އިންސާނީ ތާރީޚު ދިރާސާކުރުމުގައި ހުޅަނގުގެ މާއްދީ ފަލްސަފާވެރިން ގެންގުޅޭ "ޕްރީ-ހިސްޓްރީ" ނުވަތަ ތާރީޚުގެ ކުރީގެ ޒަމާނާއި "ސްޓޯން އޭޖް" (ހިލަ ޒަމާން) ފަދަ މުޞްޠަލަޙްތަކަކީ، އިންސާނާގެ އަޞްލު އޮޅުވާލުމަށް ބޭނުންކުރާ އިޞްޠިލާޙުތަކެކެވެ. އާންމުކޮށް ތާރީޚު ފެށޭ ހިސާބަކީ ލިޔަންކިޔަން ދަސްވި ހިސާބު ކަމަށް ބެލިޔަސް، މިއީ މުޅި ދުނިޔެއަށް އެއް ހަމައަކުން ހިނގާ އުޞޫލެއް ނޫނެވެ.
ސަބަބަކީ މިޞްރާއި އިރާޤު ފަދަ ތަންތަން މީގެ 5,000 އަހަރު ކުރިން ތާރީޚީ މަރުޙަލާއަށް ދިޔައިރު، ބައެއް އެހެން މުޖުތަމަޢުތައް 20 ވަނަ ޤަރުނާ ހަމައަށްވެސް ތިބީ އެބުނާ "ޕްރީ-ހިސްޓްރީ" ގައެވެ. އެހެންކަމުން މިއީ ވަކި ޒަމާނަކަށްވުރެ ބޮޑަށް، އެކި ސަރަޙައްދުތަކަށް އައި ތަފާތު ތަރައްޤީގެ މަރުޙަލާތަކެކެވެ. ހުޅަނގުގެ ނަޒަރިއްޔާތަކުން އިންސާނާގެ ކުރިއެރުން މިނަނީ އޭނާ ބޭނުންކުރި ހަތިޔާރާއި (ހިލަ، ލޯ، ދަގަނޑު) އިޤްތިޞާދީ ނިޒާމަށް ބަލައިގެން ކަމަށްވިޔަސް، މިއީ އިންސާނާގެ ރޫޙާނިއްޔަތާއި، ބުއްދިއާއި، އަދި ފިޠުރީގޮތުން އޭނާގެ ކިބައިގައި ހުންނަ އީމާންތެރިކަމަށް އުނިކަން އަންނަ އުޞޫލެކެވެ.
އިންސާނާގެ ފެށުމަކީ ޖަނަވާރަކާ އެއްފަދަ، ބަރަހަނާ، އަދި އެއްވެސް އިލްމެއް ނެތް ހާލަތެއް ކަމަށް ހެންރީ ބްރެސްޓެޑް ފަދަ ސެކިއުލަރ ފިކުރުގެ މީހުން ބުންޏަސް، އިސްލާމީ ހަގީގަތަކީ އިންސާނާ ފެށުނީ އާދަމުގެފާނުން ކަމެވެ. އާދަމުގެފާނަކީ ފުރިހަމަ ބަހާއި، ބުއްދިއާއި، އަދި އެންމެ މުހިންމު އިލްމު ކަމުގައިވާ ތައުޙީދު (އެއްކައުވަންތަކަން) ދެނެގަތުމުގެ ގާބިލުކަން ދެއްވާފައިވާ ބޭފުޅެކެވެ. ތާރީޚުން ފެންނަ ނުވަތަ މިއަދުވެސް އުޅޭ "ޕްރިމިޓިވް" ނުވަތަ ފަހަތަށްޖެހިފައިވާ ޤަބީލާތަކަކީ އިންސާނާގެ ފެށުމެއް ނޫނެވެ. އެއީ ތަހުޒީބީ ގޮތުންނާއި ރޫޙާނީ ގޮތުން ދަށަށް ގޮސްފައިވާ ބައެކެވެ. އާސާރީ ގޮތުން ފެންނަ ކުލަޖެއްސި ކުރެހުންތަކާއި ކަށިތަކުންވެސް ދޭހަވަނީ، އިންސާނާގެ ކިބައިގައި އަބަދުވެސް ފިޠުރީ ލަދުވެތިކަމާއި، މަރުވުމަށްފަހު ދިރިއުޅުމެއްވާކަމުގެ އީމާންތެރިކަން ހުރިކަމެވެ.
އޯގަނިކް އިވޮލިއުޝަން (ޑާވިންގެ ނަޒަރިއްޔާ) އާއި އޮގަސްޓް ކޮމްޓޭގެ އިލްމީ ތަރައްޤީގެ ތިއަރީތަކަކީ ބޮޑެތި އުނިކަންތައްތަކެއް ހުރި ފިކުރުތަކެކެވެ. ޒަމާނީ ޖެނެޓިކްސްއިން ސާބިތުވާ ގޮތުގައި އިންސާނީ ނަސްލު ފެށިފައިވަނީ އެންމެ ޖޯޑަކުންނެވެ. މިއީ އާދަމާއި ޙައްވާގެ ވާހަކައާ ދިމާވާ ކަމެކެވެ. އަދި އިންސާނީ ފިޠުރަތަކީ ހުރިހާ ޒަމާނެއްގައިވެސް އެއްގޮތަކަށް އޮންނަ އެއްޗެކެވެ. ވިލް ޑުރަންޓްގެ "ސްޓޯރީ އޮފް ސިވިލައިޒޭޝަން" ގައިވާ ފަދައިން، މީގެ 5,000 އަހަރު ކުރިން ސޫމޭރިއާގެ އަންހެނުން ބޭނުންކުރި ގަހަނާއާއި، ރީތިވާ ސާމާނާއި، ދަތި ފަދަ ތަކެއްޗަކީ މިއަދުވެސް ބޭނުންކުރާ ތަކެއްޗާ އެއް މަޤްޞަދެއްގައި ބޭނުންކުރާ އެއްޗެހިތަކެކެވެ.
މިއިން އެނގެނީ އިންސާނާގެ އިޙްސާސްތަކާއި، ބޭނުންތަކާއި، އަދި ޚާލިޤުވަންތަ އިލާހާ އޮންނަ ގުޅުމަކީ ބަދަލުވާ އެއްޗެއް ނޫން ކަމެވެ. ޤުރުއާނުގައި އިންސާނާގެ ނަފްސުގެ ސިފަތައް ބަޔާންކޮށްފައިވަނީ ހުރިހާ ޒަމާނެއްގެ އިންސާނުންނަށްވެސް ފެތޭ ގޮތަށެވެ. އެހެންކަމުން، "ސްޓޯން އޭޖް" ފަދަ ލަފުޒުތަކަކީ އިންސާނާ އަކީ އިލާހަކު ނެތި އަމިއްލައަށް އުފެދުނު ޖަނަވާރެއްކަން ދެއްކުމަށް ބޭނުންކުރާ ނަޒަރިއްޔާއެކެވެ. އިސްލާމީ ނަޒަރިއްޔާގައި ތަހުޒީބަކީ ހަމައެކަނި ބޭނުންކުރާ ހަތިޔާރުގެ ތަރައްޤީއެއް ނޫނެވެ. އެއީ އިންސާނާގެ ރޫޙާއި އޭނާ އުފެއްދެވި އިލާހާ އޮންނަ ގުޅުމުގެ ފުރިހަމަކަމެވެ.
