ޒަމާނީ ޓެކްނޮލޮޖީއާއެކު އުފަންވި "ޖެން-ޒީ" އަދި "ޖީލު އަލްފާ" ގެ ދަރިންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފޯނާއި އިސްކްރީންތަކަށް ދެވިހިފުމެވެ. 2024 ވަނަ އަހަރު އިންޑިއާގެ ސިޓީތަކުގައި ދިރިއުޅޭ 70،000 ބެލެނިވެރިންގެ މެދުގައި ކުރެވުނު ސާވޭއަކުން ދައްކާގޮތުގައި، 66 އިންސައްތަ ބެލެނިވެރިން ގަބޫލުކުރާގޮތުގައި އެމީހުންގެ ދަރިން ވަނީ ސޯޝަލް މީޑިއާ، އޮންލައިން ގޭމް ނުވަތަ ފިލްމު ބަލާ ޕްލެޓްފޯމްތަކަށް ދެވިހިފާފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން 58 އިންސައްތަ ކުދިންގެ ކިބައިން ރުޅިގަދަވުމާއި ކެތްތެރިކަން ކުޑަވުމުގެ މައްސަލަތައް ފެންނަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO) އިން 2 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް ވަރަކަށް ސްކްރީން ނުދެއްކުމަށް އިރުޝާދު ދީފައިވީ ނަމަވެސް، ޙަޤީޤަތުގައި އެ ޢުމުރުގެ ކުދިން ދުވާލަކު އެވްރެޖްކޮށް 1.2 ގަޑިއިރު ސްކްރީން ބޭނުންކުރެއެވެ. އަދި 2 އަހަރާއި 4 އަހަރާ ދެމެދުގެ ކުދިންނަށް ކަނޑައަޅާފައިވާ 1 ގަޑިއިރުގެ ބަދަލުގައި، އެކުދިން ދުވާލަކު 2.2 ގަޑިއިރު އިސްކްރީން ކައިރީގައި ހޭދަކުރެއެވެ.
އިސްކްރީންގެ ސަބަބުން ކުދިންގެ ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް އިންތިހާއަށް ބޮޑެވެ. އޭގެ ތެރޭގައި "މައިއޯޕިއާ" ނުވަތަ ދުރު ނުފެނުމުގެ މައްސަލަ ހިމެނެއެވެ. ބޭރުތެރޭގައި ހޭދަކުރާ ވަގުތު މަދުވެ، ގުދުރަތީ އަލި ނުލިބުމުގެ ސަބަބުން ލޮލުގެ ފެނުން ބަލިކަށިވެ، 2050 ވަނަ އަހަރާ ހަމައަށްދާއިރު އިންޑިއާގެ ދެބައިކުޅަ އެއްބައި ކުދިން އައިނު އަޅަންޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ހަމައެފަދައިން، އިސްކްރީންތަކުން ބޭރުވާ ނޫއަލީގެ ސަބަބުން ނިދަން އެހީތެރިވެދޭ "މެލަޓޯނިން" ހޯރމޯން މަދުވެ، ނިދުމުގެ މައްސަލަތައް ކުރިމަތިވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސްކްރީން ކައިރީގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް ކުއްޖާގެ ނިދިން 10 މިނެޓު މަދުވެއެވެ. މީގެ އިތުރުން، ހަށިގަނޑު ހަރަކާތްތެރި ނުވުމުގެ ސަބަބުން ފަލަވުމުގެ މައްސަލަ (Obesity) ކުރިމަތިވާއިރު، އިނގިރޭސިވިލާތުގެ 23 އިންސައްތަ ކުދިން ގަބޫލުކުރާގޮތުގައި ވީޑިއޯ ގޭމް ކުޅުމަކީ ކަސްރަތު ކުރުމެވެ. ކުދިން ވާހަކަދައްކަން ދަސްކުރުމަށް މީހުންގެ ތުންފަތުގެ ހަރަކާތްތަކާއި އިޖުތިމާޢީ މުޢާމަލާތްތައް ބޭނުންވީ ނަމަވެސް، އިސްކްރީންތަކުން ލިބޭ އެއްކޮޅު މުޢާމަލާތްތަކުގެ ސަބަބުން ބަސްމޮށުންތެރިކަން ތަރައްޤީވުން ލަސްވެއެވެ.
ސްކްރީންގެ ސަބަބުން ކުއްޖާގެ ސިކުނޑިއަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތަކަކީ މުސްތަޤުބަލަށް އޮތް ބޮޑު ބިރެކެވެ. ކުޑަ ޢުމުރުގައި ގިނަވަގުތު އިސްކްރީން ބޭނުންކުރުމުން، ޢުމުރުން 9 އަހަރުވާއިރު ކުއްޖާގެ "އެގްޒެކެޓިވް ފަންކްޝަނިންގ" ނުވަތަ އިޙްސާސްތައް ކޮންޓްރޯލްކުރުމާއި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ބާރު ބަލިކަށިވެއެވެ. "ކޮކޯމެލަން" ފަދަ ކާޓޫނުތަކަކީ ސިކުނޑިއަށް އަވަސްއަވަހަށް "ޑޯޕަމީން" ފޮނުވައިދިނުމަށްޓަކައި ސައިންޓިފިކް ގޮތުން ފަރުމާކޮށްފައިވާ އެއްޗެކެވެ. މިފަދަ ކާޓޫނުތަކުގައި ކޮންމެ 2-3 ސިކުންތަކުން މަންޒަރު ބަދަލުވުމާއި ގަދަ ކުލަތައް ބޭނުންކުރުމުގެ ސަބަބުން، ކުއްޖާއަށް އަސްލު ދިރިއުޅުން ފޫހި އެއްޗަކަށް ބަދަލުވެއެވެ. މިކަމުގެ ސަބަބުން "ވާޗުއަލް އޯޓިޒަމް" ނުވަތަ މީހުންނާ ވަކިވުމާއި، މުޢާމަލާތްކުރަން އުނދަގޫވުމުގެ އަލާމާތްތައް ފެންނަން ފަށައެވެ.
މި މައްސަލައަށް އޮތް ޙައްލަކީ ބެލެނިވެރިން އިސްނެގުމެވެ. ކުދިންނަށް ނަޞޭޙަތް ދިނުމުގެ ބަދަލުގައި، ބެލެނިވެރިން އަމިއްލައަށް ފޯނު ބޭނުންކުރުން މަދުކޮށް ނަމޫނާ ދައްކަންޖެހެއެވެ. ގޭތެރޭގައި ކާ މޭޒު ދޮށާއި ނިދާ ކޮޓަރި ފަދަ ތަންތަނަކީ "އިސްކްރީން-ފްރީ" ޒޯންތަކެއްގެ ގޮތުގައި ކަނޑައަޅަންޖެހެއެވެ. ސްކްރީންގެ ބަދަލުގައި ބޭރުތެރޭގެ ކުޅިވަރުތަކާއި، ބޯޑު ގޭމް (ލޫޑޯ، ކެރަމް) ނުވަތަ ލެގޯ ފަދަ އުފެއްދުންތެރި ކަންކަމުގައި ކުދިން ބައިވެރިކުރުވުން މުހިންމެވެ. ޢުމުރުން 5 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް ވަރަކަށް އިސްކްރީން ނުދެއްކުމަށް ސަމާލުކަންދޭންޖެހެއެވެ. އަދި ބޮޑެތި ކުދިންނަށް އިސްކްރީން ދޭއިރުވެސް، އަވަސް މަންޒަރުތައް ހިމެނޭ ކާޓޫނުތަކުގެ ބަދަލުގައި، އުނގެނުމަށް އެހީތެރިވެދޭ މަޑުމައިތިރި ކޮންޓެންޓް އިޚްތިޔާރުކުރުމަކީ ކުއްޖާގެ ސިކުނޑީގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
