ލިންޒީ ގްރަހަމްގެ އިންޒާރާއި މެދުއިރުމަތީގެ ނުތަނަވަސްކަން




ދުނިޔޭގެ ސިޔާސީ މަސްރަޙު ހަލަބޮލިވެ، މެދުއިރުމަތީގެ ހަނގުރާމައިގެ ހުޅުގަނޑު ފުޅާވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ނުފޫޒުގަދަ ސެނެޓަރެއް ކަމަށްވާ ލިންޒީ ގްރަހަމް ދެއްވި ބަޔާނަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުވާލި ކަމެކެވެ. އޭނާ ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި ޢަރަބި ޤައުމުތައް ސީދާގޮތުން ބައިވެރިވާންޖެހޭ ކަމަށެވެ. އަދި ބައެއް ޢަރަބި ޤައުމުތަކުން "މިކަމުގެ ތެރެއަށް ނުވަންނާނެ" ކަމަށް ބުނުމުން އެކަމާ ނުހަނު ބޮޑަށް ކޯފާވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ބަސްފުޅަކީ ހަމައެކަނި ސިޔާސީ ޝުޢޫރެއް ނޫނެވެ. މިއީ މުޅި ސަރަޙައްދުގެ މަސްރަޙު ބަދަލުވެގެންދާނެ ފަދަ ނުރައްކާތެރި އިންޒާރެކެވެ.

ޒަމާނުއްސުރެ މެދުއިރުމަތީގެ މުއްސަނދިކަމާއި އިސްތިރާތީޖީ މުހިންމުކަމަށްޓަކައި ބޭރުގެ ބޮޑެތި ބާރުތަކުން ދަނީ އެ ސަރަޙައްދަށް އަތްބާނަމުންނެވެ. ލިންޒީ ގްރަހަމްގެ މި ވާހަކަފުޅުން ދޭހަވަނީ، އެމެރިކާ ފަދަ ޤައުމުތަކުން އެމީހުންގެ ސިޔާސީ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، އިސްލާމީ އުންމަތުގެ އެތެރޭގެ ޚިލާފުތައް ބޭނުންކުރަން ބޭނުންވާ މިންވަރެވެ. ޢަރަބި ޤައުމުތަކަކީ މި ހަނގުރާމައިގެ "ފިއުލް" ނުވަތަ ދަރުގެ ގޮތުގައި ބޭނުންކުރަން ބޭނުންވާ ބަޔަކަށް ވެއްޖެނަމަ، އޭގެ ނަތީޖާ މުޅި އުންމަތަށް ހިތްދަތިވާނެއެވެ. ލިންޒީ ގްރަހަމްގެ މި ރުޅިވެރިކަމަކީ، ޢަރަބި ޤައުމުތަކުން އަމިއްލަ މަސްލަހަތު އިސްކޮށް، ހަނގުރާމައިގެ ތެރެއަށް ނުވަދެ ތިބޭ ތިބުމަށް ދެވޭ ވަރުގަދަ ޕްރެޝަރެކެވެ.

ޢަރަބި ޤައުމުތައް މި ހަނގުރާމައިގެ ތެރެއަށް ވަދެ، ސަރަޙައްދީ ބޮޑު ހަނގުރާމައަކަށް މިއީ ބަދަލުވެއްޖެނަމަ، ދުނިޔޭގެ އިޤްތިޞާދީ ތަރާޒޫ މުޅިން ބަދަލުވެގެންދާނެއެވެ. ދުނިޔެއަށް ބޭނުންވާ ތެލުގެ ބޮޑު ބައެއް އުފައްދަނީ މި ސަރަޙައްދުން ކަމަށްވާއިރު، ހަނގުރާމައިގެ ސަބަބުން ތެޔޮ އުފެއްދުމާއި މުދާ އުފުލުމަށް ބޮޑެތި ހުރަސްތަކެއް އެޅޭނެއެވެ. މިއީ ރާއްޖެ ފަދަ ކުދި ޤައުމުތަކަށް އޮތް އެންމެ ބޮޑު ބިރެވެ. ތެލުގެ އަގު އުފުލުމާއި، ކާބޯތަކެތީގެ ސަޕްލައި މެދުކެނޑުމަކީ އަޅުގަނޑުމެންގެ އަސާސީ ޚިދުމަތްތަކަށް ސީދާ ގޮތުން ކުރާނެ އަސަރެކެވެ. އެހެންކަމުން، ލިންޒީ ގްރަހަމް ބޭނުންވާ ފަދަ "ފުޅާ ހަނގުރާމައެއް" އައުމަކީ ދުނިޔޭގެ ކޮންމެ ކޮޅެއްގައި ހުރި މީހަކަށްވެސް އޭގެ ހިތްދަތިކަން ފޯރާނެ ކަމެކެވެ.

މިފަދަ ވަގުތުތަކަކީ މުސްލިމް އުންމަތުގެ އެއްބައިވަންތަކަން ވަޒަންކުރެވޭ ވަގުތުތަކެވެ. އެއް ފަރާތުން ބޭރުގެ ބާރުތަކުގެ ނުފޫޒެވެ. އަނެއް ފަރާތުން އުންމަތުގެ އެތެރޭގައި އުފެދިފައިވާ ފިކުރީ ބައިބައިވުންތަކެވެ. ލިންޒީ ގްރަހަމް ފަދަ ސިޔާސީވެރިން ބޭނުންވަނީ މި ޚިލާފުތަކުގެ ތެރެއިން މުސްލިމުން އެކަކު އަނެކަކާ ތަޅާފޮޅުވުމަށެވެ. މިފަދަ ޙާލަތްތަކުގައި ޢިލްމުވެރިން އިރުޝާދު ދެއްވަނީ ޖަޒުބާތުގައި ނުޖެހި، ބުއްދި އިސްކޮށް، ދީނީ އަދި ދުނިޔަވީ މަސްލަހަތުތަކަށް ބަލައިގެން ފިޔަވަޅު އެޅުމަށެވެ. ޢަރަބި ޤައުމުތަކުން ހަނގުރާމައިގެ ތެރެއަށް ނުވަދެ ތިބުމަކީ، ފަހަރުގައި އިތުރު ފިތުނަތަކުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު މަގަށްވެސް ވެދާނެއެވެ.

ލިންޒީ ގްރަހަމްގެ ބަސްފުޅުން ސާފުވާ ހަގީގަތަކީ، ދުނިޔޭގެ ސިޔާސީ ކުޅިބައި އަތުރާލެވިފައިވަނީ ވަރަށް މަކަރުވެރި ރޭވުންތަކެއްގެ މަތީގައި ކަމެވެ. ހަނގުރާމަ ދިގުލައިގެން ދިއުމަކީ އެއްވެސް ބަޔަކަށް އުފާވެރިކަން ލިބޭނެ ކަމެއް ނޫނެވެ. ޚާއްޞަކޮށް، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކުން، ދުނިޔޭގެ މަސްރަޙަށް އަންނަ މިފަދަ ބަދަލުތަކަށް ފާރަވެރިވެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މަސައްކަތް ހަލުވިކުރަން ޖެހެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މުސްލިމް އުންމަތަށް ކެތްތެރިކަމާއި، ސާބިތުކަމާއި، ބުއްދިވެރިކަން ދެއްވާށިއެވެ. އާމީން.



އަރުށީފު

އެންމެ މަޤްބޫލު