ކުއްޖާގެ ތަރައްޤީ: ދާއިރާތަކާއި، ގުޅުންތަކާއި އަދި މުދައްރިސުންގެ ދައުރު


ކުއްޖާގެ ތަރައްޤީއަކީ ތަފާތު މަރުޙަލާތަކެއް ކަނޑަނޭޅި ހިނގަމުންދާ، ކުޑަކުއްޖެއްގެ ކިބައިން ފެށިގެން ބޮޑުމީހަކަށް ބަދަލުވުމުގެ ފުން މަރުޙަލާއެކެވެ. މި ދަތުރުގައި ކުއްޖާގެ ހަށިގަނޑަށާއި، ވިސްނުމަށާއި، އިޙްސާސްތަކަށާއި އަދި އިޖުތިމާޢީ ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނަމަވެސް، އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހޭ އެންމެ މުހިންމު ކަމަކީ ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމެވެ. ބައެއް ކުދިންގެ ވިސްނުން އަވަސްވެފައި ހަށިގަނޑުގެ ކުރިއެރުން ލަސްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މުދައްރިސެއްގެ ހައިސިއްޔަތުން، ކުއްޖާގެ ތަރައްޤީގެ ދާއިރާތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭރުން ކުއްޖާގެ އިޙްސާސްތަކާއި، ވިސްނުމާއި، ހަރަކާތްތައް ދެނެގަނެ، ކުއްޖާއަށް އެންމެ އެކަށޭނަ އުނގަންނައިދިނުމުގެ މާޙައުލެއް ޤާއިމުކޮށްދެވޭނެއެވެ.

ކުއްޖާގެ ތަރައްޤީގެ އެންމެ ފުރަތަމަ ދާއިރާއަކީ ޖިސްމާނީ ނުވަތަ ހަށިގަނޑުގެ ތަރައްޤީއެވެ. މީގެ ތެރޭގައި ހަށިގަނޑުގެ ބޭރުފުށުގެ ބަދަލުތަކާއި، ފަސް ހިއްސާއި، އަދި ހަރަކާތްތެރިވުމުގެ ހުނަރުތައް ހިމެނެއެވެ. ހަރަކާތްތެރިވުމުގެ ހުނަރުތައް ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ބޮޑެތި މަސްތައް ބޭނުންކޮށްގެން ކުރާ ހަރަކާތްތައް (Gross Motor Skills) ކަމަށްވާ ދުވުމާއި ފުންމުމާއި، އަދި ކުދި މަސްތައް ބޭނުންކޮށްގެން ކުރާ ހަރަކާތްތައް (Fine Motor Skills) ކަމަށްވާ ލިޔުމާއި އެއްޗެހި ހިފުމެވެ. ކުއްޖާގެ ޖިސްމާނީ ތަރައްޤީއަށް ބޮޑެތި އަސަރުތަކެއް ކުރާ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ފައިދާހުރި ކާނާއާއި، ޞިއްޙީ ދުޅަހެޔޮކަމާއި، އަދި ހަރަކާތްތެރިވެ އުޅުމުގެ ފުރުޞަތު ހިމެނެއެވެ. މާލެ ފަދަ ތަންތަނުގައި ދިިރިއުޅޭ ކުދިންނަށް ކުޅޭނެ ޖާގަ ނުލިބުމަކީ އެކުދިންގެ ޖިސްމާނީ ކުރިއެރުމަށް ހުރަސް އެޅޭ ކަމެކެވެ. މީގެ އިތުރުން، ވިރާސީ ނުވަތަ ޖެނެޓިކްސްގެ ސަބަބުން ވެސް ކުއްޖާގެ ކުރިއެރުމަށް ބަދަލު އާދެއެވެ.

ދެވަނަ ދާއިރާއަކީ ވިސްނުމުގެ ނުވަތަ ކޮގްނިޓިވް ތަރައްޤީއެވެ. މިއީ ކުއްޖާ ދުނިޔެ ދަސްކޮށް، ކަންކަމާ މެދު ވިސްނާ، ހަނދާންކޮށް އަދި މައްސަލަތައް ޙައްލުކުރާ ގޮތެވެ. ޖީން ޕިއާޖޭގެ ތިއަރީގައި ބަޔާންކުރާ ގޮތުގައި ކުއްޖާގެ ވިސްނުން ހަތަރު މަރުޙަލާއެއް ކަނޑައްތުކުރެއެވެ. އުފަންވީއްސުރެ ދެ އަހަރާ ދެމެދު ހިއްސުތަކުން ދަސްކުރާ މަރުޙަލާއާއި، ހަތް އަހަރާ ހަމައަށް ބަހާއި ޚިޔާލީ ދުނިޔެ ތަރައްޤީވާ މަރުޙަލާއާއި، އެގާރަ އަހަރާ ހަމައަށް މަންޠިޤީ ނުވަތަ ލޮޖިކަލް ވިސްނުން އަންނަ މަރުޙަލާ، އަދި އެގާރަ އަހަރުން މަތީގައި ފުންކޮށް ވިސްނާ މަރުޙަލާއެވެ. މި މަރުޙަލާތައް ދެނެގަތުމަކީ މުދައްރިސުން ފިލާވަޅުތައް ރޭވުމުގައި އެހީތެރިވެދޭނެ ކަމެކެވެ.

ހަމައެފަދައިން، ނަފްސާނީ އަދި އިޖުތިމާޢީ ތަރައްޤީއަކީ ވެސް ކުއްޖާގެ ޝަޚުޞިއްޔަތު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދެ ދާއިރާއެވެ. ނަފްސާނީ ތަރައްޤީއަކީ ކުއްޖާގެ އިޙްސާސްތައް ދެނެގަނެ، އެ އިޙްސާސްތައް ކޮންޓްރޯލްކޮށް، ރަނގަޅު ގޮތުގައި ފާޅުކުރުމެވެ. މީގެ އިތުރުން އިޖުތިމާޢީ ތަރައްޤީއަކީ އެހެން މީހުންނާ ގުޅިގެން އުޅުމާއި، އެކުވެރިކަން ބަދަލުކުރުމެވެ. ކްލާސްރޫމުގައި ކުރިއަށްގެންދާ ގްރޫޕް މަސައްކަތްތަކާއި "ރޯލް ޕްލޭ" ފަދަ ހަރަކާތްތަކުގެ ސަބަބުން، އެކަކު އަނެކަކަށް އެހީތެރިވުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ކުދިންނަށް ދަސްވެއެވެ. ޚާއްޞަކޮށް، ކުއްޖާ ދަންނަ މިންވަރަށްވުރެ ކުޑަ ތަންކޮޅެއް އުނދަގޫ ކަންކަން އެހެން މީހެއްގެ އެހީތެރިކަމާއެކު ދަސްކޮށްދިނުމަކީ (ZPD) ކުއްޖާގެ ކުރިއެރުމަށް ލިބޭ ބޮޑު ބާރެކެވެ.

މި ހުރިހާ ދާއިރާތަކަކީ އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމެވެ. މިސާލަކަށް ކުއްޖާ ބަނޑުހައިވެފައި ހުރިނަމަ (ޖިސްމާނީ)، އޭނާގެ ވިސްނުމަށް (ކޮގްނިޓިވް) އެކަމުގެ ނޭދެވޭ އަސަރުކުރާނެއެވެ. މުދައްރިސަކީ ބަގީޗާ ބަލަހައްޓާ މީހެއް ފަދަ މީހެކެވެ. ކޮންމެ ގަހަކަށް ތަފާތު މިންވަރަށް ފެނާއި އަލި ބޭނުންވާ ފަދައިން، ކޮންމެ ދަރިވަރަކީ ވެސް ތަފާތު ބޭނުންތަކެއް ހުރި ކުއްޖެކެވެ. އެހެންކަމުން، ހުރިހާ ކުދިން ޝާމިލުވާ (Inclusive) ތަޢުލީމީ ނިޒާމެއްގެ ތެރެއިން، ކުއްޖާގެ ޖިސްމާނީ، ވިސްނުމުގެ، ނަފްސާނީ އަދި އިޖުތިމާޢީ ދާއިރާތަކަށް އެހީތެރިވެދިނުމަކީ ކުއްޖާގެ މުސްތަޤުބަލު އުޖާލާކޮށްދޭނެ ކަމެކެވެ. ނިންމާލަމުން ދަންނަވާނީ، ކުއްޖާގެ ތަރައްޤީގެ ކޮންމެ ދާއިރާއަކަށް ދެވޭ ސަމާލުކަމަކީ، އެކުއްޖާ މުޖުތަމަޢަށް ފައިދާހުރި މީހަކަށް ހެދުމަށް އެޅޭ ވަރުގަދަ ބިންގަލެއް ކަމެވެ.

އަރުށީފު

އެންމެ މަޤްބޫލު