އަލްއަޤްޞާ ބަންދުކޮށްފައި އޮތްއިރު ބޯ އުފުލައިގެން ނޫޅެވޭނެ": ތުރުކީގެ އަންހެނުން ފިރިހެނުންގެ ސަފުތަކަށް ބޮލުފޮތި އުކައިފި

 



އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން މަސްޖިދުލް އަޤްޞާ ބަންދުކޮށްފައި އޮންނަތާ 18 ދުވަސް ވުމާ ގުޅިގެން، އެކަމާ ދެކޮޅަށް ތުރުކީގެ އަންހެނުންތަކެއް ތާރީޚީ އަދި ވަރުގަދަ އިހުތިޖާޖެއް ކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިސްތަންބޫލްގެ ފާތިޙް މިސްކިތުގައި ކުރިއަށްދިޔަ ތަރާވީޙް ނަމާދުގެ ތެރޭގައެވެ. އެ ވަގުތު މިސްކިތުގައި ތިބި އަންހެނުންގެ ގްރޫޕަކުން ވަނީ އެމީހުންގެ ބޮލުފޮތިތައް ނަގައި، ފިރިހެނުން ނަމާދުކުރަން ތިބި ސަރަހައްދަށް އުކާލާފައެވެ. މިއީ މުސްލިމް އުންމަތުގެ މުޤައްދަސް ބިނާއެއް ހިސާރުކޮށްފައި އޮތްއިރު، އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި ފިރިހެނުން ހިމޭނުން ތިބޭތީ އެކަމާ ލަދުގަންނަވާލުމުގެ ގޮތުން ކުރި ކަމެއް ކަމަށް އެ އަންހެނުން ބުނެއެވެ.

މި ހަރަކާތް ހިންގި އަންހެނުން ބުނި ގޮތުގައި، އެމީހުންގެ މި ޢަމަލަކީ ސުލްޠާން ޞަލާޙުއްދީން އަލްއައްޔޫބީގެ ޒަމާނުގައި ހިނގާދިޔަ މަޝްހޫރު ވާހަކައަކުން ހިތްވަރު ލިބިގެން ކުރި ކަމެކެވެ. އެ ވާހަކައިގައި ބުނާ ގޮތުން، ޤުދުސް ކުރޫސޭޑަރުންގެ އަތްދަށުގައި އޮތް ދުވަސްވަރު، އަންހެނަކު އޭނާގެ ބޮލުފޮތި ޞަލާޙުއްދީންގެ ކުރިފުޅުމައްޗަށް އެއްލައިލިއެވެ. އަދި ޤުދުސް މިނިވަން ނުވަނީސް ބޯ އުފުލައިގެން އުޅެން އޭނާ ލަދުގަންނަ ކަމަށް ބުންޏެވެ.

މި ހަރަކާތުގެ ސަބަބުން މިސްކިތުގެ ތެރޭގައި ބޮޑު ސަމާލުކަމެއް އުފެދުނުއިރު، މިއީ އަލްއަޤްޞާ މިސްކިތް ބަންދުކުރުމުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި އުފެދިފައިވާ ނުތަނަވަސްކަން ހާމަވެގެންދިޔަ ކަމެކެވެ. ޚާއްޞަކޮށް 1967 ވަނަ އަހަރުގެ ފަހުން އަލްއަޤްޞާގައި ހުކުރު ނަމާދު ނުކުރެވިދާ ފުރަތަމަ ރަމަޟާން މަހަށް މިއަހަރު ވެފައިވުމީ، އިސްލާމީ ދުނިޔޭގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ.


އަރުށީފު

އެންމެ މަޤްބޫލު