ޚާމަނައީގެ ޖަނާޒާއިން އެމެރިކާއާއި އިސްރާއީލަށް ވަރުގަދަ މެސެޖެއް: އާ ބާރުގެ މިސްރާބެއް އުފެދެނީ؟


އީރާނުގެ ރޫޙާނީ މުރްޝިދު އާޔަތުﷲ އަލީ ޚާމަނައީގެ ޖަނާޒާގެ ކަންކަން ނިމިގެންދިޔައިރު، އެ މަންޒަރުތަކުން ބައިނަލްއަޤްވާމީ މަސްރަޙަށް، ޚާއްޞަކޮށް އެމެރިކާއާއި އިސްރާއީލަށް ވަރުގަދަ މެސެޖުތަކެއް ދީފި ކަމަށް ސިޔާސީ ދިރާސާވެރިން ބުނަން ފަށައިފިއެވެ. އެމެރިކާއިން ދިން ހަމަލާއެއްގައި ޚާމަނައީ އަވަހާރަކޮށްލުމާ ގުޅިގެން، ބައިނަލްއަޤްވާމީ ޤަވާއިދުތަކާ ޚިލާފަށް ހުޅަނގުން ކުރިއަށްގެންދާ ހަރުކަށި ސިޔާސަތުތަކަށް ދުނިޔެ ބޯނުލަނބާނެކަން މި ޖަނާޒާއިން ވަނީ ހާމަކޮށްދީފައެވެ.

ޚާމަނައީގެ ޖަނާޒާގައި ބައިވެރިވުމަށްޓަކައި ތެހެރާނަށް އެތައް ހާސް ބަޔަކު އެއްވެފައިވާއިރު، މީގެތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އައި ވަފުދުތައް ހިމެނެއެވެ. ޚަބަރުތައް ބުނާގޮތުން ގާތްގަނޑަކަށް 100 އެއްހާ ޤައުމުން މި ޖަނާޒާގައި ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އިސްލާމީ މުމާލިކުތަކުގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެގޮތުން ޗައިނާ، ރަޝިޔާ، ޤަތަރު، ޕާކިސްތާނު އަދި ސައުދީ އަރަބިއްޔާ ފާހަގަކޮށްލެވެއެވެ.

މި ޖަނާޒާ ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ހުޅަނގުން އީރާނު އެކަހެރިކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ޗައިނާއާއި ރަޝިޔާ ފަދަ ބޮޑެތި ބާރުތައް އީރާނާއެކު ސާބިތުވެ ތިބިކަން މި މަންޒަރުތަކުން ސާފުވެއެވެ. އަދި ސައުދީ އަރަބިއްޔާއާއި ޤަތަރު ފަދަ ސުންނީ މުސްލިމް ބާރުތަކުން ބައިވެރިވުމަކީ، މަޒްހަބީ ތަފާތުތަކަށްވުރެ ބޮޑަށް ބައިނަލްއަޤްވާމީ ބޭއިންސާފާ ދެކޮޅަށް މުސްލިމް ޤައުމުތައް ގުޅެމުންދާކަމުގެ ނިޝާނެކެވެ. މިއީ އެމެރިކާއާއި ޔަހޫދީން ދައްކާ ބިރަކަށް ނުސިހޭނެ ކަމުގެ ވަރުގަދަ ރައްދެކެވެ.

އެމެރިކާއާއި އިސްރާއީލުން މެދުއިރުމަތީގައި އިސްވެ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އެތައް ބަޔަކު މަރުވަމުންދާއިރު، މި ޖަނާޒާއިން ފެނުނު އެއްބައިވަންތަކަމުގެ ސަބަބުން ދުނިޔޭގެ ސިޔާސީ މަސްރަޙުގައި އާ ބާރުގެ މިސްރާބެއް (New Geopolitical Order) އުފެދެމުންދާކަން ސާފުވެގެން ހިނގައްޖެ ކަމަށެވެ.

 


އަރުށީފު

އެންމެ މަޤްބޫލު