މީޑިޔާ ހަނގުރާމައަކީ އިންސާނީ ތާރީޚުގެ ކޮންމެ ޒަމާނެއްގައިވެސް އޮތް، އަދި ހަނގުރާމައިގެ މައިދާނަށްވުރެ ބޮޑު ނުފޫޒެއް ފޯރުވަމުން އައިސްފައިވާ ކަމެކެވެ. މިއީ ހަމައެކަނި މިޒަމާނުގެ ޓެކްނޮލޮޖީއާއެކު އުފަންވި ކަމެއް ނޫނެވެ. ކޮންމެ ޒަމާނެއްގައިވެސް އެބަޔަކު ކުރިއަރާފައިވާ މުވާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ދިޔައީ "ނާރޭޓިވް" ނުވަތަ ވާހަކަ ބައްޓަންކުރުމުގެ ހަނގުރާމަ ކުރަމުންނެވެ. ތަފާތަކީ އެކަން ކުރުމަށް ބޭނުންކުރާ ވަސީލަތާއި، އެ މެސެޖު ފޯރާ ހަލުވިމިނެވެ.
ކީރިތި ރަސޫލާ ﷺ ގެ ޒަމާނަށް ބަލާއިރު، އެ ދުވަސްވަރުގެ "މީޑިޔާ" އަކީ ޅެންވެރިކަމެވެ. ޢަރަބިކަރައިގައި ޅެންވެރިންނަކީ މިއަދުގެ ޓީވީ ޗެނަލްތަކާއި ސޯޝަލް މީޑިޔާ އިންފްލުއެންސަރުން ފަދަ ބައެކެވެ. މުޝްރިކުންގެ ޅެންވެރިން އިސްލާމްދީނާ ދެކޮޅަށް ހަޖޫޖަހައި، މީސްތަކުންގެ ހިތްތަކުގައި ނުބައި ތަޞައްވުރެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. މިއާ ދެކޮޅަށް ރަސޫލާ ﷺ ވަނީ ޙައްސާން އިބްނު ޘާބިތު رضي الله عنه ފަދަ ޅެންވެރިން ޞަހާބީން (شاعر الرسول) ބޭނުންކުރައްވައިގެން ރައްދު ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވި ގޮތުގައި، ޙައްސާންގެފާނުގެ ޅެންތަކަކީ ދުޝްމަނުންނަށް އަމާޒުކުރެވޭ އުންޑަތަކަށްވުރެވެސް ނުރައްކާތެރި އެއްޗެކެވެ. މިއީ މީޑިޔާ ހަނގުރާމައިގެ އެންމެ ފުރަތަމަ އަދި އެންމެ ވަރުގަދަ އެއް މިސާލެވެ.
ޒަމާން ބަދަލުވެ، ލިޔުންތެރިކަމާއި ޗާޕްޚާނާގެ ދައުރު އައިއިރު، ހަނގުރާމަ ބަދަލުވީ ނޫސްތަކާއި ފޮތްތަކަށެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން އެމީހުންގެ ސިޔާސަތުތައް ފެތުރުމަށް "ޕްރޮޕެގެންޑާ" ބޭނުންކުރަން ފެށިއެވެ. ދުނިޔޭގެ ބޮޑު ދެ ހަނގުރާމައިގައިވެސް، ބަޑިއަށްވުރެ ބޮޑަށް ބޭނުންކުރެވުނީ ރޭޑިއޯއާއި ޕޯސްޓަރުތަކެވެ. މީސްތަކުންގެ ވިސްނުން ކޮންޓްރޯލްކުރުމަކީ ހަނގުރާމައިގެ މައިދާނުގައި ނަޞްރު ހޯދުމަށް އޮތް އެންމެ ކުރު މަގެވެ.
މިއަދުގެ ޒަމާނުގައި މި ހަނގުރާމަ ވަނީ "މީޑިޔާ ހަނގުރާމަ" ނުވަތަ "ހައިބްރިޑް ވޯފެއާ" އަށް ބަދަލުވެފައެވެ. މިހާރު ހަތިޔާރަކީ ސޯޝަލް މީޑިޔާއާއި، ސެޓެލައިޓް ޗެނަލްތަކާއި، އަދި އާޓިފިޝަލް އިންޓެލިޖެންސްއެވެ. އިރާނާއި ހުޅަނގުގެ ބާރުތަކުގެ މެދުގައި ހިނގަމުންދާ ހަނގުރާމައަކީ މީގެ ވަރަށް ސާފު މިސާލެކެވެ. އިރާނުން އެމީހުންގެ "މުޤާވަމާ" ފިކުރު ފެތުރުމަށްޓަކައި އެކި ބަސްބަހުން މީޑިޔާ ވިއުގަތައް ހިންގާއިރު، ހުޅަނގުން މަސައްކަތް ކުރަނީ އެމީހުންގެ ޑިމޮކްރަސީއާއި ސަގާފަތުގެ ޒަރީޢާއިން ދުނިޔޭގެ ރައުޔު ބައްދަލުކޮށްލުމަށެވެ.
މީޑިޔާ ހަނގުރާމައިގައި މިއަދު އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ "ވާހަކަ ބައްޓަންކުރުން" ނުވަތަ ފްރޭމިންގް އެވެ. ކޮންމެ ހާދިސާއެއްވެސް މީޑިޔާއިން ގެނެސްދޭ ކުލަވަރަކުން، މީހުންނަށް އެއީ ރަނގަޅު ކަމެއް ނުވަތަ ނުބައި ކަމެއްގެ ގޮތުގައި އިޙްސާސް ކުރެވެއެވެ. ޤަލަމާއި ބަހަކީ ކޮންމެ ޒަމާނެއްގައިވެސް ކަނޑިއަށްވުރެ ތޫނު ހަތިޔާރެކެވެ. ތާރީޚުން ފެށިގެން މިއަދާ ހަމައަށްވެސް މޮޅުވާ ބަޔަކީ ހަމައެކަނި ގިނަ ބަޑި ހުރި މީހެއް ނޫނެވެ. އޭގެ ބަދަލުގައި، އެންމެ މޮޅަށް މީހުންގެ ހިތްތަކާ ކުޅެލައި، މޮޅު ވާހަކައެއް ދައްކަން އެނގޭ ބަޔަކީ ހަގީގީ ބާރުވެރިންނެވެ.
