މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ޖަލްސާއަށްފަހު، މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް (20 މާރިޗު 2026) ކަމަށް ސަރުކާރުން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.
އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ހަނދު ސާބިތުކުރުމުގެ ޖަލްސާއަށްފަހު އިއްވި ބަޔާނުގައިވަނީ، މިރޭ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ނުވަތަ އިސްލާމީ އެއްވެސް ޤައުމަކަށް ޝައްވާލް މަހުގެ ހަނދު ފެނިފައިވާކަން އިތުބާރު ހުރި ގޮތަކަށް ސާބިތުވެފައި ނުވާ ކަމަށެވެ. އެހެންކަމުން، މާދަމާ ބުރާސްފަތި ދުވަހަކީ (19 މާރިޗު) ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި، ޝައްވާލް މަހުގެ ފުރަތަމަ ދުވަސް ނުވަތަ ފިޠުރު ޢީދު ދުވަހަކީ ހުކުރު ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
މިއަހަރުގެ ޢީދު ދުވަސް ހުކުރު ދުވަހަކާ ދިމާވުމުން، ޢީދު ނަމާދު ކުރާ މީހުންނަށް ހުކުރު ނަމާދަށް ނުގޮސް މެންދުރު ނަމާދު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. މިއީ ސައޫދީގެ ގްރޭންޑް މުފްތީ ޝައިޚް ފައުޒާން حفظه الله ފަދަ ޢިލްމުވެރިން ވެސް އިރުޝާދު ދެއްވާފައިވާ ފިޤުހީ ލުއިފަސޭހައެކެވެ.މި ނިންމުމާއެކު، މާދަމާ އަކީ ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށްވާތީ، ޒަކާތް ދެއްކުމުގެ ސުންގަޑި މާދަމާ އިރުއޮއްސި 6:00 އަށް ހަމަވާނެއެވެ.
