ތާރީޚުލް ޢަޤީދާ -2



އިންސާނީ ތާރީޚާއި ކާއިނާތް އުފެދިގެން އައިގޮތް ދެނެގަތުމުގައި އެންމެ އިތުބާރުހުރި މަޞްދަރަކީ ކީރިތި ޤުރުއާނެވެ. ޤުރުއާނަކީ ކުރީގެ އުންމަތްތަކުގެ ޚަބަރުތަކާއި، ޚާއްޞަކޮށް ބަނީ އިސްރާއީލުންގެ ތެރޭގައި ޚިލާފު އުފެދިފައިވާ ތާރީޚީ ކަންކަމުގައި އެންމެ ފަހުގެ ނިންމުން އިއްވާ "ފުރުޤާން" ނުވަތަ ޙައްޤާއި ބާޠިލު ވަކިކޮށްދޭ މީޒާނެވެ. ހުޅަނގުގެ ފަލްސަފާވެރިންނަށް ޙައްލުނުކުރެވިފައިވާ އިންސާނީ ފެށުމުގެ ސުވާލުތަކަށް ޤުރުއާނުން ސާފު ޖަވާބު ލިބެއެވެ. މިގޮތުން އިންސާނީ ތާރީޚު މައިގަނޑު ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ މޫސާގެފާނަށް ތައުރާތު ބާވައިލެއްވުމުގެ ކުރީގެ ޖީލުތަކާއި (އަލްޤުރޫނުލް އޫލާ)، އޭގެ ފަހުން އައި ޖީލުތަކެވެ. ކުރީގެ ޖީލުތަކުގައި (ނޫޙުގެފާނު، ޢާދު އަދި ޘަމޫދު ބާގައިގެ މީހުން) ﷲ ގެ ރަސޫލުންނަށް އިންކާރުކުރުމުން އެބައިމީހުން ހަލާކުކުރެއްވީ ސީދާ އިލާހީ ކޯފާއަކުންނެވެ. ނަމަވެސް ތައުރާތު ބާވައިލެއްވުމަށްފަހު، މި އުޞޫލު ބަދަލުވެ، ބާޠިލާ ދެކޮޅަށް މަސައްކަތްކުރުމުގެ ޒިންމާ އިންސާނުންގެ އަތްމައްޗަށް (ޖިހާދުކުރުމާއި ދީން ފެތުރުން ފަދަ ކަންކަމުން) ދޫކޮށްލެވުނެވެ.

އިންސާނީ ތާރީޚުގެ ފެށުމަކީ އާދަމުގެފާނެވެ. އެކަލޭގެފާނަކީ ބިމުގައި އިންސާނީ ޚަލްޤު ފުރިހަމަވުމުގެ ނިޝާނެވެ. ބައެއް ރިވާއްޔަތްތަކުން އާދަމުގެފާނު ގާތްގަނޑަކަށް 1,000 އަހަރު ދުނިޔޭގައި އުޅުއްވިއިރު، އެކަލޭގެފާނަށްފަހު އައި ދިހަ ޤަރުނުވަންދެން އިންސާނުން ތިބީ ސާފު ތައުޙީދުގެ މަތީގައެވެ. އިންސާނުންގެ ތެރޭގައި ފުރަތަމަ ފަހަރަށް ޝިރުކު އުފެދުނީ ސާލިޙު މީހުންނަށް (ވައްދު، ސުވާޢު، ޔަޣޫޘް، ޔަޢޫޤް އަދި ނަސްރު) މާބޮޑަށް ބޯލަނބައި، އެމީހުންގެ ހަނދާނުގައި ބިނާކުރި ބުދުތަކަށް އަޅުކަން ކުރަން ފެށުމުންނެވެ. މި ޝިރުކު ނައްތާލުމަށް ފޮނުއްވި ފުރަތަމަ ރަސޫލަކީ ނޫޙުގެފާނެވެ. އެކަލޭގެފާނު 950 އަހަރު ވަންދެން ދީނަށް ގޮވައިލެއްވުމުގައި ދެމިހުންނެވިއެވެ. އެއަށްފަހު އައި ޢާދު ބާގައިގެ މީހުންނާއި ޘަމޫދު ބާގައިގެ މީހުންނަކީ ޢަރަބިކަރައިގައި އުޅުނު، ހަށިގަނޑުގެ ގޮތުން ވަރުގަދަ، ބޮޑެތި ބިނާތައް ބިނާކުރި ވަރުގަދަ ޙަޟާރާތްތަކެކެވެ.

ހުޅަނގުގެ ބައެއް ތިއަރީތަކުން ބުނާ ގޮތުގައި ދުނިޔޭގެ އުމުރަކީ އެންމެ 7,000 އަހަރެވެ. ނަމަވެސް މިއީ އިސްލާމީ ތައުލީމެއް ނޫނެވެ. މިއީ "އިސްރާއީލީ" ރިވާޔަތްތަކުން އައިސްފައިވާ ކަމެކެވެ. ބައެއް އިސްލާމީ ޢިލްމުވެރިން (މިސާލަކަށް އަލްބިޤާޢީ) ދެކެވަޑައިގަންނަވާ ގޮތުގައި އާދަމުގެފާނުން ފެށިގެން އެތައް ލައްކަ އަހަރެއް ވޭތުވެފައިވެދާނެއެވެ. މިއީ ސައިންޓިފިކް ހޯދުންތަކާއި (މިސާލަކަށް އައިސް އޭޖް) ފުށުއަރާ ކަމެއް ނޫނެވެ. އަދި ހުޅަނގުގެ އެކެޑެމިކް ދާއިރާއިން ބުނާ ގޮތުގައި ދީން އުފެދުނީ އެކި ކުދި ބުދުތަކަށް އަޅުކަންކުރުމުން ފެށިގެން ގޮސް އެއްކައުވަންތަ ކަމަށް ބަދަލުވެގެންނެވެ. ނަމަވެސް ޤުރުއާނުން އެނގެނީ އިންސާނާގެ އަޞްލަކީ ތައުޙީދު (އެއްކައުވަންތަކަން) ކަމާއި، ޝިރުކަކީ ފަހުން އައި ކަސިޔާރުވުމެއް ކަމެވެ. މިޞްރުގެ އަކްނާތަންގެ ތިއަރީ ފަދަ ފަލްސަފާތަކަކީ ތައުޙީދުގެ އަޞްލު އޮޅުވާލުމަށް އުފައްދާފައިވާ ވާހަކަތަކެކެވެ. ޚުލާޞާކޮށް ބުނާނަމަ، އިންސާނީ ތާރީޚަކީ ވަކި އުޞޫލުތަކަކުން ތަރުތީބުވެފައިވާ، އިލާހީ ބަދަލުތަކެއް އައިސްފައިވާ ދިގު މުއްދަތެކެވެ. ތާރީޚު ރަނގަޅަށް ދެނެގަނެވޭނީ މި ބަދަލުތަކާއި ޖީލުތަކުގެ ތަފާތު ޤުރުއާނީ ނަޒަރަކުން ބަލައިގެންނެވެ.

އަރުށީފު

އެންމެ މަޤްބޫލު