މަސްޖިދުލް އަޤްޞާއަކީ އިސްލާމީ އަޤީދާއާއި ތާރީޚާ ނުހަނު ފުންކޮށް ގުޅިފައިވާ، ބަރަކާތުން ފުރިގެންވާ މުޤައްދަސް ބިމެކެވެ. ﷲ ތަޢާލާ ބައެއް ވަގުތުތައް އެހެން ވަގުތުތަކުގެ މައްޗަށް މަތިވެރިކުރެއްވި ފަދައިން، ބައެއް ބިންތަކުގައިވެސް ޚާއްޞަ ބަރަކާތެއް ލައްވާފައިވެއެވެ. އަޤްޞާގެ ބަރަކާތަކީ ހަމައެކަނި އެ މިސްކިތަށް ޚާއްޞަ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި އެ ބިމުގެ ވަށައިގެންވާ މުޅި ސަރަޙައްދަށް އެ ބަރަކާތް ފެތުރިގެންވެއެވެ. ކީރިތި ޤުރުއާނުގެ ފަސް ތަނެއްގައި ޝާމްކަރަ ނުވަތަ ފަލަސްޠީނުގެ ބިމަކީ ބަރަކާތްތެރި ބިމެއްގެ ގޮތުގައި ސިފަކުރައްވާފައިވުމީ، މި ބިމުގެ މަތިވެރިކަން ސޫރަތުލް އިސްރާގެ ފުރަތަމަ އާޔަތުން ފެށިގެން ސާފުކޮށް އެނގެން އޮތް ޙަޤީޤަތެކެވެ.
ތާރީޚީ ގޮތުން ބަލާއިރު މަސްޖިދުލް އަޤްޞާއަކީ ނަބީބޭކަލުންގެ ވަޒަނެވެ. އިބްރާހީމްގެފާނު ޢިރާޤުން ހިޖުރަކުރެއްވީ މި ބިމަށެވެ. އަދި ޢީސާގެފާނު އުފަންވެވަޑައިގަތީވެސް މި ބިމުގައެވެ. މޫސާގެފާނު އަވަހާރަވީއިރު އެދިވަޑައިގަތީވެސް މި ބަރަކާތްތެރި ބިމާ ކައިރީގައި ފަސްދާނުލެވުމަށެވެ.
ޚ މީގެ އިތުރުން، މިއީ މުސްލިމުންގެ ފުރަތަމަ ކިބުލައެވެ. ކަޢުބާއަށް ކިބުލަ ބަދަލުވުމުގެ ކުރިން 16 ނުވަތަ 17 މަސް ދުވަހު މުސްލިމުން ނަމާދުކުރެއްވީ އަޤްޞާއަށް ކުރިމަތިލައްވައިގެންނެވެ. ޞަޙީޙުލް ބުޚާރީގެ ޙަދީޘަކުން އެނގޭ ގޮތުގައި، މަސްޖިދުލް ޙަރާމަށްފަހު ދުނިޔޭގައި ބިނާކުރެވުނު ދެވަނަ މިސްކިތަކީ މިއީއެވެ. މި ދެ މިސްކިތް ބިނާކުރެވުނު ދެމެދުގައިވަނީ އެންމެ 40 އަހަރުގެ ފަރަޤެކެވެ.
މަސްޖިދުލް އަޤްޞާއާ މެދު އޮންނަ އާންމު ތަޞައްވުރަށް ބަލާއިރު، އެއީ ހަމައެކަނި ރަން ގުއްބު ނުވަތަ ރިހި ގުއްބުލީ އިމާރާތެއް ނޫނެވެ. އޭގެ ބަދަލުގައި، ވަށައިގެން ފާރުލެވިފައިވާ މުޅި 144 އޭކަރުގެ ސަރަޙައްދަކީ މަސްޖިދުލް އަޤްޞާއެވެ. އެ ސަރަޙައްދުގެ ކޮންމެ ތަނެއްގައި ނަމާދުކުރިޔަސް އެ ލިބެނީ އަޤްޞާގެ މަތިވެރި ސަވާބެވެ.
މަޝްހޫރު ރަން ގުއްބު (قبة الصخرة) އަކީ އުމައްޔަދު ދައުލަތުގެ ޢަބްދުލްމަލިކް ބިން މަރުވާން ބިނާކުރެއްވި ތާރީޚީ ބިނާއެކެވެ. އެތަނަކީ ރަސޫލާ ﷺ މީޢުރާޖަށް އަރައިވަޑައިގަތް ތަން ކަމުގައިވީ ނަމަވެސް، އަޅުކަމުގެ ގޮތުން އެތަނަކީ އެ ސަރަޙައްދުގެ އެހެން ބައިތަކަށްވުރެ މާތް ތަނެއް ނޫނެވެ. ދަތުރު ހަދައިގެން ޚާއްޞަކޮށް އަޅުކަމަށް ދިއުން އޮތް މުޤައްދަސް ތިން މިސްކިތުގެ ތެރޭގައި މި މިސްކިތް ހިމެނެއެވެ.
އަޤީދާގެ ގޮތުން ބަލާއިރު، މި ބިމަކީ ޤިޔާމަތް ދުވަހު މީސްތަކުން ޖަމާކުރެވޭނެ ބިމެވެ (أرض المحشر). އަދި ދައްޖާލުގެ ފިތުނައިން ރައްކާތެރިކުރައްވާފައިވާ ހަތަރު ބިމުގެ ތެރޭގައިވެސް މި ބިން ހިމެނެއެވެ. ރަސޫލާ ﷺ ޚަބަރު ދެއްވާފައިވާ ގޮތުގައި، ޙައްޤުގެ މަތީގައި ސާބިތުވެތިބޭ "الطائفة المنصورة" (ނަޞްރު ލިބިގެންވާ ޖަމާޢަތް) މި ބިމުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ޤިޔާމަތާ ހަމައަށް ތިބޭނެއެވެ. އެހެންކަމުން، މި ބިމުގެ އަހުލުވެރިންނަށް އެހީތެރިވުމަކީ ހަމައެކަނި ސިޔާސީ ކަމެއް ނޫނެވެ. އެއީ ދީނީ ގޮތުން މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ.
