ސީރިއާގެ ތަޟާމުންގައި 200 އަށްވުރެ ގިނަ މީހުން މަރައި، ވަޅުގަނޑަކަށް އަޅައި އަންދާލި ބިރުވެރި ޖަރީމާ ހިންގުމުގައި އެންމެ އިސްކޮށް ހުރި އަމްޖަދު ޔޫސުފް ހައްޔަރުކުރުމާ ގުޅިގެން، އަނިޔާ ލިބުނު އާއިލާތަކުން ދަނީ އުފާ ފާޅުކުރަމުންނެވެ.
2013 ވަނަ އަހަރު ސީރިއާގެ ދިމިޝްޤުގެ އަވަށެއް ކަމަށްވާ ތަޟާމުންގައި ހިންގި މި ޖަރީމާ ފަޅާއެރީ، އެކަން ކުރި މީހުން އަމިއްލައަށް ރެކޯޑުކޮށްފައިވާ ވީޑިއޯތަކެއް ލީކުވުމުންނެވެ.
އޭނާއަކީ ސީރިއާގެ އަސްކަރީ ޖާސޫސީ އިދާރާގެ އޮފިސަރެކެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އޭނާ ވަނީ މީހުންގެ ލޯބަންނަވައި، ވަޅުގަނޑަކަށް ވައްޓާލައި، ބަޑިޖަހައި މަރާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސީރިއާގެ ރައްޔިތުން ގޮވާލަމުންދަނީ ހަމައެކަނި އަމްޖަދު ހައްޔަރުކުރުމަކުން ނުފުދޭނެ ކަމަށާއި، މިފަދަ ޖަރީމާތަކަށް އަމުރުދިން އެންމެހާ ފަރާތްތަކަށް ޙައްޤު އަދަބު ދޭންޖެހޭނެ ކަމަށެވެ.
މި ހާދިސާއަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގާ މީހުންނަށް ދުވަހަކުވެސް ފިލައިގެން ނޫޅެވޭނެކަމުގެ ވަރުގަދަ މެސެޖެކެވެ.
