ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައަކީ ހަމައެކަނި ޖަޒުބާތީ ކަމެއް ނޫނެވެ. އެއީ އިސްލާމީ ތާރީޚާއި، ނަބީބޭކަލުންގެ ދަޢުވަތާއި، އަދި ދުނިޔޭގެ ސިޔާސީ ބަދަލުތަކާ ނުހަނު ފުންކޮށް ގުޅިފައިވާ މައުޟޫޢެކެވެ. މިކަމުގެ އަޞްލު ފެށިގެން އަންނަނީ އިބްރާހީމްގެފާނުގެ ދެ ދަރިކަލުން ކަމުގައިވާ އިސްޙާޤްގެފާނާއި އިސްމާޢީލްގެފާނުގެ ހިސާބުންނެވެ. އިސްޙާޤްގެފާނުގެ ދަރިކޮޅުން ބަނީ އިސްރާއީލްގެ ނަބީބޭކަލުން ފަލަސްޠީނުގެ ބިމުގައި އުޅުއްވިއިރު، އިސްމާޢީލްގެފާނުގެ ދަރިކޮޅު ވަޒަންވެރިވީ މައްކާގައެވެ. ޔަހޫދީންނަކީ ހަމައެކަނި ދީނީ ބައެއް ނޫނެވެ. އެއީ މައިފުށުން އަންނަ ނަސްލީ ބައެއްގެ ގޮތުގައި އެމީހުން ދެކެއެވެ. ޤުރުއާނާއި ޙަދީޘްގައި މި ބިމަށް ނިސްބަތްކޮށްފައިވަނީ "އަރުޟު މުޤައްދަސް" ނުވަތަ "ބިލާދުއްޝާމް" ގެ ނަމުންނެވެ. މިއީ މިއަދުގެ ފަލަސްޠީނާއި، އިސްރާއީލާއި، ލުުބުނާނާއި، އުރުދުން އަދި ސޫރިޔާ ހިމެނޭ ބަރަކާތްތެރި ބޮޑު ސަރަޙައްދެކެވެ.
ތާރީޚީ ގޮތުން ބަލާއިރު، މޫސާގެފާނު ބަނީ އިސްރާއީލްގެ މީހުން މިޞްރުން ނެރުއްވައި މި ބިމަށް ހިޖުރަކުރެއްވުމަށްފަހު، ދާއޫދުގެފާނާއި ސުލައިމާނުގެފާނުގެ ދައުރުގައި ޤުދުސްގައި މަތިވެރި ރަސްކަމެއް ޤާއިމުކުރެވުނެވެ. މަސްޖިދުލް އަޤްޞާ ނުވަތަ ހައިކަލް ސުލައިމާނީ ބިނާކުރެވުނީ އެ ދުވަސްވަރުއެވެ. ނަމަވެސް، ފަހުން ބާބިލްގެ މީހުންނާއި ރޫމީންގެ ހަމަލާތަކުގައި މި މިސްކިތް ސުންނާފަތިކުރެވުނެވެ. އަދި ރޫމީންގެ ދަށުގައި ޔަހޫދީން ބޭރުކޮށްލެވިފައި ވަނިކޮށް، ޢުމަރުގެފާނުގެ ޚިލާފަތުގައި މުސްލިމުން މި ބިން ފަތަޙަކުރައްވައި، އަލުން ޔަހޫދީންނަށް އެ ބިމަށް ވަނުމުގެ ފުރުޞަތު ދެއްވިއެވެ. މަސްޖިދުލް އަޤްޞާގެ ޙަރަމްފުޅަކީ 37 އޭކަރުގެ ބޮޑު ސަރަޙައްދެކެވެ. އާސާރީ ހެކިތަކުން ދައްކާ ގޮތުގައި ޔަހޫދީން ބުނާ ސުލައިމާނުގެފާނުގެ ހައިކަލް ހުރީ މިހާރުގެ ޙަރަމްގެ އިންފާރުން ބޭރުގައެވެ.
ޞަލާޙުއްދީން އައްޔޫބީ ކުރުސީންގެ އަތްދަށުން ފަލަސްޠީން މިނިވަންކުރެއްވި ހިސާބުން ފެށިގެން 20 ވަނަ ޤަރުނާ ހަމައަށް އެ ބިން އޮތީ މުސްލިމުންގެ ދަށުގައެވެ. ނަމަވެސް 19 ވަނަ ޤަރުނުގައި ޒަޔަނިސްޓު ޙަރަކާތް ފެށި، "ގްރޭޓަރ އިސްރާއީލް" އެއް އުފެއްދުމުގެ ނިޔަތުގައި ޔަހޫދީން އެ ބިމަށް ޖަމާވާން ފެށިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން 1948 ގައި އިސްރާއީލް އުފެދި، "ނަކްބާ" ނުވަތަ ބޮޑު މުޞީބާތުގެ ތެރޭގައި 750,000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ގެދޮރުން ބޭރުކޮށްލެވުނެވެ. ފަހުން 1967 ގެ ހަދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ޣައްޒާއާއި ހުޅަނގު އައްސޭރި ހިފިއެވެ. މިއަދު ޔަހޫދީންގެ ތެރޭގައި ދެ ބައެއް އުޅެއެވެ. އެއީ ސިޔާސީ ބާރުވެރިކަން ބޭނުންވާ ޒަޔަނިސްޓުންނާއި، އިސްރާއީލް ދައުލަތް މިގޮތަށް އުފެއްދުމާ ދެކޮޅު ދީނީ އޯތޮޑޮކްސް ޔަހޫދީންނެވެ.
މިހާރުގެ ޙާލަތަށް ބަލާއިރު، ޙަމާސްއަކީ 1987 ގައި ޝައިޚް އަޙްމަދު ޔާސީން އުފެއްދެވި އިސްލާމީ މުޤާވަމާ (ރެސިސްޓެންސް) ޙަރަކާތެކެވެ. މިއީ ބައެއް މީހުން ބުނާ ފަދައިން އިސްރާއީލުން އުފެއްދި އެއްޗެއް ނޫނެވެ. ޙަމާސްގެ މަޤްޞަދަކީ އިސްތިޢުމާރާ ދެކޮޅަށް ޖިހާދުކޮށް ފަލަސްޠީން މިނިވަންކުރުމެވެ. ތާރީޚުން އެނގޭ ގޮތުގައި ޢަރަބި ލަޝްކަރުތަކުން ކުރި ހަނގުރާމަތަކުން ބިންތައް ވަނީ ގެއްލިފައެވެ. ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި އެ ގައުމުގެ މީހުންގެ ކަމެއް ނޫނެވެ. އެއީ މުޅި އުންމަތުގެ ޙައްޤެކެވެ. މި މައްސަލާގައި ތެދު މަޢުލޫމާތު ހޯދައި، ކޮންސްޕިރަސީ ތިއަރީތަކުން ދުރުވެ، އިސްލާމީ ތާރީޚުގެ އަލީގައި ހޭލުންތެރިވުމަކީ ފަލަސްޠީނަށް އެހީތެރިވުމަށް އޮތް އެންމެ ވަރުގަދަ ބިންގަލެވެ. ފަލަސްޠީނުގެ ބިމުގެ ޙައްޤުވެރިންނަކީ ނަބީބޭކަލުންގެ ރޫޙާނީ ދަރިވަރުން ކަމުގައިވާ ޢަދުލުވެރި މުސްލިމުންނެވެ.
