ޚުޠުބާ: ޙަޤީޤީ ތާހިރުކަމަކީ ހިތުގެ ތާހިރުކަމާ ނުލައި ފުރިހަމަވާނޭ ކަމެއް ނޫން



މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން ކަމަށާއި، ނަމަވެސް ބޭރުފުށުގެ ތާހިރުކަމާއެކު ހިތުގެ ތާހިރުކަން ނެތްނަމަ އެއީ ފުރިހަމަ ތާހިރުކަމެއް ނޫންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ޝިރުކާއި، ޙަސަދައާއި، ޝައްކުތަކުން ހިތް ސާފުނުކޮށް ހަމައެކަނި ބޭރުފުށް ރީތިކުރުމަކީ، ގަނޑުވަރެއްގެ ބޭރު ޒީނަތްތެރިކޮށްފައި އޭގެ އެތެރެ ގޮނޑަކަށް ހެދުން ފަދަ ކަމެކެވެ. މުސްލިމުންނަކީ ހަށިގަނޑާއި، ފޭރާމާއި، އުޅޭތަން ސާފުކޮށް ބެލެހެއްޓުމަށް الله سُبْحَانَهُ وَتَعَالَى އަމުރުކުރައްވާފައިވާ ބައެއް ކަމަށާއި، އެއީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ މަތިވެރި އަޅުކަމެއްކަން ހަނދާންކޮށްދެއްވިއެވެ.

ސާފުތާހިރުވުމުގެ ނަމުގައި ދީނީ އިންތަކުން ބޭރުވާތަން ފެންނަމުންދާކަން ފާހަގަކުރައްވައި ޚުޠުބާގައި ވިދާޅުވީ، ސެލޫންތަކަށް ގޮސް "ވެކްސް" ކުރުމަށް ނުވަތަ "ލޭޒާ ޓުރީޓްމެންޓު" ހެދުމަށްޓަކައި ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި ފިރިހެނުން ވެސް ކުޅިވަރުގެ މައިދާނުގައާއި އެހެނިހެން ތަންތަނުގައި ޢައުރަ ނިވައިނުވާ ހެދުން އެޅުމުން ދުރުހެލިވުމަށް ވަނީ ގޮވާލާފައެވެ.

 "ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރާއިރު ޢައުރަ ކަޝްފުވާފަދަ ހެދުން އެޅުމަކީ ނަމާދު ބާޠިލުވާނޭ ކަމެއް." - ހުކުރު ޚުޠުބާ

ޒީނަތްތެރިވުމުގެ ނަމުގައި ޓެޓޫ ޖެހުމާއި، ބުމަ ހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައިގެން ބުމަ ތުނިކުރުން ފަދަ ކަންކަމަކީ ﷲ ގެ ލަޢުނަތް ހުރި، ޝައިޠާނާގެ މަޅިތަކެއްގެ ގޮތުގައި ޚުޠުބާގައި ސިފަކުރެއްވިއެވެ.

ޚުޠުބާ ނިންމާލައްވަމުން ބާރުއެޅުއްވީ ދެމަފިރިން އެކަކު އަނެކަކަށް ޒީނަތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެންމެ ރީތި ހެދުމާއި މީރުވަސްދުވާ ސެންޓު ބޭނުންކުރަންވީ ބޭރަށް ނުކުންނައިރު ނުވަތަ ހަފުލާތަކަށް ދާއިރު ނޫން ކަމަށާއި، އެކަން ކުރަންވީ ތިމާގެ ޙަލާލު ބައިވެރިޔާގެ ކުރިމަތީގައި ގޭތެރޭގައި ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.


އަރުށީފު

އެންމެ މަޤްބޫލު