ކަދުރު ބުދާއި ޒަމާނީ ޑިމޮކްރަސީ




ހުޅަނގުގެ  ޑިމޮކުރަސީ ބަލާއިރު ފެންނަނީ ވަރަށް އާދަޔާޚިލާފު މަންޒަރެކެވެ. މިއީ ކުރީގެ ޖާހިލިއްޔަ ޒަމާނުގައި ބައެއް މީހުން ކަދުރުން ބުދު ހަދައިގެން އެއަށް އަޅުކަންކޮށްފައި، ބަނޑުހައިވުމުން އެ ބުދު ކައިލާ އުޞޫލާ ވަރަށް އެއްގޮތް ކަމެކެވެ. އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ކުރިއަރުވާ "ޑިމޮކްރަސީ"، "އިންސާނީ ޙައްޤުތައް" އަދި "މިނިވަންކަން" ފަދަ ރީތި ނަންތަކަކީ އެމީހުންގެ އަމިއްލަ ސިޔާސީ މަޞްލަޙަތާއި މާއްދީ މަންފާއަށް ހުރަސްއެޅޭ ކޮންމެ ހިނދެއްގައި ވަރަށް ފަސޭހައިން ޤުރުބާންކޮށްލާ އުޞޫލުތަކެކެވެ.

މީގެ އެންމެ ފާހަގަކޮށްލެވޭ އެއް ހެކި ތާރީޚުން ފެންނަން އޮތީ 1973 ވަނަ އަހަރު ޗިލީގައެވެ. އެ ޤައުމުގެ ރައްޔިތުން އިންތިޚާބުކުރި ސަލްވަދޯރު އަލެންޑޭގެ ސަރުކާރު ވައްޓާލުމުގައި އެމެރިކާ އަދާކުރި ދައުރަކީ، އަމިއްލަ އެދުމަށްޓަކައި ޑިމޮކްރަސީގެ އަގުތައް ފުނޑާލި ސާފު މިސާލެކެވެ. ހަމައެފަދައިން، އިސްލާމީ ދުނިޔެއާއި މެދުއިރުމަތީގައި ހިންގާފައިވާ އޮޕަރޭޝަންތަކަށް ބަލާއިރު، އިރާޤަށް އެރީ ޑިމޮކްރަސީއާއި ނުރައްކާތެރި ހަތިޔާރު ނައްތާލުމުގެ ނަމުގައި ކަމަށްވިޔަސް، އޭގެ ފަހަތުގައި އޮތީ ތެލާއި ބާރުގެ ބޭނުންކަން މިއަދު ވަނީ މުޅި ދުނިޔެއަށް ހާމަވެފައެވެ. އަފްޣާނިސްތާނާއި، ލީބިޔާއާއި، ސޫރިޔާ ފަދަ ޤައުމުތަކުގައިވެސް "އާންމުން ޙިމާޔަތްކުރުމާއި" "ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމުގެ" ނިވާފަތްގަނޑުގެ ދަށުން ކުރިއަށްގެންދިޔައީ އަސްކަރީ ބާރުވެރިކަން ދެމެހެއްޓުމާއި ސަރަޙައްދީ ނުފޫޒު ގަދަކުރުމުގެ ސިޔާސަތުތަކެވެ.

​ސުބުޙާނަﷲ އެވެ! މި ލިޔުން ލިޔަމުން ދިޔައިރު، މި ފަހުން ހިނގާދިޔަ ބައެއް މުހިންމު ކަންތައްތަކުގެ ހަނދާން އާކޮށްލަން ބޭނުމެވެ. އެގޮތުން، އަލްޙާފިޡް މުރުސީގެ ވެރިކަން ވައްޓާލި ގޮތުގެ ވާހަކަ ލިޔެވިފައި ނުވެއެވެ. މުރުސީ ވެރިކަމަށް ވަޑައިގެންނެވީ ހުޅަނގުން އެ ބުނާ ޑިމޮކްރަސީގެ އުސޫލުން، ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ. ނަމަވެސް، އެކަމާ ހުޅަނގާއި އެމެރިކާއަކުން އުފަލެއް ނުވިއެވެ.

​އެމެރިކާއާއި ހުޅަނގަށް ވަފާތެރި ފަރާތްތައް ބޭނުންކޮށްގެން، ދީނީ އަދި ސިޔާސީ އެކި ބަހަނާތަކުގެ ތެރެއިން ބޮޑު ބަޣާވާތެއް ގެނައެވެ. އޭގެ ނަތީޖާއަކަށްވީ މުރުސީގެ ވެރިކަން ވައްޓާލައި، އެމަނިކުފާނު ޖަލުގެ ކުޑަގޮޅީގައި އަވަހާރަވެގެން ދިއުމެވެ.

​މީގެ އިތުރުންވެސް މުހިންމު އެއް ވާހަކަ ފާހަގަކޮށްލުން މުހިންމެވެ. ޙަމާސް ޖަމާއަތުން ފަލަސްޠީނުގެ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމަށް އައުމުން، އެކަމާވެސް އެމެރިކާއާއި ހުޅަނގުގެ ބައިވެރިން ހިތްހަމަނުޖެހި، އެ ވެރިކަންވެސް ނިމުމަކަށް ގެނައެވެ.

މިފަދަ އޮޅުވާލުންތަކަކީ ހަމައެކަނި މެދުއިރުމައްޗަށް އޮތް ކަމެއް ނޫނެވެ. ވިއެޓްނާމް ހަނގުރާމައިގައި މިނިވަންކަން ދިފާޢުކުރުމުގެ ނަމުގައި ފިނި ހަނގުރާމައިގެ ސިޔާސީ ކުޅިގަނޑު ކުޅުނުއިރު، ޕެނަމާ ކެނަލްގެ ކޮންޓްރޯލް ހޯދުމަށް ޕެނަމާއަށް އަރައިގަތީވެސް ޑިމޮކްރަސީގެ ނަމުގައެވެ. މީގެ އިތުރުން ޔޫގޯސްލާވިއާއާއި ކޮސޯވޯގައި އިންސާނީ ޙައްޤުތަކުގެ ނަމުގައި ނޭޓޯގެ ނުފޫޒު ފެތުރުމާއި، ޔޫކްރޭންގެ މައްސަލައިގައި ގެންގުޅޭ ޖިއޯޕޮލިޓިކަލް މަޞްލަޙަތުތަކާއި، އަދި 1953 ވަނަ އަހަރު އީރާނުގެ ތެލުގެ މަންފާއަށްޓަކައި އެ ޤައުމުގެ ހަމަޖެހުމަށް ހުރަސްއެޅުން ފަދަ ކަންކަމުން އެނގެނީ ހުޅަނގުގެ "މާތް ޑިމޮކުރަސީ" އުޞޫލުތަކަކީ ހަމައެކަނި ވަގުތީ ވަސީލަތްތަކެއް ކަމެވެ.

ޚުލާޞާކޮށް ބުނާނަމަ، ހުޅަނގުގެ ސިޔާސީ ބަސްމަގުގައި ބޭނުންކުރާ "ޑިމޮކްރަސީ" ފަދަ ލަފުޒުތަކަކީ ހަމައެކަނި އެމީހުންގެ ބާރުވެރިކަން ދެމެހެއްޓުމަށް ބޭނުންކުރާ ހަތިޔާރުތަކެކެވެ. އެމީހުންގެ އަމިއްލަ މަޞްލަޙަތާ ފުށުއަރާ ހިނދު، އެ ބުނާ މަތިވެރި އަގުތަކާއި އިންސާނީ ޙައްޤުތަކުގައި ކުޑަވެސް ކުލުނެއް ނެތި ކޮޅުފައިން ޖަހާނެކަން ތާރީޚީ ހެކިތަކުން ސާބިތުވެއެވެ. އެހެންގޮތަކަށް ބުނާނަމަ ހުޅަނގުގެ ސިޔާސީ ބަސްމަގުގައި ބޭނުންކުރާ "ޑިމޮކްރަސީ" ފަދަ ލަފުޒުތަކަކީ ހަމައެކަނި އެމީހުންގެ ބާރުވެރިކަން ދެމެހެއްޓުމަށް ބޭނުންކުރާ "އިލާހުންތަކެއް" ކަމާއި، އެމީހުންގެ މަޞްލަޙަތާ ފުށުއަރާ ހިނދު އެ އަގުތަކުގައި ކުޑަވެސް ކުލުނެއް ނެތި ކޮޅުފައިން ޖަހާނެ ކަމެވެ.


އަރުށީފު

އެންމެ މަޤްބޫލު