [Maldives: Staff Report for the 2016 Article IV Consultation, IMF Country Report No. 16/135 (May 2016] މި ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ. 


ދެން އޮތީ މި ކަމުގެ ޙައްލެވެ. މި ކަމުގެ ޙައްލަކީ ފަތުރުވެރިކަމުގެ ދާއިރާގެ ޙަޤީޤީ ފައިދާ ޤައުމަށް ލިބޭނެ ގޮތަށް އެ ސިނާޢަތާ ގުޅޭ ސިޔާސަތުތަކާއި، ޤާނޫނުތަކާއި، ވިޔަފާރި މޮޑެލްތައް އިޞްލާޙު ކޮށްގެން، އެ ސިނާޢަތަށް ލިބޭ އާމުދަނީ އެކަށް ރާއްޖެ ވެއްދޭނެ މަގެއް ހޯދުމެވެ. ދިވެހި ރައްޔިތުންގެ "ކޮމަންވެލްތު" ކަމުގައި ވާ ޖަޒީރާ ރަށްތަކާއި ދޮންވެލި ގޮނޑުދޮށްތަކާއި މޫދު ވިއްކާ ސިނާޢަތެއްގެ ފައިދާ އެ ރައްޔިތުންނަށް ނުލިބޭ ގޮތަށް އޮތް ވިޔަފާރި މޮޑެލްތައް އިޞްލާޙު ކުރުމެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭ އާމުދަނީ ރާއްޖޭގެ އިޤްތިޞާދަށް ވަދެ، ރާއްޖޭގެ ބޭންކުތަކުގައި ބެހެއްޓޭނެ ގޮތް ހެދުމެވެ. އެ ފައިސާގެ ތެރެއިން ކިތަންމެ ކުޑަ މިންވަރެއް ވިަސް ބޭރުގައި ބެހެއްޓޭނީ، އަދި ބޭރަށް ނެރެވޭނީ، ސިނާޢަތުގެ ޒަރޫރީ ބޭނުންތަކަށް، ޤާނޫނުގެ ފާރަވެރިކަމުގައި ވަރަށް ވަރުގަދަޔަށް ބެލެހެއްޓޭ ދޮރުތަކަކުން، ދެފުށް ފެންނަ ގޮތެއްގައި ކަމަށް ހެދުމެވެ. 


2. ރާއްޖޭގައި ޑޮލަރު ނުލިބުމާއި، ދިވެހި ފައިސާގެ ނިސްބަތުގައި ޑޮލަރުގެ އަގު މާ ބޮޑަށް އުފުލުމުގެ މައްސަލަ މި ހިސާބަށް ދިޔުމުގެ މައިގަނޑު އެއް ސަބަބަކީ، ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި އެ ބާޒާރު ހެދިބޮޑު ވާން ފުރުޞަތު ދިނުމެވެ. އެ ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް އަރަމުން އަރަމުން ދާ އިރު، ޑޮލަރުގެ ރަސްމީ ނުވަތަ ބޭންކު އަގު ބޮޑު ތަފާތަކާ އެކު ކުޑަކޮށް ހުރުމުން، "ވިޝަސް ސައިކްލް" އެއްގެ ބީދައިން ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އިތުރަށް އުފުލެއެވެ. 


ވަރަށް އާދައިގެ ޢާއްމު ވިސްނުމަކުން ވެސް އެނގޭނެ ފަދައިން، ޑޮލަރުގެ ރަސްމީ ބާޒާރެއް އޮވެފައި، އެ ބާޒާރުގެ ބޭރުން ވަގު އަދި ކަޅު ބާޒާރެއް ވެސް އޮވެފައި، ޑޮލަރުގެ އަގު ބޮޑީ ނުވަތަ ޑޮލަރަކަށް ގިނަ ރުފިޔާ ލިބެނީ ކަޅު ބާޒާރުން ކަމުގައި ވަންޏާ، ޑޮލަރު ގެންގުޅޭ ބަޔަކު ކަން ކުރާނޭ ގޮތަކީ، ޑޮލަރުގެ ރަސްމީ ބާޒާރަށް – ޔަޢުނީ ބޭންކުތަކަށާއި ރަސްމީ ފޮރެކްސް ވިޔަފާރިތަކަށް – ޑޮލަރު ފޮނުވުމުގެ ބަދަލުގައި ކަޅު ބާޒާރަށް ޑޮލަރު ފޮނުވުމެވެ. އެއީ، ކަޅު ބާޒާރުން އެމީހުންނަށް ޑޮލަރަކަށް ގިނަ ދިވެހި ރުފިޔާ ލިބޭތީއެވެ. މިއީ އޭގެ ޠަބީޢަތުގައި، "ހެދިބޮޑު ވާ" މައްސަލައެކެވެ. އެބަހީ، މި ދެންނެވި ބީދައިން ރަސްމީ ޑޮލަރު ބާޒާރުން ޑޮލަރު މަދު ވެ ކަޅު ބާޒާރަށް ގިނަ ޑޮލަރު ދާ ވަރަކަށް، ރަސްމީ ޑޮލަރު ބާޒާރު ދާނީ ފޭލި ވަމުންނެވެ. އެ ބާޒާރުން ޑޮލަރު ލިބުން ވާނީ ދުވަހެއް ދުވަހަކަށް ދައްޗެވެ. އަނެއްކޮޅުން، ކަޅު ބާޒާރުގެ "ދާދާއިން" ގެ ބާރު ޑޮލަރުގެ ވިޔަފާރީގެ މައްޗަށް ދާނީ ވަރުގަދަ ވަމުންނެވެ. އެމީހުން ހިތުހުރި އަދި އެމީހުން ވިއްކާނޭ އަގެއްގައި މެނުވީ ޑޮލަރު ނުލިބުމުގެ މައްސަލަ ދާނީ ބޮޑު ވަމުންނެވެ. ޑޮލަރު ގަންނަ މީހުން ކަޅު ބާޒާރަށް ދިޔުން އިތުރު ވެ، ކަޅު ބާޒާރުގައި ޑިމާންޑް އިތުރު ވެ، އެ ޑިމާންޑާ އެކު ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދާނީ އުފުލެމުންނެވެ. 


މި ކަމުގެ ޙައްލަކީ ކޮބައިތޯއެވެ؟ އާދެ، މި ކަމުގެ ޙައްލު ގެނެވޭނީ މައިގަނޑު ދެ ކަމަކުންނެވެ. 


ފުރަތަމަ ކަމަކީ، 1 ވަނަ ނުކުތާގައި ދެންނެވި ފަދައިން ފަތުރުވެރިކަމުގެ ސިނާޢަތުން، އަދި ޤައުމަށް ބޭރު ފައިސާ ލިބޭ އިތުރު ސިނާޢަތްތައް ތަރައްޤީ ކޮށްގެން އެ ސިނާޢަތްތަކުން ވެސް، ޤައުމަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރު ކޮށް، އެގޮތުން ވަންނަ ޑޮލަރު ރަސްމީ ބޭންކިންގ ނިޒާމާއި ރަސްމީ ފޮރެކްސް ބާޒާރަށް ވެއްދުމެވެ. 


ދެވަނަ ކަމަކީ، ޤާނޫނުގެ ދިގު އަތް ދަގަނޑުގެ ބާރާ އެކު ކަޅު ބާޒާރުގެ ދާދާއިންގެ އަތްތަކާ ހަމަޔަށް ފޯރުވައި، އެ އަތްތަކުގައި ޤާނޫނުގެ ގަދަފަދަ ހިލިހިލާގަނޑު އަޅުވައި، އެމީހުންނާ މެދު ޢަދުލުއިންޞާފުގެ ހަރުކަށި ފިޔަވަޅުތައް އެޅުމެވެ. ކަޅު ބާޒާރުގެ މުޅި "ސްޓްރަކްޗަރ" ސުންނާފަތި ކޮށްލުމެވެ. ކަޅުބާޒާރަކީ ޝަރުޢީ ގޮތުން ޙަރާމް، އަދި ޤާނޫނީ ގޮތުން މަނާ ވަބާއެއްކަމުގައި ވާހިނދު، އެ ނުބައިން ޤައުމު ޠާހިރު ކުރުމެވެ. މި ނަޒަރުން ވިސްނާ އިރު، ސަރުކާރުން ކަޅު ބާޒާރު ނެއްތައިލުމަށް ޓަކައި ދާދި ފަހުން އިޢުލާން ކުރެއްވި ފިޔަވަޅުތައް ރަނގަޅު ކަމަށް ދަންނަވާން ޖެހެއެވެ. ނަމަވެސް އިތުރު އެތައް ކަންތަކެއް ވެސް ކޮށްގެން މެނުވީ، އެ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާއެއް ނުނުކުންނާނެއެވެ. މި ލިޔުމުގައި ބަޔާން ކުރެވޭތޯ މި މަސައްކަތް ކުރަނީ އެގޮތުން އިތުރަށް ކުރާން ވާ ކަމަށް ފެންނަ ކަންކަމެވެ. 


3. ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ދައުލަތުގެ ޙުކޫމަތުގެ ނިޒާމާއި، އަދި ޑޮލަރު-ރުފިޔާގެ މައްސަލައިގެ ކަންކަން މިހާރު އޮތް ގޮތަށް ބަލާ އިރު، ރުފިޔާގެ ނިސްބަތުގައި ޑޮލަރުގެ އަގު ބޮޑު ވެ ޑޮލަރު ތާށި ވުމުގެ މައްސަލައިގެ މުހިއްމު އެއް ސަބަބަކަށް، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން މާ ގިނައިން ބޭރު ފައިސާ ބޭނުން ކުރަމުން، ބޭރު ފައިސާ ޤައުމުން ބޭރު ކުރަމުން ދިޔުން ވެސް ވެއެވެ. މިސާލަކަށް، 2024 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 998 މިލިއަން ޑޮލަރު ވިއްކި އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 652 މިލިއަން ޑޮލަރު ވިއްކައިފައި ވަނީ ދައުލަތުގެ ކުންފުނިތައް ނުވަތަ އެސްއޯއީ (ސްޓޭޓް-އޯވންޑް އެންޓަރޕްރައިޒަސް) ކުންފުނިތަކަށެވެ. އެއީ މައިގަނޑު ގޮތެއްގައި ތެލާއި ކާޑުގެ ބާވަތްތަކާއި ބޭހާއި އަދިވެސް ޤައުމަށް އެތެރެ ކުރެވޭ އަސާސީ ބައެއް ތަކެތި އެތެރެ ކުރުމަށާއި، އެސްއޯއީތަކުގެ ޚާރިޖީ ދަރަނި ދެއްކުމަށް ޓަކައެވެ. މުޅި މަންޒަރުން ފެންނަ ގޮތުގައި، މި ދެންނެވި ޚަރަދުތަކާއި، ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާ ފަދަ އެހެނިހެން ޚަރަދުތަކަށް، އެސްއޯއީތަކުން ގެންދަނީ ގިނަ ޢަދަދެއްގެ ޑޮލަރު ޤައުމުން ބޭރަށް ހޭދަ ކުރަމުންނެވެ. 


މި ކަމުގެ ޙައްލުތަކަށް ދެން ބަލައިލަމާ ހިންގަވާށެވެ! އެއް ކަމަކަށް، ދައުލަތުގެ ކުންފުނިތަކުގެ ޢަދަދު ކޮންމެހެން ބޭނުން ވާ މިންވަރަށް މަދު ކުރާން ޖެހެއެވެ. އެޔަށްފަހު، އެސްއޯއީތަކުން ޤައުމުން ބޭރަށް ޑޮލަރު ބޭރު ކުރާ ގޮތް ވަރަށް ރަނގަޅަށް މުރާޖަޢާ ކުރާން ޖެހެއެވެ. އޭގެ ތެރެއިން ކޮންމެހެން ވެސް ނުކޮށް ނުވާނެ ޚަރަދުތައް ކުރިޔަސް، ދެން ހުރި ޚަރަދުތައް މި ވަގުތަށް ވިޔަސް ހުއްޓައިލާން ޖެހެއެވެ. ރާއްޖޭގައި އުފައްދާ އެއްޗެތި ބޭރުން ގަތުން ހުއްޓައިލާން ޖެހެއެވެ. އެސްއޯއީތަކުގެ މުއައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓައިލާން ޖެހެއެވެ (މި ފިޔަވަޅު ވާން ޖެހޭނީ މުޅި ޤައުމުގައި ވެސް ރަސްމީ ފައިސާއެއްގެ ގޮތުގައި ދިވެހި ފައިސާ ނޫން އެހެން ފައިސާއެއް ބޭނުން ނުކުރުމުގެ ފުޅާ އަދި ޝާމިލު ސިޔާސަތެއްގެ ބަޔަކަށެވެ). އެސްއޯއީތަކުގެ މަޝްރޫޢުތައް ހިންގުމުގައި، އެ މަޝްރޫޢުތަކާ ގުޅިގެން ޤައުމުން ބޭރަށް ޑޮލަރު ހޭދަ ކުރާން ޖެހޭ މިންވަރު ވަރަށް ރަނގަޅަށް ބަލައި، ބޭރަށް ޑޮލަރު ހޭދަ ކުރާން ޖެހޭ މިންވަރު މަދު ކުރެވޭނެ ހުރިހައި ފިޔަވަޅުތަކެއް އަޅާން ޖެހެއެވެ. 


4. ބޭރު ޤައުމުތަކާއި ބޭރުގެ ބޭންކުތަކާއި ބައިނަލްއަޤްވާމީ މާލީ މުއައްސަސާތައް ފަދަ ފަރާތްތަކުން މާ ގިނައިން، އަދި އުފެއްދުންތެރި ނޫން ގޮތްގޮތަށް ދަރަންޏަށް ނެގުމަކީ ވެސް މުސްތަޤުބަލުގައި ޑޮލަރަށް ޑިމާންޑު އުފައްދައި، ޑޮލަރުގެ އަގު މަތި ކޮށް، ދިވެހި ރުފިޔާގެ އަގު ވައްޓައިލާނޭ ކަމެކެވެ. 


ރާއްޖޭގެ ސަރުކާރުތަކުން – ޚާއްޞަކޮށް ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެސް – ބޭރުން ދަރަންޏަށް ނަގަމުން ގެންދަނީ ހަރުދަނާ ސިޔާސަތުތަކެއް ނެތި ކަމަށް މެނުވީ ނުދެންނެވޭނެއެވެ. ކޮންމެހެން ބޭނުން ނުވާ ދަރަނި ވެސް ނަގައިފައި ވެއެވެ. ޤައުމުގެ އިޤްތިޞާދާއި މާލީ ކެރިފޯރުންތެރިކަމާ ނުބައްދަލު މިންވަރަށް ވެސް ދަރަނި ވަނީ ނަގައިފައެވެ. ސަރުކާރުން ނުވަތަ ސަރުކާރުގެ އެސްއޯއީ ކުންފުނިތަކުން ރާއްޖެއިން ބޭރުން އެމެރިކާ ޑޮލަރުން ނަގާ ދަރަނި ނެގުމަށް ފަހު، އެންމެ ފުރަތަމަ ޤައުމަށް ޑޮލަރުގެ މިންވަރެއް ވަންނާނެއެވެ. އެއީ ޑޮލަރު "ތިޔާގި" ވެ، ޑޮލަރުގެ ތާށިކަމަށް ލިބޭ ލުޔެއް ކަމަށް ފެނިދާނެއެވެ. ނަމަވެސް އެއީ ވަގުތީ "ތިޔާގި" ކަމެކެވެ. ފަހުން އެ ޑޮލަރު ޤައުމުން ބޭރު ވާނީ ގިނަގުނަ ވެގެންނެވެ. އާދެ، ދަރަނި ދެއްކުމުގައި އަޞްލު ދަރަނީގެ މިންވަރާއި ރިބާ/އިންޓްރެސްޓުގެ ގޮތުގައި ދައްކާން ޖެހޭ ފައިސާ ވެސް ބޭރު ވެގެން ދާނީ ޤައުމުގެ ޑޮލަރު ޚަޒާނާއިންނެވެ. މިކަން ހިނގާ ގޮތާ މެދު ވިސްނުމުން، ޤައުމުގެ މާލިއްޔަތާއި އިޤްތިޞާދު ތަން ނުދޭ މިންވަރުން ބޭރުގެ ދަރަނި ނަގައިފައި އޮތުމަކީ ވެސް ޑޮލަރުގެ ތާށިކަން ކުރިމަތި ވެ، ދިވެހި ރުފިޔާގެ ނިސްބަތުގައި ޑޮލަރު އަގު ބޮޑު ވެގެން މި ދިމާ ވާ މައްސަލައިގެ މުހިއްމު ސަބަބެއްކަން އެނގެއެވެ. 


މި ދަންނަވާ މައްސަލައިގެ ވަރަށް ރީތި މިސާލެއް އިހަކަށް ދުވަހު ވަނީ ފެނިފައެވެ. މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ދިވެހި ސަރުކާރުން ވަނީ ސޮވްރިން ސުކޫކުގެ 500 މިލިއަން ޑޮލަރު އަނބުރައި ދައްކައިފައެވެ. އެއީ، ރިކޯޑުތައް ދައްކާ ގޮތުން، 24.68 މިލިއަން ޑޮލަރުގެ ކޫޕަން ޕޭމަންޓާ ވެސް އެކުގައެވެ. މި އަހަރުގެ ތެރޭގައި ޑޮލަރުގެ މައްސަލަ އިހުނަށް ވުރެ ވެސް ބޮޑު ވެގެން ދިޔަ އެއް ސަބަބަކީ މިއީއެވެ. މި ދެންނެވި ސޮވްރިން ސުކޫކަކީ 2021 ވަނަ އަހަރު އެއިރު އޮތް ސަރުކާރުން ނެގި ދަރަންޏެކެވެ. އެއީ ވެސް އެއްވެސް ކަހަލަ އިޤްތިޞާދީ އުފެއްދުންތެރިކަމެއް ނެތް ބޭނުންތަކަކަށް ނެގި ދަރަންޏެވެ. 


މީގެ ޙައްލަކީ ކޮބައިބާވައެވެ! އާދެ، ކުރުކޮށް ފޮނިކޮށް ދަންނަވަންޏާ، ނުފޯރާ ފޮތީން ފޫގެޅުން ހުއްޓައިލާން ވީއެވެ! ޤައުމުގެ އިޤްތިޞާދާއި މާލިއްޔަތާ ނުބައްދަލު ޚަރަދުތައް ކުރުމާއި، ނުކުޅަދާނަ މިންވަރަށް ޙުކޫމަތުގެ ރިކަރެންޓް ޚަރަދުތައް ބޮޑު ކޮށްގެން ބަޖެޓް ފައިނޭންސް ކުރުމަށް ޓަކައި ލޯނު – ޚާއްޞަކޮށް ބޭރު ފައިސާއިން ލޯނު – ނެގުން ހުއްޓައިލާން ވީއެވެ. ބޭރުގެ ދަރަނީގެ ކަންކަމުގައި ތަންފީޛު ކުރާނެ "ދެމެހެއްޓެނިވި ދަރަނި ސިޔާސަތެއް" އެކުލަވައިލައި ތަންފީޛު ކުރާން ވީއެވެ. ޤައުމުގެ އިޤްތިޞާދު ފުޅާ ކޮށް، ޤައުމީ އިޤްތިޞާދަށާއި ޙުކޫމަތުގެ މާލިއްޔަތަށް ބޭރުފައިސާ އާއި ފައިދާ ލިބިދޭނޭ އުފެއްދުންތެރި މަޝްރޫޢުތަކަށް މެނުވީ ބޭރުން ދަރަނި ނެގުން ހުއްޓައިލާން ވީއެވެ. ރާއްޖެއިން ރުފިޔާއިން ދަރަންޏަށް ނަގައިގެން ވާން އޮންނަ އެއްވެސް ކަމެއް ކުރުމަށް ޓަކައި ބޭރުން ދަރަނި ނުނަގާން ވީއެވެ. މާލެ-ވިލިމާލެ-ގުޅިފަޅު-ތިލަފުށި ގުޅައިލާ ތިލަމާލެ ފާލަންމަގު ފަދަ، ދަނޑިވަޅަށް ޟަރޫރަތެއް ނެތް މަޝްރޫޢުތައް ހިންގުން ހުއްޓައިލާން ވީއެވެ. 


5. ރާއްޖެއަށް ޑޮލަރުގެ ކާރިސާއެއް ކުރިމަތި ވާ އެންމެ މައިގަނޑު އެއް ސަބަބަކީ، ޤައުމުގައި ބޭނުން ކުރާ މުދަލާއި ޚިދުމަތްތަކުގެ ބޮޑު ބައެއް ރާއްޖެއިން ބޭރުން އިންޕޯޓު ކުރާން ޖެހުމެވެ. އަޅުގަނޑުމެން ކާބޯތަކެއްޗާއި، ބޭހާއި ތެލާއި، ޢިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި، މެޝިނަރީ އާއި، އެއްގަމު އުޅަނދާއި، މިހެން ގޮސް އެތައް އެތައް ބާވަތެއްގެ އެއްޗެއްސެއް ރާއްޖެއިން ބޭރުން އިންޕޯޓު ކުރަނީއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޤައުމީ ޖީޑީޕީގެ ގާތްގަނޑަކަށް 44 އިންސައްތަ ބޭނުން ކުރެވެނީ މި ދެންނެވި ބާވަތުގެ ތަކެތި އިންޕޯޓު ކުރުމަށެވެ. ޤައުމަށް ލިބޭ ޑޮލަރުގެ ބޮޑު ބައެއް ހޭދަ ކުރެވެނީ މިގޮތުން އިންޕޯޓު ކުރާ ތަކެއްޗަށެވެ. 


ހަމައެކަނި މުދަލެއް ނޫނެވެ. ޚިދުމަތްތައް އިންޕޯޓު ކުރުމަށް ވެސް އަޅުގަނޑުމެން މި ގެންދަނީ ކޮންމެ އަހަރަކަށް ބޮޑު ޢަދަދެއް ހޭދަ ކުރަމުންނެވެ. މިސާލަކަށް، 2024 ވަނަ އަހަރު "ޕްރޮފެޝަނަލް އެންޑް މެނޭޖްމަންޓް ކޮންސަލްޓަންސީ ސަރވިސަސް" އިންޕޯޓު ކުރުމަށް 460 މިލިއަން ޑޮލަރަށް ވުރެ ބޮޑު ޢަދަދެއް ހޭދަ ކުރެވުނު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރިކޯޑުތައް ބުނެއެވެ. މީގެ ތެރޭގައި، އެކައުންޓިންގ، އޮޑިޓް، އަދި މުދައްރިސުންގެ ޚިދުމަތް އިންޕޯޓު ކުރުން ހިމެނެއެވެ. 


ރަނގަޅެވެ! އަޅުގަނޑުމެންނަކަށް މުދަލާއި ޚިދުމަތް – ޚާއްޞަކޮށް ތެލާއި ޢިމާރާތް ކުރާ ސާމާނާއި ބޭސް ފަދަ މުދާ – އިންޕޯޓު ނުކޮށެއް ފަރަކު ނުޖެހޭނެއެވެ. ޤައުމަށް ބޭނުންވާ ހުރިހައި ތަކެއްޗެއް ޤައުމުގައި ނުއުފެއްދޭނެއެވެ. އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކުރެވޭ ކަމެއް ނޫނޭ ދެންނެވުން، މުޅިއަކުން ދޮގަކަށެއް ނުވާނެއެވެ. ނަމަވެސް ޝައްކެއް ނެތް ގޮތުގައި، އަޅުގަނޑުމެންނަށް އިންޕޯޓު ޚަރަދު ކުޑަ ކުރެވޭނެއެވެ. ޤައުމުގެ އުފެއްދުންތެރިކަން އިތުރު ކޮށްގެންނެވެ. ޤައުމުގައި ސިނާއަތްތައް ކުރި އަރުވައިގެންނެވެ. އަޅުގަނޑުމެންގެ ޒުވާނުންގެ އެތައް ހާސް ބަޔަކު އެ ތިބީ މަސައްކަތެއް ނުކޮށް، ބޭޗާރީންގެ ދިރިއުޅުމުގައެވެ. ރޭގަނޑު ހެއި ލައި ކޮފީ ބުއިމާއި ނެޓްފްލިކްސް ބެލުމާއި ވީޑިއޯ ގޭމު ކުޅުމުގައި ރޭދަން ޚަރާބު ކޮށްފައި، ދުވާލު ނިދުމުގައެވެ. ނުވަތަ ފަތާއި ހަކުރާއި ތެލާއި ބަނގުރާ ބޮއިގެން މޮޔަ ވެފައެވެ. ތަޢުލީމީ ނިޒާމަކުން މަސައްކަތްތެރީންނެއް ނުއުފެއްދެއެވެ. މަސައްކަތެއް ކުރާން ތިބި މީހުންގެ ތެރެއިން އެތައް ހާސް ބަޔަކު ތިބީ، ރައީސުލްޖުމްހޫރިއްޔާއަށް "އެހީ ވާން" ސިޔާސީ މުއައްޒަފުންގެ ގޮތުގައި ނަގައި، ނުކުރާ މަސައްކަތަށް މުސާރަ ދީފައި ބޭކާރަށް ބައިތިއްބައިފައެވެ. މި ޒާތުގެ ކަންކަމުން ޤައުމަށް ލިބޭ ގެއްލުންތަކާ މެދު އަޅުގަނޑުމެން އެންމެން ވެސް އިޚްލާޞްތެރި ހިތްތަކަކާއި ސިކުނޑިތަކަކުން ވިސްނައި ފިކުރު ކުރާން ވީއެވެ. މި މައްސަލަތައް ޙައްލު ކުރާން ވީއެވެ. ޤާބިލު މަސައްކަތްތެރީން އުފައްދައި، ސިނާޢަތުތައް ކޮޅަށް ނަގާން ވީއެވެ. ކާނާ ވެސް، ބޭސް ވެސް، އެހެން ތަކެތި ވެސް ޤައުމުގައި އުފެއްދޭން އޮތް އެންމެ މަތީ މިންވަރެއްގައި އުފެއްދޭތޯ ބަލާން ވީއެވެ. ޑޮކްޓަރުން، ޓީޗަރުން، އެކައުންޓެންޓުން ފަދަ ޕްރޮފެޝަންތަކުން އިންޕޯޓު ހުއްޓައި، ޚިދުމަތުގެ ދާއިރާތަކުގައި އަމިއްލަ ފުދުންތެރިކަން ހޯދާން ވީއެވެ. ރާއްޖޭގެ ކުންފުނިތަކުން، ރާއްޖެއިން ގަނެވޭ މުދަލާއި ޚިދުމަތް ބޭރުން ގަތުމަށް ހުރަސް އަޅައި، ދަތިކޮށް، އެކަން މުޅީން ހުއްޓުވާން، ނުވަތަ ވީހައި މަދު ކުރާން، ވީއެވެ. މި ފިޔަވަޅުތައް އެކަށޭނަ ގޮތެއްގައި އެޅިއްޖެއްޔާ، އިންޕޯޓު ޚަރަދު ކުޑަ ވެ، އިންޕޯޓުގެ ދޮރުން ޤައުމަށް ލިބޭ ޑޮލަރުގެ އާމުދަނީ ބޭރު ވުން ބޮޑު ތަނުން މަދު ކުރެވޭނެއެވެ. 


(ނުނިމޭ)

އަރުށީފު

އެންމެ މަޤްބޫލު