ތާރީޚުލް ޢަޤީދާ-5



 އިންސާނީ ތަހުޒީބުގެ ފެށުމާ މެދު ދުނިޔޭގައި މައިގަނޑު ތިން ނަޒަރިއްޔާތެއް ވެއެވެ. އެއީ މާއްދީ ތަރުބަވީ ނަޒަރިއްޔާ (Evolutionary Theory) އާއި، ބަދަލުކުރެވިފައިވާ ކުރީގެ ފޮތްތަކުގައިވާ (ތައުރާތާއި އިންޖީލު) ރިވާޔަތްތަކާއި، އަދި އިސްލާމީ ނަޒަރިއްޔާއެވެ. މާއްދީ ފަލްސަފާވެރިން ގަބޫލުކުރާ ގޮތުގައި އިންސާނާ ފެށުނީ އެއްވެސް ރޫޙާނީ ބާރެއް ނުވަތަ ބަހެއް ނެތް "ސަވޭޖް" ނުވަތަ ވަހުޝީ ޖަނަވާރެއްގެ ސިފައިގައެވެ. މި ނަޒަރިއްޔާ ބިނާވެފައިވަނީ ހަމައެކަނި ހީތަކެއްގެ މައްޗަށެވެ. އެބައިމީހުން ދެކޭގޮތުގައި އިންސާނާގެ ސިކުނޑި ބޮޑުވެ، އަޑުފޮށި ތަރައްޤީވެ، ވާހަކަދައްކަން ދަސްވީ އަތުން ހަތިޔާރު ހަދައި، ކައްކައިގެން ކާން ފެށުމުން އައި ބަދަލުތަކެއްގެ ސަބަބުންނެވެ. ނަމަވެސް ޒަމާނީ ޖެނެޓިކްސްއާއި ޑީ.އެން.އޭ ގެ ހޯދުންތަކުން މިފަދަ 19 ވަނަ ޤަރުނުގެ ބޯދާ ޚިޔާލުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އިންސާނާގެ ކިބައިގައިވާ އެންމެ ތަފާތު ސިފައަކީ ބަހުރުވަ ނުވަތަ ވާހަކަދެއްކުމުގެ ގާބިލުކަމެވެ. ނޯމް ޗޮމްސްކީ ފަދަ ބަހުގެ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މިއީ ހަމައެކަނި އިންސާނުންނަށް ޚާއްޞަ، އެހެން އެއްވެސް ދިރޭ އެއްޗެއްގެ ކިބައިގައި ނުވާ ފިޠުރީ ގާބިލުކަމެކެވެ. ކުޑަކުއްޖަކު އަމިއްލައަށް ބަސް ދަސްކުރާ ފަސޭހަގޮތުން އެނގެނީ، އިންސާނާގެ ސިކުނޑިއަކީ ޚާލިޤުވަންތަ އިލާހު "ޕްރީ-ޕްރޮގްރާމް" ކުރައްވާފައިވާ އެއްޗެއް ކަމެވެ. މީގެ އިތުރުން، ލިޔަންކިޔުމުގެ ހުނަރަކީވެސް އިލާހީ ހަދިޔާއެކެވެ. އިންސާނީ ތަހުޒީބު ރައްކާތެރިކޮށް، އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދެވެނީ މި "ގަލަމުގެ" ސަބަބުންނެވެ. އެހެން އެއްވެސް ޖަނަވާރެއްގެ ކިބައިގައި މިފަދަ ތަހުޒީބީ ނުވަތަ ފަންނީ ގާބިލުކަމެއް ނުވެއެވެ.

ބަދަލުކުރެވިފައިވާ ކުރީގެ ފޮތްތަކުގައި (މިސާލަކަށް ބައިބަލްގެ ޖެނެސިސް) އިންސާނާގެ ފެށުން ސިފަކޮށްފައިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެ ފޮތްތަކުގައި ބުނާގޮތުން އާދަމުގެފާނު ސުވަރުގެއިން ބޭރުކުރެވުނީ "ހެޔޮނުބައި ވަކިކޮށްދޭ ގަހުން" ފަރިއްކުޅުއްވުމުންނެވެ. މި ރިވާޔަތުން ދޭހަވަނީ އިލާހީ ބާރާއި އިންސާނީ ބުއްދިއާ ދެމެދު އޮންނަ ފުށުއެރުމެކެވެ. މިއީ ގްރީކް މިތޮލޮޖީގައި އަންނަ "ޕްރޮމެތިއަސް" ކަލާނގެ އަތުން އަލިފާން (އިލްމު) ވަގަށް ނެގި ވާހަކައާ އެއްގޮތް ވާހަކައެކެވެ. މި ސަބަބާހުރެ، ހުޅަނގުގެ ދުނިޔޭގައި ސައިންސާއި ދީނަކީ އަބަދުވެސް ހަނގުރާމައެއްގައިވާ ދެ އެއްޗެއްގެ ގޮތުގައި ބެލެވެން ފެށުނެވެ. އެމީހުން ދެކޭގޮތުގައި ކުރިއެރުން ލިބޭނީ ދީން ދޫކޮށްލުމުންނެވެ. މިކަމުގެ ސަބަބުން، އިވޮލިއުޝަން ސާބިތުކުރުމަށްޓަކައި "ޕިލްޓްޑައުން މޭން" ފަދަ ދޮގު އާސާރީ ހެކިތައް އުފެއްދުމަށްވެސް ސައިންސްވެރިން ފަސްނުޖެހެއެވެ.

ނަމަވެސް އިސްލާމީ ނަޒަރިއްޔާގައި އެއްވެސް ފުށުއެރުމެއް ނެތެވެ. އިސްލާމްދީން ބުނާގޮތުގައި އިންސާނީ ތަހުޒީބު ފެށުނީ އާދަމުގެފާނުންނެވެ. އެކަލޭގެފާނު އުފެއްދެވީ ފުރިހަމަ، ތަހުޒީބީ އިންސާނެއްގެ ގޮތުގައެވެ. އަދި ﷲ ތަޢާލާ ވަނީ އެކަލޭގެފާނަށް "ހުރިހާ ތަކެއްޗެއްގެ ނަންތައް" އުނގަންނަވައިދެއްވާފައެވެ. އިސްލާމްދީނުގައި އިލްމަކީ އަޅުކަން ފުރިހަމަކުރުމަށް ﷲ ދެއްވާފައިވާ ހަދިޔާއެކެވެ. އިންސާނާ ބޭނުންކުރާ އާލާތްތައް (ހިލައިން ފެށިގެން ސިލިކަންއާ ހަމައަށް) ބަދަލުވި ކަމުގައިވިޔަސް، އިންސާނީ ފިޠުރަތާއި، އާއިލީ ނިޒާމާއި، އަދި އިލާހަކަށް އަޅުކަންކުރުމުގެ އެދުމަކީ އިންސާނާ އުފެއްދެވީއްސުރެ ބަދަލުނުވެ ދެމިއޮތް ސިފަތަކެކެވެ. ތަހުޒީބަކީ ވަހުޝީ ހާލަތަކުން އުފެދުނު އެއްޗެއް ނޫނެވެ. އެއީ އިލާހީ ތައުލީމުގެ މަތީގައި ފެށިފައިވާ ކަމެކެވެ.

އަރުށީފު

އެންމެ މަޤްބޫލު