ޝައިޚް އަލްއަލްބާނީ رحمه الله ގެ ދީނީ އަދި ސިޔާސީ ނަޒަރިއްޔާތުން ބަލާއިރު، ޚަލީޖު ހަނގުރާމައިގެ ދުވަސްވަރު ސައުދީ އަރަބިއްޔާއިން އެމެރިކާގެ އަސްކަރީ އެހީތެރިކަން ހޯދުމަށް ނިންމި ނިންމުމަކީ އިސްލާމީ އުޞޫލުތަކާ ޚިލާފު، ނުރައްކާތެރި ނިންމުމެކެވެ. ޝައިޚް ބާރުއަޅުއްވަނީ އިސްލާމީ އުޚުއްވަތްތެރިކަމުގެ މައްޗަށެވެ. އެކަލޭގެފާނު ގަބޫލުކުރައްވާ ގޮތުގައި އިސްލާމީ އުންމަތުގެ އެއް ބިމަށް ހަމަލާއެއް އަތުވެއްޖެނަމަ، އެ ބިމެއް ދިފާޢުކުރުމަކީ ހުރިހާ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. މި މޭރުމުން ވާހަކަދައްކަވަމުން، ފަލަސްޠީނާއި އަފްޣާނިސްތާނު ފަދަ މުސްލިމް ބިންތައް މިނިވަންކުރުމަށް އެމެރިކާގެ އެހީތެރިކަން ނުހޯދައި، ހަމައެކަނި ސައުދީގެ އަމިއްލަ މަޞްލަޙަތަށް ނުރައްކާވުމުން އެފަދަ ބާރެއްގެ އެހީ ހޯދުމަކީ ދެފުށް ފެންނަ ކަމެއް ނޫންކަން ޝައިޚް ފާހަގަކުރައްވައެވެ.
މި ނިންމުމަށް އަމާޒުކުރެއްވި އެންމެ ބޮޑު އެއް ފާޑުކިޔުމަކީ "ޟަރޫރަތުގެ" (މަޖުބޫރު ހާލަތުގެ) އުޞޫލު ބޭނުންކޮށްގެން މިކަން ދިފާޢުކުރުމެވެ. އިރާޤުގެ ނުރައްކަލުން ސަލާމަތްވުމަށް އެމެރިކާގެ އެހީ ހޯދުން މަޖުބޫރުވީ ކަމަށް ބުނާ ބުނުމަށް ރައްދުދެއްވަމުން ޝައިޚް ވިދާޅުވަނީ، އެހެން މުސްލިމް ޤައުމުތަކަށް ދިމާވި ނުރައްކާތަކުގައި މިފަދަ "ޟަރޫރަތެއް" ނެތިފައި، ހަމައެކަނި ސައުދީގެ މަޞްލަޙަތާ ގުޅުމުން މި އުޞޫލު ނެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ދީނީ ގޮތުން ބަލާއިރު، މުޝްރިކުންގެ އެހީތެރިކަން ހޯދުމަކީ މަނާކަމެއްކަން ބަޔާންކުރައްވައި، "މުޝްރިކެއްގެ ކިބައިން ތިމަންކަލޭގެފާނު އެހީއަކަށް ނޭދޭނަމެވެ" މި ޙަދީޘްފުޅު އެކަލޭގެފާނު ދަލީލެއްގެ ގޮތުގައި ދެއްކެވިއެވެ.
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ:
خَرَجَ رَسُولُ اللَّهِ ﷺ قِبَلَ بَدْرٍ، فَلَمَّا كَانَ بِحَرَّةِ الْوَبَرَةِ أَدْرَكَهُ رَجُلٌ قَدْ كَانَ يُذْكَرُ مِنْهُ جُرْأَةٌ وَنَجْدَةٌ، فَفَرِحَ بِهِ أَصْحَابُ رَسُولِ اللَّهِ ﷺ حِينَ رَأَوْهُ، فَلَمَّا أَدْرَكَهُ قَالَ لِرَسُولِ اللَّهِ ﷺ: جِئْتُ لِأَتَّبِعَكَ وَأُصِيبَ مَعَكَ،
فَقَالَ لَهُ رَسُولُ اللَّهِ ﷺ: «تُؤْمِنُ بِاللَّهِ وَرَسُولِهِ؟»
قَالَ: لَا،
قَالَ: «فَارْجِعْ، فَلَنْ أَسْتَعِينَ بِمُشْرِكٍ»
ތައުޙީދުގެ ބިމުގައި ޣައިރު މުސްލިމް ލަޝްކަރުތައް ވަޒަންވެރިވެ، އެތަނުގައި ޞަލީބުގެ ނިޝާންތަކާއި ހުޅަނގުގެ އާދަކާދަތައް ފެތުރިގެން ދިއުމަކީ ދީނީ ގޮތުން ލިބޭނެ ބޮޑު ދެރައެއްގެ ގޮތުގައި އެކަލޭގެފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ އަސްކަރީ ތައްޔާރުވުންތަކަށްވެސް ޝައިޚް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ޤައުމަށް ލިބުނު ބޮޑު މުއްސަނދިކަން ބޭނުންކޮށްގެން، ބޭރުގެ ބާރުތަކަށް ބަރޯސާނުވެ އަމިއްލަ ބިން ދިފާޢުކުރެވޭ ފަދަ ވަރުގަދަ އަސްކަރިއްޔާއެއް ބިނާނުކުރެވުމަކީ ބޮޑު އިހުމާލެއް ކަމަށް އެކަލޭގެފާނު ދެކެވަޑައިގަންނަވައެވެ. އިޤްތިޞާދީ ގޮތުން ކުރިއަރަމުން ދިޔައިރު، ކުރިމަތިވެދާނެ "ކަޅު ދުވަހަކަށް" ތައްޔާރުނުވުމުގެ ހިތި ނަތީޖާއަކީ ބޭރުގެ ބާރުތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖަހަންޖެހުން ކަމަށް ވިދާޅުވިއެވެ.
މި އިއްތިޙާދުގެ ސަބަބުން ކުރިމަތިވެދާނެ ދިގު މުއްދަތުގެ ނުރައްކާތަކަށް އިންޒާރުދެއްވަމުން ޝައިޚް ވިދާޅުވީ، ކުވައިތުން އިރާޤު ސިފައިން ފޭބި ނަމަވެސް، އެމެރިކާ ސިފައިން ސައުދީ ބިމުން ފަސޭހައިން ފައިބައިގެން ނުދާނެ ކަމަށެވެ. މިކަމުގެ ސަބަބުން މުނާފިޤުންގެ ބާރު ގަދަވެ، ދީނީސާފުކަން ކެނޑިގެންދާނެ ކަމުގެ ބިރު އެކަލޭގެފާނު ފާޅުކުރެއްވިއެވެ. އުންމަތުގެ މި ހާލަތު ސިފަކުރައްވަމުން ޝައިޚް ބޭނުންކުރެއްވީ އޯސްޓިރިޗް (Ostrich) ގެ މިސާލެވެ. ޝިކާރަވެރިޔާ ފެނުމުން ބޯ ވެލިގަނޑުތެރެއަށް ކޮށްޕާލައިގެން އޮންނަ އޯސްޓިރިޗް ފަދައިން، ކުރިމަތީގައި އޮތް ހަގީގީ ނުރައްކަލަށް ފިލަން އުޅުމަކީ ނުރައްކަލުން ސަލާމަތްވެވޭނެ ގޮތެއް ނޫންކަން ހަނދާންކޮށްދެއްވައި، ހަގީގަތާ ކުރިމަތިލުމަށް ސަްިޚް ގޮވާލެއްވިއެވެ.
