ދިވެހިރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ނިޒާމު ބައްޓަންވެފައި އޮތްގޮތުން، ޤައުމުގެ އާބާދީގެ ބޮޑުބައެއްގެ ދިރިއުޅުން ބިނާވެފައިވަނީ ސަރުކާރުގެ ވަޒީފާތަކުގެ މައްޗަށެވެ. ދައުލަތުގެ ބަޖެޓުން މުސާރަދޭ ސިވިލް ސާވިސްގެ މުވައްޒަފުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (SOEs) ވަޒީފާތަކުގައި ތިބި ދިވެހި ރައްޔިތުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. މި ސަބަބާހުރެ، ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި އެންމެ ބާރަށް އިވޭ އެއް އަޑަކީ "ވަޒީފާގެ ބިރުވެރިކަން" އޮތް ވާހަކައެވެ. ޤައުމުގައި ހިނގާ ނޭދެވޭ ކަންކަމާއި، ކޮރަޕްޝަނާއި، ބޭއިންސާފާ ދެކޮޅަށް ފާޅުގައި ބަސްބުނަން ގިނަ ރައްޔިތުންނަށް ނުކެރިފައިވަނީ، އެމީހުން އަދާކުރާ ވަޒީފާ ގެއްލިދާނެކަމުގެ ބިރު އޮތުމުގެ ސަބަބުންނެވެ. މިއީ ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށާއި، ރައްޔިތުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ހުރަހެވެ.
މި ހިތި ޙަޤީޤަތް އެންމެ ސާފުކޮށް ފެނިގެންދަނީ ވެރިކަމުގެ ބާރު ލިބުމުން ސިޔާސީ ޕާޓީތަކުންނާއި މަޖިލިސް މެންބަރުން ދައްކަވާ ވާހަކަފުޅުތަކުންނެވެ. އެގޮތުން ވޭތުވެދިޔަ އެމް.ޑީ.ޕީގެ ވެރިކަމުގައި، އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ފާޅުގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ ވަޒީފާތަކުގައި ތިބޭ މީހުން ސަރުކާރާ ދެކޮޅަށް ވާހަކަދައްކައިގެން ނުވާނެ ކަމަށެވެ. މިއީ ހަމައެކަނި ވަކި ޕާޓީއެއްގެ ވިސްނުމެއް ނޫނެވެ. ދިވެހިރާއްޖޭގައި މިހާތަނަށް ވެރިކަން ކުރި ހުރިހާ ސަރުކާރަކުން ވެސް ޢަމަލުކޮށްފައިވަނީ މި ބީދައިންނެވެ. ވެރިކަމުގެ ގޮނޑި ލިބުމާއެކު، ދައުލަތުގެ ވަޒީފާއަކީ ވަކި ސަރުކާރަކުން ދޭ ހަދިޔާއެއްގެ ގޮތުގައި ދެކެން ފަށައެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް ބޯލެނބުމަކީ ވަޒީފާގައި ދެމީހުން ތިބުމުގެ ޝަރުޠެއް ކަމުގައި ހަދައެވެ.
ނަމަވެސް، ހަމަ މި ސިޔާސީ ލީޑަރުން ވެރިކަން ގެއްލި އިދިކޮޅު މައިދާނަށް ދިއުމުން މުޅިން އެހެން ވާހަކައެއް ދައްކަވަން ފަށްޓަވައެވެ. އިދިކޮޅުގައި ތިބޭއިރު، ވަޒީފާގެ ބިރުވެރިކަން ނައްތާލުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ސިވިލް ސާވަންޓުންގެ ޙައްޤުތަކުގެ ވާހަކަ ދައްކަވަނީ އެންމެ އަޑުގަދަކޮށެވެ. ސަރުކާރުން މުވައްޒަފުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، އެއީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކުރެއެވެ. މިފަދަ ދެފުށްކެހެރި ސިޔާސަތުތަކުގެ ސަބަބުން ސާފުވަނީ، ސިޔާސީ ޕާޓީތަކަށް މުހިންމީ ރައްޔިތުމީހާގެ ޙައްޤުތަކެއް ނޫން ކަމާއި، އެބޭފުޅުން ބޭނުންވަނީ ހަމައެކަނި ވެރިކަމުގެ ބާރުވެރިކަން ހޯދުން ކަމެވެ. އިއްޔެ ދެއްކި ވާހަކައާއި މިއަދު ކުރާ ޢަމަލާ ދިމާނުވުމަކީ ދިވެހި ސިޔާސީ ދާއިރާގެ އާންމު ސަގާފަތަކަށް މިއަދު ވަނީ ވެފައެވެ.
މި ނިޒާމުގެ ސަބަބުން ޤައުމަށް ލިބޭ ގެއްލުންތައް އިންތިހާއަށް ބޮޑެވެ. ޤައުމެއް ހެޔޮމަގަށް އެޅުވުމަށްޓަކައި ސަރުކާރުގެ ގޯސް ކަންކަން ފާހަގަކޮށް ފާޑުކިޔާނެ ރައްޔިތުން ބޭނުންވެއެވެ. ޚާއްޞަކޮށް ތަޢުލީމީ އަދި ހޭލުންތެރި އާބާދީގެ ބޮޑުބައެއް ސަރުކާރުގެ ވަޒީފާތަކުގައި ތިބިއިރު، އެމީހުންގެ އަނގަ ބަންދުކުރުމުން ޤައުމުގައި ހިންގާ ނޭދެވޭ ކަންކަން އިޞްލާޙު ކުރުމުގެ ފުރުޞަތު ގެއްލިގެންދެއެވެ. ކޮރަޕްޝަނުގެ ވާހަކައާއި، ދައުލަތުގެ ފައިސާ އިސްރާފުކުރުމުގެ ވާހަކަ ދައްކަން ނުކެރި، މުވައްޒަފުން ތިބެންޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މީގެ ސަބަބުން ސަރުކާރުތަކުން ޖަވާބުދާރީވުން ކުޑަވެ، ހިތުހުރި ގޮތަކަށް ކަންކަން ކުރުމުގެ ފުރުޞަތު ފަހިވެއެވެ.
މި ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި ޤާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހެއެވެ. ފުރަތަމަ ކަމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ މެދުގައި އޮންނަ ގުޅުން ސިޔާސީ ނުފޫޒުން އެއްކިބާކުރުމެވެ. ކޮންމެ މުވައްޒަފަކީ ވެސް، އެމީހެއްގެ ސިޔާސީ ވިސްނުން ހުރިގޮތަކުން ވަޒީފާއިން ވަކިނުކުރެވޭނެ ފަދަ ވަރުގަދަ ޤާނޫނީ ރައްކާތެރިކަމެއް ލިބިފައިވާ މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން، އަމިއްލަ ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރ ކުރިއަރުވައި، ސަރުކާރުގެ ވަޒީފާތަކަށް ރައްޔިތުން ބަރޯސާވާ މިންވަރު ކުޑަކުރަންޖެހެއެވެ. ރައްޔިތަކަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުޞަތު ލިބުމުން، ސިޔާސީ ނުފޫޒުތަކަށް ބޯލެބުމުގެ ބޭނުމެއް ނޯންނާނެއެވެ.
ނިންމާލަމުން ދަންނަވާނީ، ރާއްޖޭގައި ޙަޤީޤީ ޑިމޮކްރަސީއެއް ޤާއިމުކުރެވޭނީ، ވަޒީފާގެ ބިރުވެރިކަން ނައްތާލައިގެންނެވެ. ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައުމަށް ދައްކާ ފޮނި ވާހަކަތަކަށް ހެއްލުމުގެ ބަދަލުގައި، ރައްޔިތުން މިއަދު ބޭނުންވަނީ އަމަލީ ގޮތުން ނަތީޖާ ފެނުމެވެ. ވެރިކަމުގައި ހުންނައިރުވެސް އަދި އިދިކޮޅުގައި އޮންނައިރުވެސް، ރައްޔިތުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އިޙްތިރާމްކުރާ ސަގާފަތެއް ޤައުމުގައި އަށަގަންނަންޖެހެއެވެ. ވަޒީފާއަކީ ބިރުދައްކަން ބޭނުންކުރާ ހަތިޔާރަކަށް ހެދުން ހުއްޓާލައި، އެއީ ޤައުމު ބިނާކުރުމުގެ ވަސީލަތެއްގެ ގޮތުގައި ހެދުމަކީ މިއަދު ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އިޞްލާޙެވެ.
