އެލް.ޖީ.ބީ.ޓީ ފެތުރުމުގެ ނުރައްކާ

 



​އަޅުގަނޑުމެންގެ މި ކުޑަކުޑަ އިސްލާމީ މުޖުތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ތަހުޒީބާއި މިނިވަންކަމުގެ ނަމުގައި ފަތުރަމުންދާ ލާދީނީ ފިކުރުތަކެވެ. މީގެ ތެރެއިންވެސް އެންމެ ނުރައްކާތެރި އެއް ކަމަކީ އެލް.ޖީ.ބީ.ޓީ (LGBT) ގެ ނަމުގައި ހިންގޭ ޙަރަކާތްތަކާއި، އެކަންކަމަކީ އިންސާނީ ޙައްޤެއްގެ ގޮތުގައި ދައްކައިގެން ތަޢުލީމީ ނިޒާމުގެ ތެރެއަށް ވައްދަން ކުރެވޭ މަސައްކަތްތަކެވެ. މިއީ ހަމައެކަނި ދީނީ މައްސަލައެއް ނޫނެވެ. މިއީ އިންސާނީ ފިޠުރަތާއި، އަޚްލާޤާއި، އަދި މުސްތަޤުބަލުގެ ޖީލުތަކުގެ ސަލާމަތާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ.

​އިސްލާމްދީނުގައި އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ކީރިތި ޤުރުއާނުގައި ލޫޠު عليه السلام ގެ ޤައުމުގެ ވާހަކަ ބަޔާންކުރައްވާފައިވަނީ އިބްރަތެއްގެ ގޮތުގައެވެ.Al-A'raf 7:80

وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ أَتَأۡتُونَ ٱلۡفَٰحِشَةَ مَا سَبَقَكُم بِهَا مِنۡ أَحَدࣲ مِّنَ ٱلۡعَٰلَمِينَ 

އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ (އަލްއަޢުރާފު: 80).

​މި ޢަމަލުގެ ނުބައިކަން ބަޔާންކުރައްވައި ރަސޫލާ ﷺ ވަނީ ތަކުރާރުކޮށް މިކަން ކުރާ މީހުންނަށް ލަޢުނަތް ލައްވާފައެވެ. ސަލަފުއްޞާލިޙުންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި، މިފަދަ ޢަމަލުތަކަށް ރުހިގެން ހުންނަ މީހާއަކީވެސް އެ ޢަޒާބުގައި ބައިވެރިވާނެ މީހެކެވެ. ލޫޠު عليه السلام ގެ އަނބިކަނބަލުންނަށް ޢަޒާބު އައީ އެކަމުގައި އަމަލީގޮތުން ބައިވެރިވެގެންނެއް ނޫނެވެ. އެކަމަކު އެ ފާފައަށް ރުހި، އެކަން ކުރާ މީހުންނަށް ހިތްވަރު ދިނުމުގެ ސަބަބުންނެވެ. މިއީ މިއަދު އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ނުކުތާއެކެވެ.

​މިއަދު ބައެއް ޖަމުޢިއްޔާތަކުން ވަކާލާތު ކުރަމުންދަނީ އެލް.ޖީ.ބީ.ޓީ އާ ގުޅޭ ފިލާވަޅުތައް ސުކޫލުތަކުގައި ކިޔަވައިދިނުމަށެވެ. މީގެ ބޭނުމަކީ ކުޑަކުދިންގެ ހިތްތަކުގައި މި ހުތުރު ޢަމަލުތަކަކީ "އާދައިގެ" ކަމެއްގެ ގޮތުގައި ބަލައިގަތުމުގެ ރޫޙު އުފެއްދުމެވެ. "މިނިވަންކަން" ނުވަތަ "ތަފާތުވުންތަކަށް އިޙްތިރާމްކުރުން" ފަދަ ރީތި ނަންނަމުގައި މިކަންކަން އުނގަންނައިދިނުމަކީ، އިސްލާމީ އަޚްލާޤީ ބަހާރުތައް މުލުން ބުރިކޮށްލުމެވެ. މުދައްރިސުންނާއި ބެލެނިވެރިން މިކަމަށް ނުހަނު ފާރަވެރިވާންޖެހެއެވެ.

​އެއްޖިންސުން ގުޅުން ހިންގުމަކީ ހަމައެކަނި ދީނީ ގޮތުން މަނާކަމެއް ނޫނެވެ. އެއީ އިންސާނީ ނަސްލު ދެމެހެއްޓުމަށް އޮތް ހުރަހެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ އުފައްދަވައި، ޒަވާޖީ ޙަޔާތުގެ ނިޒާމު ލައްވާފައިވަނީ އަންހެނަކާއި ފިރިހެނެއްގެ މެދުގައެވެ. މި ނިޒާމުން ބޭރުވުމަކީ ނަފްސާނީ އެތައް ބަލިތަކަކަށް މަގުފަހިވާ ކަމެކެވެ. އަދި ހަމައެހެންމެ، އެޗް.އައި.ވީ (HIV) ފަދަ ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތައް ފެތުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީވެސް މިފަދަ ފާޙިޝް ގުޅުންތަކެވެ. މުޖުތަމަޢެއްގެ އަޚްލާޤު ފަސާދަވެއްޖެނަމަ، އެ މުޖުތަމަޢަކުން ލަދުވެތިކަން ފިލައިގޮސް، އެހެނިހެން ކުށްތަކަށް މަގު ހުޅުވިގެންދެއެވެ.

​ލާދީނިއްޔަތު ނުވަތަ ސެކިއުލަރިޒަމްގެ މަޤްޞަދަކީ ދައުލަތުގެ ހިންގުމާއި އާންމު ދިރިއުޅުމުން ދީން އެކަހެރިކުރުމެވެ. މި ފިކުރުގެ މީހުން ދެކޭގޮތުގައި ދީނީ ޙުކުމްތަކަކީ "ޒަމާނާ ނުގުޅޭ" އެއްޗެހިތަކެކެވެ. ނަމަވެސް ޙަޤީޤަތަކީ އިސްލާމްދީނުގެ ޙުކުމްތަކަކީ ކޮންމެ ޒަމާނަކަށްވެސް އެންމެ އެކަށޭނަ، އިންސާނިއްޔަތަށް އެންމެ ފައިދާހުރި ގޮތްތައް ކަމެވެ. ޢިލްމާނީ ފިކުރުގެ ދަށުން ދީނީ މިނިވަންކަމަށް ގޮވާލާއިރު، އެމީހުންގެ އަސްލު މަޤްޞަދަކީ ދީނަށް ފުރައްސާރަކުރުމާއި، ﷲގެ ޙުކުމްތަކަށް ގޮންޖެހުމެވެ.

​މިފަދަ ފިތުނަވެރި ދަނޑިވަޅެއްގައި ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުތަކެއް އެބައޮތެވެ:

  1. ޢިލްމު އުނގެނުން: ދީނީ ހަގީގީ ޢިލްމު އުނގެނި، ބާތިލު ފިކުރުތައް ދެނެގަތުމެވެ.
  2. އިންކާރުކުރުން: ހިތުންނާއި، ދުލުން އަދި އަމަލުން މިފަދަ ނުބައިކަންތައްތައް ހުއްޓުވަން މަސައްކަތްކުރުމެވެ.
  3. ދަރިން ތަރުބިއްޔަތުކުރުން: ގޭތެރެއިން ފެށިގެން ދަރިންނަށް އިސްލާމީ އަޚްލާޤާއި، ލަދުވެތިކަން އުނގަންނައިދިނުމެވެ.
  4. ދުޢާކުރުން: މުޖުތަމަޢު ފަސާދައިން ސަލާމަތްކޮށްދެއްވުން އެދި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވާ މީހަކަށްވުމެވެ.

​އެލް.ޖީ.ބީ.ޓީ ފަދަ ލާދީނީ ފިކުރުތަކަކީ އަޅުގަނޑުމެންގެ އީމާންތެރިކަމާއި، ޤައުމިއްޔަތާއި، އަދި އިންސާނިއްޔަތަށް އޮތް ބޮޑު ބިރެކެވެ. މިއީ ވަލުޖަނަވާރުންވެސް ނުކުރާ ފަދަ ދަށުދަރަޖައިގެ ޢަމަލުތަކެކެވެ. އެހެންކަމުން، މިފަދަ ފަރާތްތަކުގެ މަގުތަކަށް ހޭލުންތެރިވެ، އިސްލާމީ ވަހުދަތު ހިމާޔަތްކުރުމަށް އެންމެން އަތްގުޅާލަންޖެހެއެވެ. އަޅުގަނޑުމެންގެ މި އިސްލާމީ ވަޠަން މިފަދަ ފަސާދައިން ސަލާމަތްކޮށްދެއްވައި، ޙައްޤު މަގުގައި ސާބިތުކަން ދެއްވާށިއެވެ. އާމީން.

މަކްތަބާ ސަލަފިއްޔާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

އަރުށީފު

އެންމެ މަޤްބޫލު