އަޅުގަނޑުގެ ގަލަން މި ހިއްލާލަނީ މީސްމިޑިޔާގެ މަންސައެއް ކަމުގައިވާ ފޭސްބުކުގައި އައްޝައިޚް މިދުޙަތު އިރުފާނު ޝެއާކޮށްލައްވާފައިވާ ނަޞޭހަތުގެ ބަސްކޮޅަކާ ބެހޭގޮތުން ވާހަކަ ދައްކާލާށެވެ. ޝެއިޚް އެ ލިޔުމުގައި ލިޔުއްވާފައިވަނީ: "ތިބާގެ އެކުވެރިޔާއަށް ހިތާމައެއް ލިބިފައިވާނަމަ އެހީތެރިވެދޭށެވެ." މިހެންނެވެ. ކޮންމެއަކަސް، މި ބަސްކޮޅުގެ އަސަރުގަދަކަމާއި ފުންމާނައެއް އެކުލެވޭތީ، އަޅުގަނޑުގެ ޒަމީރު އެދުނީ މި ސުރުޚީގެ ދަށުން ކުޑަ ސަފުޙާއެއް ލިޔެލުމަށެވެ. އެއީ ދެ އެދުމެއް އޮވެގެންނެވެ. އެއް އެދުމަކީ އަމިއްލަ ނަފްސަށް ނަޞޭހަތްތެރިވުމެވެ. ދެވަނަ އެދުމަކީ މި މުހިއްމު ނަޞޭހަތް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމެވެ.
އެކުވެރިކަމަކީ އިންސާނާއަށް ނުހަނު ބޭނުންތެރިކަމެކެވެ. އިންސާނުން ދުނިޔެއަށް ޚަލްޤު ކުރެއްވީއްސުރެ ބައިވެރިއެއްގެ މުހިންމުކަން ވަނީ ހާމަވެފައެވެ. ބަނީއާދަމްގެ ދަރިންގެ ބައްޕަ، އާދަމްގެފާނު އުފައްދަވައި، އެކަލޭގެފާނުގެ އެކަނިވެރިކަން ފިއްލެވުމަށްޓަކައި ޙައްވާގެފާނު އުފެއްދެވުމުގެ މާތް ޙާދިސާއަށް ބަލާލުމުންވެސް، އިންސާނާގެ ޠަބީޢަތުގައިވާ އެކަނިވެރިކަމާއި އެކަކު އަނެކެއްގެ އެހީތެރިކަމަށް ބޭނުންވާ މިންވަރު ނުހަނު ފުރިހަމައަށް ހާމަވެގެންދެއެވެ.
ޙަޤީޤަތުގައި އިންސާނުންނަކީ އެކަކު އަނެކެއްގެ ބޭނުން ޖެހިފައިވާ ބައެކެވެ. އެކަކަށް އަނެކެއްގެ އެހީއާ ނުލައި ދުނިޔޭގައި ނޫޅެވޭނެއެވެ. ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން، ކޮންމެވެސް ބޭނުމަކު އަނެކާގެ އެހީތެރިކަމަށް އެދި ގޮވާލަންޖެހެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ލައްވާފައިވަނީ މި ބީދައިންނެވެ. މިއީ އިލާހީ ފިޠުރަތުގެ ރީތި ނިޒާމެވެ. އެހެންކަމުން، އިންސާނުން އެކަކު އަނެކަކަށް އެހީތެރިވެ، އަތްދިއްކުރުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. މާތްވެގެންވާ އިސްލާމްދީނުގައި މިކަން ބަޔާންކޮށްދެއްވާފައިވަނީ ނުހަނު ފުރިހަމަ އަދި ރީތި ގޮތެއްގައެވެ. ކީރިތި ޤުރުއާނާއި ނަބަވީ ޙަދީޘްތަކުން މިކަމަށް ބާރުލިބޭ އެތައް ހެކިތަކެއް ފެންނަން އެބަހުއްޓެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
"...وَتَعَاوَنُواْ عَلَى ٱلۡبِرِّ وَٱلتَّقۡوَىٰۖ وَلَا تَعَاوَنُواْ عَلَى ٱلۡإِثۡمِ وَٱلۡعُدۡوَٰنِۚ وَٱتَّقُواْ ٱللَّهَۖ إِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ." (ސޫރަތުލް މާއިދާ: 2)
މާނައީ: "...އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ عقوبات ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ..."
ހަމައެހެންމެ، ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: ..والله في عون العبد ما كان العبد في عون أخيه)....."ﷲ ގެ އަޅާ، އޭނާގެ އަޚާއަށް އެހީތެރިވުމުގެ މަތީގައި ދެމިހުންނަހާ ހިނދަކު، ﷲ އެ އަޅާއަށް އެހީތެރިވުމުގައި ދެމިވޮޑިގެންވެއެވެ."(ޞަޙީޙު މުސްލިމް).
މިއީ އެކުވެރިޔާއަށް ދިމާވާ ހިތާމައިގެ ވަގުތުގައި އަޅުގަނޑުމެން އަޅާލަންޖެހޭނެ މިންވަރު އަންގައިދޭ މަތިވެރި އިރުޝާދެކެވެ. އެކުވެރިޔާގެ ހިތްދަތި ވަގުތުގައި ބާކީކޮށްނުލައި، އޭނާއަށް ހިތްވަރުދީ، ދުޢާކޮށްދީ، އަދި ޢަމަލީގޮތުން އެހީތެރިވުމަކީ މިއަދު އުންމަތަށް ނުހަނު ބޭނުންވެފައިވާ އޯގާތެރިކަމެކެވެ.
