ޢީދު ދުވަހާއި ހުކުރު ދުވަސް ދިމާވުން: ފިޤުހީ ޙުކުމްތައް




ޢީދު ދުވަހާއި ހުކުރު ދުވަސް އެއް ދުވަހަކާ ދިމާވުމަކީ ފިޤުހީ ގޮތުން ޢިލްމުވެރިންގެ މެދުގައި މަޝްވަރާ ކުރެވޭ މުހިއްމު މައުޟޫޢެކެވެ. މި މައްސަލާގައި ޢިލްމުވެރިންގެ މެދުގައި މައިގަނޑު ތިން ރައުޔެއް ވެއެވެ. 

1. ފުރަތަމަ ރައުޔު: ހުކުރު ނަމާދު ކުރުން ވާޖިބުވުން

މި ބޭކަލުންގެ ނަޒަރުގައި ޢީދު ނަމާދު ކުރި ކަމުގައިވިޔަސް، ހުކުރު ނަމާދަށް ދިއުމަކީ ލާޒިމު ކަމެކެވެ.

މި ރައުޔުގެ ބޭކަލުން: ގިނަ ޢިލްމުވެރިން (ޖުމްހޫރުން) - އޭގެ ތެރޭގައި އިމާމް އަބޫ ޙަނީފާ، އިމާމް މާލިކް އަދި އިމާމް ޝާފިޢީ ހިމެނިވަޑައިގަންނަވައެވެ.

ދަލީލު: 

يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

ހުކުރު ނަމާދަށް އަމުރުކުރައްވައި މާތް ﷲ ބާވައިލެއްވި ޢާންމު އާޔަތެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރު ދުވަހު ނަމާދަށް ގޮވައިލާ ހިނދު، ތިޔަބައިމީހުން ﷲ ހަނދުމަކުރުމަށް (އެބަހީ: ހުކުރު ނަމާދަށް) އަވަސްވެގަންނާށެވެ." (އަލްޖުމުޢާ: 9)

ބުއްދީގެ ހަމަ: ހުކުރު ނަމާދަކީ ފަރުޟު ޢައިނެކެވެ. ސުންނަތް ނަމާދަކުން (ޢީދު ނަމާދުން) ފަރުޟު ނަމާދެއްގެ ޙުކުމް ކަނޑައެއް ނުލެވޭނެއެވެ.

2. ދެވަނަ ރައުޔު: ހުކުރު ނަމާދުގެ ވާޖިބުކަން ކެނޑިގެންދިއުން

ޢީދު ނަމާދު ކޮށްފި މީހަކަށް އެ ދުވަހުގެ ހުކުރު ނަމާދު ކުރުން ލާޒިމެއް ނޫނެވެ.

މި ރައުޔުގެ ބޭކަލުން: ބައެއް ސަލަފުއްޞާލިޙުންނާއި، އިމާމް އަޙްމަދު ބުން ޙަންބަލްގެ ފަރާތްޕުޅުން އައިސްފައިވާ އެއް ރިވާޔަތެވެ.

ދަލީލު: 

«قَدِ اجْتَمَعَ فِي يَوْمِكُمْ هَذَا عِيدَانِ، فَمَنْ شَاءَ أَجْزَأَهُ مِنَ الْجُمُعَةِ، وَإِنَّا مُجَمِّعُونَ»

ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގައިވެއެވެ. "ތިޔަބައިމީހުންގެ މިއަދުގައި މިވަނީ ދެ ޢީދެއް ޖަމާވެފައެވެ. ފަހެ، (ޢީދު ނަމާދު ކޮށްފި މީހާ) ބޭނުންވެއްޖެނަމަ ހުކުރު ނަމާދުގެ ބަދަލުގައި އެ (ޢީދު ނަމާދު) ފުދޭނެއެވެ." (އަބޫ ދާވޫދު)

ބުއްދީގެ ހަމަ: މިއީ ރަސޫލާ ﷺ ދެއްވާފައިވާ ލުޔެކެވެ. ޢީދު ނަމާދަށްފަހު ހުކުރު ނަމާދުގެ ބަދަލުގައި އެ ފުދޭނެކަމަށް ބެލެވެއެވެ.

3. ތިންވަނަ ރައުޔު: ބައެއް މީހުންނަށް ހުކުރު ކެނޑިފައި، އަނެއް ބަޔަކަށް ވާޖިބުވުން

މިއީ ހުރިހާ ދަލީލުތަކެއް އެއްކޮށްލައިގެން ނެރެވޭ ރައުޔެކެވެ.

މި ރައުޔުގެ ބޭކަލުން: އިމާމް އަޙްމަދު ބުން ޙަންބަލްގެ އެންމެ މަޝްހޫރު ރައުޔެވެ. އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އާއި އިބްނުލް ޤައްޔިމް އިޚްތިޔާރު ކުރެއްވި ގޮތެވެ.

ޙުކުމް: ޢީދު ނަމާދުގައި ބައިވެރިވި މީހުންނަށް ހުކުރު ނަމާދު ދޫކޮށްލެވިދާނެއެވެ. އެކަމަކު އޭގެ ބަދަލުގައި މެންދުރު ނަމާދު ކުރަން ޖެހޭނެއެވެ. ނަމަވެސް، މިސްކިތްތަކުގެ އިމާމުން ހުކުރު ނަމާދު ގާއިމުކުރަން ޖެހޭނެއެވެ. އެއީ ހުކުރަށް އަންނަން ބޭނުންވާ މީހުންނާއި، ޢީދު ނަމާދުގައި ބައިވެރި ނުވާ މީހުންނަށްޓަކައެވެ.

ދަލީލު: މި ބޭކަލުން ހުރިހާ ރިވާޔަތްތަކެއް އެއްކޮށްލައްވައެވެ (جمع الأدلة). ލުއި ދެއްވާފައިވާ ޙަދީޘްތަކާއެކު، ރަސޫލާ ﷺ ޙަދީޘްކުރެއްވި ބަސްފުޅެއްގައިވެއެވެ. "ހަމަކަށަވަރުން އަހަރެމެން (މިސްކިތުގައި) ހުކުރު ގާއިމުކުރާނަމެވެ."

ބުއްދީގެ ހަމަ: މިއީ އުޞޫލުލް ފިޤުހުގެ ހަމަތަކުން ބަލާއިރު އެންމެ ވަރުގަދަ ގޮތެވެ. ސަބަބަކީ އެއްވެސް ދަލީލެއް ދޫކޮށްނުލައި، ހުރިހާ ދަލީލުތަކަކަށް މި ރައުޔުގައި ޢަމަލުކުރެވޭތީއެވެ.


އަޅުގަނޑުމެންގެ އުސްތާޛު އައްޝައިޚް މުހައްމަދު ނަޝީދު އާދަމް މިކަމުގައި ވިދާޅުވި ޢިލްމީ ބަސްކޮޅު ނަޤުލްކޮށްލާނަމެވެ.

"ހުކުރު ދުވަހާއި ޢީދު ދުވަސް އެއް ދުވަހަކަށް ދިމާވެ ޖަމާ ވިޔަސް ޢީދު ކުރުމަށް ފަހު ހުކުރު ނަމާދު ދޫ ނުކުރުމަށް ޢިއްޒަތްތެރި އަޚުންނަށް ނަޞޭޙަތްތެރި ވަމެވެ. އެއީ އެތައް ސަބަބު ތަކަކަށްޓަކައެވެ. އެއް ސަބަބަކީ: ފަރްޟުތަކުގައި ރައްކާތެރި ގޮތް އިޚްތިޔާރު ކުރުން ބުއްދި ވެރި ކަމުގައި ވާތީއެވެ. ދެ ވަނަސަބަބަކީ متواتر ކޮށް އަހަރެމެންނާ ހިސާބަށް ވާޞިލު ވެފައިވާ قطعي ދަލީލުން ސާބިތުވާ ފަރްޟެއް ދޫ ކޮށްލާަ އިރު އެކަން މި ކުރަނީ آحاد ގޮތެއްގައި އައިސްފައިވާ ظني ދަލީލެއްގެ މައްޗަށް ބުރަވެ ހުރެ ކަމަށް ވާތީއެވެ. 

ދަތުރުވެރިއަކަށް ނުވާ، ޞިއްޙަތު ސަލާމަތުން ހުރި، بالغ ވެފައި ވާ ކޮންމެ މުސްލިމު ފިރިހެނެއްގެ މައްޗަށް ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޒިރުވެ އެ ނަމާދު ކުރުން ވާޖިބު ކަމުގެ ޙުކްމަކީ قطعي ޙުކްމެކެވެ. އެ ޙުކްމު ގެ އެއް ދަލީލު ކަމުގަައި ވާ سورة الجمعة ގެ ކީރިތި އާޔަތަކީ متواتر ދަލީލެކެވެ. އަދިމާތް ނަބަވީ ސުންނަތުގައި ހުކުރު ނަމާދާ ބެހޭ ގޮތުން އައިސްފައިވާ ހުރިހާ ޙަދީޘްފުޅުތަކެއް އެއްކޮށްލުމުން އެއިން ހުކުރު ނަމާދު ގެ ވާޖިބު ކަމަށް އެ ލިބޭ ޙުއްޖަތަކީ ވެސް ހަމަ އެހާ ވަރުގަދަ ބުރުހާނެކެވެ. މި متواتر ދަލީލުން ސާބިތުވާ قطعي ޙުކްމު ގެ މުޤާބިލު ގައި ހުކުރާައި ޢީދު ޖަމާ ވެއްޖެ ނަމަ ހުކުރުގެ ޖަމާޢަތަށް ޙާޒިރު ވުމުގެ ފަރްޟު ކަން ކަނޑުވާ رخصة އަކީ آحاد ދަލީލަށް ބުރަވާ ظني ޙުކްމެކެވެ.

 أصولي (أصول الفقهގެ) މިންގަޑު ތަކުން ބަލާ އިރު آحاد ދަލީލަކުން ނުވަތަ ދަލީލު ތަކަކުން ސާބިތުވާ ޙުކްމެއްގެ މުޤާބިލުގައި ވަނީ متواتر ދަލީލުން ސާބިތުވާ قطعي ޙުކްމެއް ކަމަށް ވާނަމ އެއްވެސް ޝައްކެއް ނެތް ގޮތުގައި ރާޖިޙު ވާނީ މުތަވާތިރު ދަލީލުން ސާބިތު ވާ قطعي ޙުކްމެވެ. ވީމާ أصول الفقه ކަނޑައަޅާ ހަމަތަކުގެ މަތިން ބަލާއިރު ހުކުރު ދުވަހަކީ ޢީދު ދުވަހަކަށް ވެފައި ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޒިރުވި ޞިއްޙަތު ސަލާމަތުން ހުރި، ދަތުރުވެރިއަކަށް ނުވާ މުސްލިމު ފިރިހެނާ ގެ ކިބައިން ހުކުރު ނަމާދަށް ޙާޒިރު ވުމުގެ. ވާޖިބު ކެނޑިގެންނެއް ނުދާނެއެވެ. 

 މިއީ މި މައްސަލައިގައި حنفي މަޒްހަބާއި، مالكي މަޒްހަބާއި، شافعي މަޒްހަބުގެ ޢިލްމު ވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތެވެ. އަދި މިއީ حنبلي މަޒްހަބުގެ ވެސް ބައެއް ޢިލްމު ވެރިންތާއީދު ކުރައްވާ ގޮތެވެ. އެ މަޒްހަބުގައި އޮންނަ އަނެއް ރައުޔަކީ ޢީދު ނަމާދު ޖަމާޢަތު ގައި ކޮށްފި މީހަކަށް އެ ދުވަހުގެ ހުކުރު ނަމާދުގެ ޖަމާޢަތް ދޫކޮށްލައި، އޭގެ ބަދަލުގައި މެންދުރު ނަމާދު ކުރުމު ގެ رخصة އޮންނަ ކަމަށް ބުނާ ރައުޔެވެ. މި ރައުޔު ޙަންބަލީ މަޒްހަބުގައި އޮތުމު ގެ އެއް ސަބަބަކީ އެ މަޒްހަބު ގައި ހުކުރު ނަމާދުގެ ވަގުތަކީ ޢީދު ނަމާދުގެ ވަގުތު ކަމުގައި ވުމެވެ. އެކަމަކު އެހެން مذهب ތަކުގައިހުކުރު ނަމާދު ގެ ވަގުތު ފެށެނީ މެންދުރު ނަމާދުގެ ވަގުތު ވަނުމުންނެވެ.

 ދެން ޙަންބަލީ މަޒްހަބުގެ ބައެއް ޢިލްމު ވެރިން މި ރައުޔަށް ތާއީދު ކުރަައްވަނީ أبو هريرة ރިވާ ކުރައްވާ آحاد ޙަދީޘްފުޅެއްގެ އިތުރުން عبد الله بن عباس ގެ ބަސްފުޅަކުންނާއި عبد الله بن الزبير ގެ ޢަމަލުފުޅަކުން ދަލީލު ނަންގަވައިގެންނެވެ. (رضي الله تعالى عنهم). عثمان رضي الله عنه ގެ خلافة ގައި ހުކުރު ދުވަހާ ޢީދު ދުވަސް ޖަމާ ވުމުން ހުކުރުގެ ޖަމާޢަތަށް ހާޒިރު ނުވެ ގޭގައި މެންދުރު ނަމާދު ކުރުމުގެ ލުއިކަން ދެއްވީ މަދީނާ އަށް އައިސް المسجد النبوي ގައި ހުކުރު ނަމާދު ކުރުން އެބަޔަކަށް ވާޖިބު ނުވާ ފަދަ ދުރު ހިސާބެއްގައި (މަދީނާގެ ރަށްބޭރު ގައި) ދިރިއުޅޭ ބަޔަކަށެވެ. ވީމާ عثمان رضي الله عنه ޢަމަލުފުޅުން ޙަންބަލީ ރައުޔަށް ދަލީލެއް ނުލިބެއެވެ.

 ހަމަ އެފަދއިން މި މައްސަލައިގައި ވާރިދު ވެފައިވާ ޙަދީޘްފުޅުގައި ހުކުރަށް ނައުމުގެ ރުޚްޞާ ދެއްވިފައިވާ ބަޔަކީ ޖުމްހޫރުން ގެ އަރިހުގައި މަދިނާގެ ރަށްބޭރުގައި ވަޒަންވެރިވެގެން އުޅޭ މީހުންނެވެ. މަދީނާ ގެ ރަށްވެހިންނެއް ނޫނެވެ. ވީމާ މި މައްސަލައިގައި ޙަންބަލީ ރައުޔަކީ މަރްޖޫޙު ރައުޔެކެވެ. ރާޖިޙު ރައުޔަކީ ޖުމްހޫރުގެ (އަނެއް ތިން މަޒްހަބުގެ) ރައުޔެވެ.

ކޮންމެއަކަސް މި މައްސަލައި ގައި ޙަންބަލީ ރައުޔު މީހަކު އިޚްތިޔާރު ކުރިއަސް އެ ކަމާ މެދު އިންކާރު ކުރުން އެއީ ކުރަން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް عزيمة އާއި رخصة ގެ ތަފާތު ނުދަންނަ، އަދި فرض އާއި مندوب ވަކި ކުރަން ނޭގޭ ޢާންމުންގެ ތެރޭގައި ހުކުރާއި ޢީދާ ޖަމާ ވެއްޖެ ނަމަ ޢީދު ނަމާދަށް ޙާޒިރު ވެފައި ހުކުރު ދޫ ކޮށްލުމަށް ހިތްވަރު ދެވޭ މޭރުމަކުން ވާހަކަ ދެއްކުމުން ހުކުރު ނަމާދު ގެ ހައިބަތު ޢާއްމުން ގެ ހިތްތަކުން ކުޑަވެގެން ދިޔުމުގެ ބިރު އެބަ އޮތް ކަން ޔަޤީނެވެ."

މި މައްސަލާގައި އޮތް ޞައްޙަ ގޮތަކީ، ލުއި ބޭނުންވާ މީހާ ޢީދު ނަމާދަށްފަހު ހުކުރަށް ނުގޮސް މެންދުރު ނަމާދު ކުރުމެވެ. ނަމަވެސް އެންމެ ހެޔޮކަން ބޮޑީ ދެ ނަމާދުވެސް ޖަމާޢަތުގައި އަދާކުރުމެވެ.

 

އަރުށީފު

އެންމެ މަޤްބޫލު