އަޅުގަނޑުމެން ކޮންމެ މީހަކީވެސް މި ފަނާވަނިވި ގޯތިން ވަކިވެގެންދާނެ މީހެކެވެ. އެއްވެސް މީހަކަށް ތާ އަބަދު މި ގޯތީގައި ނޫޅެވޭނެއެވެ. އަހަރުމެންގެ ޙަޤީޤީ މަންޒިލަކީ މިއީ ނޫނެވެ. މިއީ އަޞްލު މަންޒިލަށް ދިއުމަށްޓަކައި މަޑުކޮށްލައިގެން ތިބި ގިމަތައެކެވެ (މަޑުކޮށްލާ ތަނެކެވެ). މިއީ އެއްވެސް އިންސާނަކަށް ދެބަސްނުވެވޭނެ އިލާހީ ޤާނޫނެވެ.
ލުޤުމާންގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞޭޙަތްތެރިވަމުން ވިދާޅުވިއެވެ.
«يَا بُنَيَّ، لِكُلِّ إِنسَانٍ بَيتَانِ: بَيتٌ شَاهِدٌ وَبَيتٌ غَائِبٌ، فَلَا يُلهِيَنَّكَ بَيتُكَ الحَاضِرُ الَّذِي فِيهِ عُمرُكَ قَلِيلٌ، عَن بَيتِكَ الغَائِبِ الَّذِي عُمرُكَ فِيهِ طَوِيلٌ»
*މާނައީ: "އޭ ދަރިފުޅާއެވެ! ކޮންމެ އިންސާނަކަށްވެސް ދެ ގެއެއްވެއެވެ. އެއީ މިހާރު ފެންނަން ހުރި ގެއަކާއި (ދުނިޔެ)، ފެންނަން ނެތް ޣައިބުގައިވާ ގެއެކެވެ. ފަހެ، ދަރިފުޅުގެ ޢުމުރުން މަދު ދުވަސްކޮޅެއް ހޭދަކުރަންޖެހޭ މިހާރު މި ފެންނަ ގޭގެ ކަންކަމުގައި މަޝްޣޫލުވެ، ދަރިފުޅުގެ ޢުމުރު ދިގުދެމިގެންދާނޭ ފެންނާން ނެތް ގެއާ މެދު ޣާފިލުނުވާށެވެ."
އަދި ކީރިތި ރަސޫލާ ﷺ، ޢަބްދުﷲ އިބްނު ޢުމަރު رضى الله عنهما އަށް ވަޞިއްޔަތްކުރައްވައި ޙަދީޘްކުރެއްވިއެވެ.
«كُن فِي الدُّنيَا كَأَنَّكَ غَرِيبٌ أَو عَابِرُ سَبِيلٍ»
މާނައީ: "ދުނިޔޭގައި އުޅޭއިރު، ބޭރު ރަށަކުން އައިސް އުޅޭ މީހަކު ފަދައިން ނުވަތަ މަގު ހުރަސްކުރާ ދަތުރުވެރިއަކު ފަދައިން އުޅޭށެވެ."(ޞަޙީޙުލް ބުޚާރީ).
މިފަދައިން އިރުޝާދު ދީފައި އޮތްއިރު، އަޅުގަނޑުމެން މިއުޅެނީ ކިހިނަކުން ހެއްޔެވެ؟ ދުނިޔޭގެ އެކި ކޮޅުކޮޅަށް ދުވެ، އެއްކުރިހާ މުދަލާއި، ހޯދި މަޤާމާއި، ޖާހާއި ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މީސްތަކުންނަށް އަނިޔާވެރިވަނީއެވެ. ޡުލްމުގައި ހައްދުފަހަނައަޅައިގެން ގޮސް އެންމެ ފަހުން، މީސްތަކުންގެ ފުރާނައާވެސް ތޮޅެނީއެވެ. ނަބަވީ އިރުޝާދު ކިޔާނުލައި ތާނގައި، އެ އިރުޝާދަށް ބޮޑާކަމާއި ކިބުރުވެރިކަމާއެކު ކޮޅުފައިން ޖަހަނީއެވެ.
މިފަދަ މީހުން ދުނިޔެއަށް ދޫކޮށްފައި އެދަނީ ކޯޗެއް ހެއްޔެވެ؟ އޭގެއިން އެމީހަކަށް ލިބެނީ މީސްތަކުންގެ ރުޅިވެރިކަމާއި ބަދުދުޢާއެވެ. މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމަކީ ނުހަނު ބޮޑުކަމެކެވެ. އެބައިމީހުން މާފުކުރުމެއް ނެތް ހާލު، ދުނިޔެއިން ވަކިވެގެންދާ މީހާގެ ނިކަމެތިކަމާއި ހިތާމައިގެ ބޮޑުކަމާއެވެ!
އެހެންކަމުން އިންސާނާގެ މި ވަގުތީ ފާލަން ހުރަސްކޮށް، އޭނާގެ ފަތްފުށް ލެއްޕިގެންދާއިރު، މީސްތަކުންގެ ހިތްތަކުގައި ބާކީ ހުންނާނީ އަޅުގަނޑުމެން އެމީހުންނާ މެދު ކަންތައް ކުރިގޮތެވެ. ދެއްކި ހިތްހެޔޮ ބަސްތަކާއި، ބޮލުގައި ފިރުމާލި ފިރުމާލުންތަކެވެ. އަދި އަނެކާއަށް ދިމާވި ހިތާމައިގެ ވަގުތުގައި ދިއްކޮށްލި އޯގާތެރިކަމުގެ އަތެވެ. މިއަދު އަޅުގަނޑުމެން އިންދާ ކޮންމެ ހެޔޮ ޢަމަލެއްގެ އޮށަކީ، މާދަމާ އަޅުގަނޑުމެން މި ދުނިޔޭގައި ނެތް ދުވަހަކުވެސް އަޅުގަނޑުމެންގެ ހަނދާންތައް ދިރުވައިދޭނެ ހެޔޮ ބިނާއެކެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ:
"إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ"
މާނައީ: "އިންސާނާ މަރުވުމަށްފަހު އޭނާގެ ޢަމަލު ކެނޑިގެންދެއެވެ. ނަމަވެސް ތިން ކަމަކުން މެނުވީއެވެ. އެއީ: ޞަދަޤާތުލް ޖާރިޔާ (ދާއިމީ ހެޔޮ ޞަދަޤާތެއް)، ނުވަތަ ފައިދާހުރި ޢިލްމެއް (މީހުންނަށް އޭގެއިން ފައިދާކުރާނެ ޢިލްމެއް ދޫކޮށްފައިދިއުން)، ނުވަތަ އޭނާއަށްޓަކައި ދުޢާކުރާ ޞާލިޙު ދަރިއެކެވެ."* (ޞަޙީޙު މުސްލިމް: 1631).
މިއީ ހައްތަހާވެސް އިންސާނާ ދޫކޮށްފައިދާންވީ ހެޔޮ އާސާރުތަކެވެ.
ދުނިޔޭގެ ޙަޔާތަކީ ކުރުއެއްޗެކެވެ. ބުއްދިވެރިޔަކީ މިއަދުގެ ވަގުތީ އަރާމާއި ނަހަމަ ބާރުވެރިކަމަށްވުރެ ބޮޑަށް، މާދަމާ ދޫކޮށްލާފައިދާނެ ރީތިނަމާއި، ކަށްވަޅަށް އަލިކޮށްދީ ޤިޔާމަތް ދުވަހުން ކާމިޔާބު ހޯދައިދޭނެ ހެޔޮ އަސަރު ބިނާކުރުމަށް މަސައްކަތްކުރާ މީހާއެވެ.
