ބަނީ އިސްރާއީލުގެ ޤާނޫނު އަސާސީ! ( މުހައްމަދު އަލް މަލްދީފު)

 



ބަނީ އިސްރާއީލުގެ މީހުންގެ މައްޗަށް ޒަމާން ދިގުލައިގެންގޮސް ހިތްތައް ހަރުވެގެންދިޔަހިނދު އެމީހުންގެ ޝަހުވަތްތަކާއި އެދުންތައް ޙާޞިލުކުރުމަށްޓަކައި އެމީހުންގެ ފޮތް ދޫކޮށް 'ޤާނޫނު އަސާސީއެއް' އުފެއްދިކަން އެނގޭހެއްޔެވެ؟

ތަޢާލާ ވަޙީކުރެއްވިއެވެ:

(وَلَا یَكُونُوا۟ كَٱلَّذِینَ أُوتُوا۟ ٱلۡكِتَـٰبَ مِن قَبۡلُ فَطَالَ عَلَیۡهِمُ ٱلۡأَمَدُ فَقَسَتۡ قُلُوبُهُمۡۖ وَكَثِیرࣱ مِّنۡهُمۡ فَـٰسِقُونَ)

الحديد: 16

"...މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، އީމާންވި މީހުންނަށް އަދިވެސް ވަޤުތު ނުޖެހެނީހެއްޔެވެ؟! ފަހެ، އެއުރެންނަށް ޒަމާން ދިގުލައިގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ ފާސިޤުންނެވެ."

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:

"ހަމަކަށަވަރުން ބަނީ އިސްރާއީލުގެ މީހުން ފޮތެއް ލިޔެ ދެން އެފޮތަށް ތަބަޢަވިއެވެ. އަދި ތައުރާތު ދޫކޮށްލިއެވެ." (المعجم الأوسط للطبراني)

މި އާޔަތުގެ ތަފްސީރުގައި އިބްނު މަސްޢޫދު ވިދާޅުވިއެވެ:

"ހަމަކަށަވަރުން ބަނީ އިސްރާއީލުގެ މީހުންގެ މައްޗަށް ޒަމާން ދިގުލައިގެންގޮސް ދެން އެމީހުންގެ ހިތްތައް ހަރުވިހިނދު، އެމީހުން އަމިއްލައަށް ފޮތެއް އުފެއްދިއެވެ.

އެމީހުންގެ ހިތްތަކަށް އެފޮތް ރީތިވެ ކަމުގޮސް، އެމީހުންގެ ދޫތަކުން އެފޮތް މޮޅުކޮށް ޒީނަތްތެރިކޮށް ވާހަކަ ދެއްކިއެވެ. އޭގެ ކުރިން އެމީހުން ގަޔާވާ ގިނަ ޝަހުވަތްތަކާއި އެމީހުންނާއި ދެމެދު ޙައްޤު ހުރަސްއަޅަމުން ދިޔައެވެ.

ދެން އެމީހުން ބުނެފިއެވެ: 'އަހަރުމެންގެ މިފޮތަށް ބަނީ އިސްރާއީލުގެ މީހުންނަށް ގޮވާލަން ހިނގާށެވެ. ދެން އަހަރުމެންގެ ބަހަށް މިފޮތަށް ތަބަޢަވާ މީހަކު އަހަރުމެން ދޫކޮށްލާނަމެވެ. އަދި ތަބަޢަވާން ނުރުހިއްޖެ މީހަކު ޤަތުލުކުރާހުށީމެވެ... "(تفسير ابن أبي حاتم)

މުސްލިމުންގެ ތެރެއަށް ފާޅުވެގެން އުޅޭ ޤާނޫނުތައް ލިޔެފައިވާ ފޮތްތައް ހަމަ މިގޮތަށް ނުވޭހެއްޔެވެ! ޤުރްއާނާއި ސުންނަތް ބަޔަކު މީހުންގެ ޝަހްވަތްތައް ހޯދައިގަތުމަށް ހުރަސްއަޅާތީވެ އޭގެ ބަދަލުގައި މޮޅު ނަމެއް ކިޔައިގެން މަތިއޮމާންކޮށްގެން ފޮތެއް އުފެއްދިއެވެ. އަދި އެފޮތުގެ މޮޅުކަމާއި ފުރިހަމަކަމުގެ ވާހަކަ ޕޯޑިއަމްތަކުގައި ދައްކާ އެފޮތަށް ޚާއްޞަ ޤަދަރެއްދީ މަތިކުރިއެވެ. އަދި އެންމެން އެފޮތަށް ޢަމަލުކޮށް ބަލައިގަތުން މަޖުބޫރުކުރިއެވެ. އަދި ދެކޮޅުހަދައިފި މީހަކަށް އަނިޔާކޮށް ހުރަގެއަށްލާ މަރަންވެސް މަރައެވެ.

ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުގެ ތެދުކަމާއެވެ:

"ތިޔަބައިމީހުންގެ ކުރިންވީ މީހުންގެ ގޮތްތަކަށް ކައިވަތަކުން ކައިވަތަކުން، މުށަކުން މުށަކަށް ތިޔަބައިމީހުން ތަބަޢަވާނެކަން ކަށަވަރެވެ." (متفق عليه)

އަދިވެސް އާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ވިދާޅުވިއެވެ:

"މުއުމިނުންގެ ކުރިން ފޮތް އުފުލި މީހުންކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާ ވައްތަރުވެގަތުން ތަޢާލާ މުއުމިނުންނަށް ނަހީކުރެއްވިއެވެ.

އެމީހުންގެ މައްޗަށް ޒަމާން ދިގުލީހިނދު، އެމީހުންގެ ކުރިމަތީގައިވާ ގެ ފޮތް ބަދަލުކޮށް ކުޑަ އަގެއް ގައި އެފޮތް ގަނެ، އެމީހުންގެ ފުރަގަހަށް އެފޮތް އެއްލާލިއެވެ.

އަދި ތަފާތުވެގެންވާ ބުއްދީގެ ރައުޔުތަކާއި، އެގޮތްމިގޮތް ވެގެންވާ ބަސްތަަކާއި ދިމާލަށް ކުރިމަތިލިއެވެ. އަދި ގެ ދީނުގައި ބަޔަކު މީހުންނަށް ކަނު ތަޤުލީދުކޮށް ތަބަޢަވެ، އެމީހުންގެ ޢިލްމުވެރިންނާއި އަޅުވެރިންނަކީ ފިޔަވައި ރައްބުންތަކެއް ކަމުގައި ހެދިއެވެ.

އެހިނދުން އެމީހުންގެ ހިތްތައް ހަރުވެގެން ދިޔައެވެ. ދެން ވަޢުޡު ނަޞޭޙަތެއް އެމީހުން ބަލައެއް ނުގަތެވެ. އަދި ވަޢުދާއި ވަޢީދުގެ ބަސްފުޅަކުން އެމީހުންގެ ހިތްތައް މަޑެއްވެސް ނުވެއެވެ. "

(تفسير ابن كثير)


އަރުށީފު

އެންމެ މަޤްބޫލު