މަރުވާ މީހުންގެ މަރުގެ ހަގީގަތް ހޯދުމަށްޓަކައި ހަދާ ޕޯސްޓްމޯޓަމްގެ ޚިދުމަތް ރާއްޖޭގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޚާއްޞަ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިއީ ރާއްޖޭގެ ބޭނުމަކަށް މިފަދަ ޚިދުމަތެއް ޤާއިމްކުރެވޭ ފުރަތަމަ ފަހަރެވެ.
ތަފާތު އެކި ސަބަބުތަކާ ހުރެ މަރުވާ މީހުންގެ ތަޙުޤީޤަށް ބޭނުންވާ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މީގެކުރިން އަބަދުވެސް ހަށިގަނޑުތައް ފޮނުވަން ޖެހެނީ ރާއްޖޭއިން ބޭރަށެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް ޕޯސްޓްމޯޓަމް ހެދުމަށްޓަކައި 23 މީހެއްގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ.
ބޭރުން މި ޚިދުމަތް ހޯދުމަކީ ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހޭ ކަމެކެވެ. އެގޮތުން، ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމްގެ ޚިދުމަތް ހޯދުމަށް އެވްރެޖްކޮށް ކޮންމެ މީހަކަށް 55،000 ދިވެހި ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރާއްޖޭގައި މި ޚިދުމަތްދޭ ޔުނިޓެއް ޤާއިމްކުރެވުމުން، ދައުލަތުން ކުރާ ޚަރަދުތައް ކުޑަވެ، ތަޙުޤީޤުތަކަށް ބޭނުންވާ ނަތީޖާ މާ އަވަހަށް ލިބި، މަރުވާ މީހުންގެ ޢާއިލާތަކަށް ލިބޭ ހިތާމައާއި އިންތިޒާރުގެ ވަގުތު ކުޑަކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.
