ފަލަސްޠީނުގެ އަސީރުން މެރުމަށް ހުއްދަދޭ ގޮތަށް އިސްރާއީލުގެ ޕާލަމެންޓުން ފާސްކުރި ލާއިންސާނީ ޤާނޫނު، ރާއްޖޭގެ ޢަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި މަހުގެ 2 ވަނަ ދުވަހު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފަށް، ޒަޔަނިސްޓު ރެޖީމުން ފަލަސްޠީނުގެ ރައްޔިތުން ނައްތާލުމަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.
މި ޤާނޫނުގެ ދަށުން އަސީރުން ދަންޖައްސައިގެން މެރުމަށް ހުއްދަދީ، ޤާނޫނީ ވަކީލުންގެ އެހީތެރިކަމާއި އާއިލީ ބައްދަލުވުންތަކުން އެމީހުން މަޙްރޫމްކުރާއިރު، މި ޖަރީމާ ހިންގާ ފަރާތްތަކަށް ފުރިހަމަ މިނިވަންކަން ދީފައިވާކަން ޢަދާލަތު ޕާޓީން ފާހަގަކުރެއެވެ.
އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށްޓަކައި އަޑުއުފުލުމަކީ ކޮންމެ މުސްލިމެއްގެ ދީނީ އަދި އިންސާނީ ވާޖިބެއްކަން ފާހަގަކުރަމުން، އިސްރާއީލުގެ މި އަމަލުތައް ހުއްޓުވައި އެ ޤައުމު ޖަވާބުދާރީ ކުރުވުމަށް އދ. އާއި، އޯ.އައި.ސީ އަދި އަރަބް ލީގު ފަދަ ޖަމާޢަތްތަކަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
މެދުއިރުމަތީގެ މަސްރަޙު ނުހަނު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި ނެރުނު މި ބަޔާން ނިންމާލާފައިވަނީ، ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ހިތްވަރުގަދަ މަސައްކަތަށް ސާބަސްދީ، އެ ޤައުމަށް އަވަސް ނަޞްރެއް މިންވަރުކޮށްދެއްވުމަށް އެދި ދުޢާކުރަމުންނެވެ.
