ތާރީޚުލް ޢަޤީދާ -1


 

ﷲ ތަޢާލާ އިންސާނާއަށް ދެއްވި އެންމެ ބޮޑު އެއް ނިޢުމަތަކީ ބުއްދިއާއި، ކަންކަމުގެ ޙަޤީޤަތް ހޯދުމަށް އޭނާގެ ފިޠުރަތުގައިވާ ޝައުޤުވެރިކަމެވެ. ކޮންމެ އިންސާނަކީވެސް އޭނާގެ ސަގާފަތް ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ކާއިނާތުގެ ފެށުމާއި، އިންސާނީ ނަސްލު އުފެދުނު ގޮތާއި، އަދި ތަހުޒީބު ފެށިގެން އައި ގޮތާ ބެހޭ އަސާސީ ސުވާލުތަކަށް ޖަވާބު ހޯދަން ބޭނުންވާނެ މީހެކެވެ. މި ސުވާލުތަކަށް ކަށަވަރު (ޔަޤީން) މައުލޫމާތު ދެއްވުމަށްޓަކައި ﷲ ވަނީ ރަސޫލުންނާއި ފޮތްތައް ބާވައިލައްވާފައެވެ. ނަމަވެސް، މީސްތަކުން އެ ފޮތްތަކަށް އަމަލުކުރުން ހުއްޓާލައި ނުވަތަ އެއަށް އުނިއިތުރު ގެނައުމުން، އިންސާނާ ވަނީ ފްލޯކް ވާހަކަތަކާއި، ކާބަފައިންގެ ކޮަޅުނެތް ޚުރާފާތްތަކުގެ ތެރެއަށް ވެއްޓިފައެވެ. މިގޮތުން ހުޅަނގުގެ ތަހުޒީބަށް ބަލާއިރު، އެމީހުންގެ ދީނީ ފޮތްތަކާއި ސައިންޓިފިކް ހޯދުންތަކާ ދެމެދު އުފެދުނު ފުށުއެރުންތަކުގެ ސަބަބުން، މިއަދުގެ ހުޅަނގުގެ މުޖުތަމަޢަކީ އިންސާނީ ތާރީޚުގައިވެސް އެމީހުންގެ ދިރިއުޅުމުގެ އެއްވެސް މާނައެއް ނެތް ފުރަތަމަ ތަހުޒީބު ކަމުގައި ފްރާންސްގެ ސަގާފަތާ ބެހޭ ވަޒީރުވެސް ވަނީ އިޢުތިރާފުވެފައެވެ.

ހުޅަނގުގެ އިލްމީ ދާއިރާގައި އުފެދުނު އެންމެ ބޮޑު އެއް މައްސަލައަކީ ތައުރާތުގައިވާ ތާރީޚުތަކާއި އާސާރީ ހޯދުންތަކާ ދެމެދު އޮތް ފުށުއެރުމެވެ. ބިޝޮޕް އަޝަރ ފަދަ ބޭފުޅުން ތައުރާތުގެ މައްޗަށް ބިނާކޮށް ވިދާޅުވަނީ އާދަމުގެފާނު އުފެއްދެވީ ޢީސާގެފާނުގެ މީލާދުގެ 4004 އަހަރު ކުރިން ކަމަށެވެ. މާނައަކީ އިންސާނީ ތާރީޚަކީ އެންމެ 6,000 އަހަރު ކަމެވެ. ނަމަވެސް، މިޞްރާއި، ސޫމަރު (ޢިރާޤު) އާއި، ޗައިނާ އަދި އިންޑިއާއިން ފެނުނު އާސާރީ ހެކިތަކުންނާއި ޖިއޮލޮޖީގެ ހޯދުންތަކުން ދައްކަނީ އިންސާނީ ތަހުޒީބާއި ބިމުގެ އުމުރު މިއަށްވުރެ އެތައް މިލިއަން އަހަރެއް ދިގު ކަމެވެ. މި ފަރަޤުގެ ސަބަބުން ހުޅަނގުގެ މީހުން ދީނަށް އޮތް އިތުބާރު ގެއްލި، ދީނާއި ސައިންސް ވަކިކުރަން މަޖުބޫރުވިއެވެ. މިއާ ޚިލާފަށް އިސްލާމީ އިލްމީ ނަޒަރިއްޔާއަކީ މި ހުރިހާ ގޮންޖެހުންތަކަށް އޮތް ހައްލެވެ. ކީރިތި ޤުރުއާނަކީ އެއްވެސް ބަދަލެއް ނައިސް ރައްކާތެރިކުރެވިފައިވާ "މަޢުޞޫމް" ފޮތަކަށް ވާއިރު، އޭގައިވާ ތާރީޚީ މައުލޫމާތުތަކާއި ޣައިބުގެ ޚަބަރުތައް ކޮންމެ ޒަމާނެއްގެ ހޯދުންތަކުންވެސް ދަނީ ކަށަވަރުވަމުންނެވެ.

ޢަރަބި އަދި އިސްލާމީ ތާރީޚީ ހަނދާންތަކަކީ ޔޫރަޕުގެ މީހުންގެ ހަނދާންތަކަށްވުރެ މާފުން އަދި ދިގު ހަނދާންތަކެކެވެ. ޔޫރަޕުގެ ތާރީޚު ގްރީކުންނާއި ރޫމީންނާ ހިސާބުން (މީލާދީގެ 300-700 އަހަރު ކުރިން) ފެށޭއިރު، ޢަރަބި ތާރީޚު ފެށެނީ މާ ކުރީގެ ޢާދާއި ޘަމޫދު ބާގައިގެ މީހުންނާ ހިސާބުންނެވެ. އިބްނު ޙަޖަރު ފަދަ އިސްލާމީ ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި އިބްރާހީމްގެފާނާއި ޢީސާގެފާނާ ދެމެދުވެސް ގާތްގަނޑަކަށް 2,000 އަހަރުގެ މުއްދަތެއް ވެއެވެ. މިއީ ތައުރާތުގެ ބަދަލުކުރެވިފައިވާ ތާރީޚުތަކަށްވުރެ އާސާރީ ހޯދުންތަކާ މާ ބޮޑަށް ގާތްކުރާ ތާރީޚެކެވެ. އަދި ސައިންސްވެރިން ބުނާ "އައިސް އޭޖް" (ގަނޑުފެނުގެ ޒަމާން) ނިމި، އިންސާނީ ތަހުޒީބަށް ބޮޑު ބަދަލެއް އައި ކަމަށް ބުނާ 8,000 އާއި 10,000 އަހަރާ ދެމެދުގެ މުއްދަތަކީވެސް، ޤުރުއާނުގެ އުޞޫލީ އޮނިގަނޑާ ފުށުނާރާ ކަންކަމެވެ. ސަބަބަކީ ޤުރުއާނުން ވަކި ކަލަންޑަރު ތާރީޚެއް ދިނުމުގެ ބަދަލުގައި، ދިގު ޒަމާންތަކާއި ޖީލުތަކެއްގެ ވާހަކަ ބަޔާންކުރާތީއެވެ.

ދަރިވަރުންނާއި ޢިލްމު ހޯދާ ފަރާތްތަކުން ދަންނަންޖެހޭ އެންމެ މުހިންމު ޙަޤީޤަތަކީ، ޞައްޙަ ބުއްދިއާއި (ޢަޤްލު) އަދި ޞައްޙަ ވަޙީއާ (ނަޤްލު) ދެމެދު އެއްވެސް ފުށުއެރުމެއް ނޯންނާނެ ކަމެވެ. ހުޅަނގުގެ ތާރީޚީ ޢިލްމުތަކަށް ކަނުކޮށް ތަބާވުމުގެ ބަދަލުގައި، ޤުރުއާނަކީ ތާރީޚުގެ އެންމެ ޞައްޙަ މަޞްދަރު ކަމުގައި ބަލަންޖެހެއެވެ. ޤުރުއާނުގައިވާ ޢާދާއި، ޘަމޫދު އަދި ފިރުޢައުނުގެ ވާހަކަތަކަކީ ހަމައެކަނި "ވާހަކަތަކެއް" ނޫނެވެ. އެއީ ހުޅަނގުގެ އެންމެ ބޮޑެތި މުއައްރިޚުންނަށްވެސް އޮޅުންނުފިލާ ހުރި ކަންކަން ސާފުކޮށްދޭ، ތާރީޚުގެ ސާފު ނިޝާންތަކެކެވެ. ﷲ ވަނީ އެކަލާނގެ އާޔަތްތައް ދުނިޔޭގެ އެކި ކޮޅުކޮޅުންނާއި އިންސާނާގެ އަމިއްލަ ނަފްސުން ދައްކަވާނެ ކަމަށާއި، އެއީ ޙައްޤުކަން އެންމެންނަށް ހާމަވާނެ ކަމަށް ވަޢުދުވެވޮޑިގެންފައެވެ.

އަރުށީފު

އެންމެ މަޤްބޫލު