ތެލުގެ އަގު އުފުލި ލާންޗް ދަތުރުތަކުގެ އަގު ބޮޑުވެއްޖެ:- އީދު ބަންދު މިވީ ރަށު ބަންދަށް




 ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ކުރާ ލާންޗް ދަތުރުތަކުގެ އަގުތައް ވަރަށް ބޮޑުތަނުން އުފުލި، އީދު ޗުއްޓީއަށް ރަށްރަށަށް ދާން ތިބި ގިނަ ބަޔަކަށް ބޮޑު ތަކުލީފަކާ ކުރިމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިން 750 ރުފިޔާއަށް ކުރަމުންދިޔަ ދަތުރުތަކުގެ އަގު މިހާރު ވަނީ ވަރަށް ބޮޑަށް މަތިކޮށްފައެވެ. ލާންޗް އޮޕަރޭޓް ކުރާ ފަރާތްތަކުން ބުނަނީ މިއީ ތެލުގެ އަގަށް އައި ބަދަލާއެކު ދަތުރުގެ ޚަރަދު ދެކޮޅު ނުޖެހޭތީ ގެނައި ބަދަލެއް ކަމަށެވެ. އަގުތައް ބޮޑުވުމުގެ ސަބަބުން ބައެއް އާއިލާތަކުން މިފަހަރުގެ އީދު ދަތުރުތައް ކެންސަލް ކުރަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

މިކަމާ ގުޅިގެން ސަރުކާރުން ބުނަމުންދަނީ ތެލުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށާއި، އާންމުންނަށް ބޮޑު ދައްޗެއް ކުރިމަތިނުވާނެ ކަމަށެވެ. ނަމަވެސް ބައެއް ރަށްރަށުގައި ޕެޓްރޯލް ލީޓަރެއް 18 ރުފިޔާއަށް އަދި ޑީސަލް 20 ރުފިޔާއަށް އުފުލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައިގައި ނޫސްވެރިޔާ އަލީ ސުލައިމާން ވަނީ ސުވާލުތަކެއް އުފައްދާފައެވެ. "ކުއްލިއަކަށް ތެޔޮ އަގުބޮޑުކޮށްފައި، 12 ގަޑިއިރު ފަހުން އަގު ހެޔޮކުރި އިރު، ތެލުގެ އިތުރު ޝިޕްމަންޓެއް އައީއެއް ނޫން. ދުނިޔޭގެ ބާޒާރުގައި އަގު ހެޔޮވީއެއް ނޫން. އެހެންވީމާ އަގު ހެޔޮކޮށް ވިއްކެން އޮއްވައި އަގު ބޮޑުކޮށްގެން ހުރިހާ ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވައްޓާލީ ކީއްވެ؟" އޭނާ ސުވާލުކުރިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ޣަފޫރުވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ތެޔޮ އަގުބޮޑުކޮށްގެން ރައްޔިތުންގެ އަތުން ދުވާލަކު 3.5 މިލިއަން ރުފިޔާ "ފޭރެމުން" އެބަދެއެވެ.

މި ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ އިންޑިއާގެ އެހީތެރިކަމަށް އެދިފައެވެ. އަދި އެސްޓީއޯއިން ބުނެފައިވަނީ އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީތަކަށް ކުރިއެކޭ އެއް އަގުގައި ތެޔޮ ފޯރުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން މަސްވެރިންނަށް "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން ކުރީގެ އަގުގައި ތެޔޮ ލިބޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެޔޮ ކާރުހާނާތަކަށް ހަމަލާދެމުންދާއިރު، ހަނގުރާމައިގެ ކުރިން 75 ޑޮލަރަށް ހުރި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއަގު 150 ޑޮލަރަށް އެރުން އެކަށީގެންވެއެވެ.

ތެލުގެ އަގު އުފުލުމަކީ ހަމައެކަނި ދަތުރުފަތުރަށް އަންނަ ބަދަލެއް ނޫނެވެ. މުދާ އުފުލާ ނާލު ބޯޓުފަހަރުގެ ޚަރަދު ބޮޑުވުމުން، ރަށްރަށުގެ ފިހާރަތަކުގައި ހުންނަ ކިރު ޕެކެޓުން ފެށިގެން ހުރިހާ ތަކެއްޗެއްގެ އަގު ބޮޑުވާނެއެވެ. ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ނާޅައިފިނަމަ، އިންތިޚާބަށްފަހު ރާއްޖެއަށް ބޮޑުތަދުގެ ދުވަސްވަރެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އިދިކޮޅު ފަރާތްތަކުން ދަނީ ދެމުންނެވެ.

އަރުށީފު

އެންމެ މަޤްބޫލު