ޞަޙާބީންނާއި އަހުލުބައިތުންނަށް ލޯބިކުރުމާއި އެ ބޭކަލުންގެ މަޤާމު

 ޞަޙާބީ ބޭކަލުންނާއި ރަސޫލާ ﷺ ގެ އަހުލުބައިތުންނަށް ލޯބިކުރުމަކީ އިސްލާމީ އަޤީދާގެ އެންމެ މުހިންމު އެއް އަސާސް ކަމުގައިވާއިރު، މި ދެ ފަރާތަކީވެސް އިސްލާމްދީން ފޯރުކޮށްދިނުމުގައްޔާއި ދީން މަތިވެރިކުރުމުގައި ނުހަނު ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންނެވި ބޭކަލުންނެވެ. ޞަޙާބީންނަކީ ރަސޫލާ ﷺ ދެކެވަޑައިގެން، އެކަލޭގެފާނަށް އީމާންވެ، އެގޮތުގައި އަވަހާރަވި ބޭކަލުން ކަމަށްވާއިރު، ﷲ ވަނީ އެބޭކަލުންނަށް ރުހިވޮޑިގެންވާކަން ކީރިތި ޤުރުއާނުގައި އަންގަވާފައެވެ. ސޫރަތުލް ބައްޔިނާގެ 8 ވަނަ އާޔަތުގައި ﷲ ވަނީ "رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ" (ﷲ އެބޭކަލުންނަށް ރުހިވޮޑިގެންވެއެވެ. އަދި އެބޭކަލުން އެކަލާނގެއަށް ރުހިގެންވެއެވެ.) މިފަދައިން ވަޙީކުރައްވާފައެވެ. ރަސޫލާ ﷺ ވެސް ވަނީ އެންމެ ހެޔޮ ޖީލަކީ އެކަލޭގެފާނުގެ ޞަޙާބީންގެ ޖީލުކަން ބަޔާންކޮށްދެއްވާފައެވެ. އެބޭކަލުންނަށް ލޯބިކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށާއި، އެބޭކަލުންނަށް ނަަފްރަތުކުރުމަކީ މުނާފިޤުކަމުގެ ނިޝާނެއްކަން ދީނުގެ ދަލީލުތަކުން ސާފުވެއެވެ.

ހަމައެފަދައިން، ރަސޫލާ ﷺ ގެ އަހުލުބައިތުންނަކީ އެކަލޭގެފާނުގެ ޢާއިލާގެ މުއުމިން ބޭފުޅުންނެވެ. މީގެ ތެރޭގައި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނާއި، ޢަލީގެފާނާއި، ފާޠިމަތުގެފާނާއި، ޙަސަނާއި ޙުސައިންގެފާނު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އަހުލުބައިތުންނަށް ލޯބިކުރުމަކީ ސީދާ ރަސޫލާ ﷺ ދެކެ ލޯބިވުމުގެ ތެރެއިންވާ ކަމެކެވެ. ﷲ ވަނީ ސޫރަތުލް އަޙްޒާބުގެ 33 ވަނަ އާޔަތުގައި {وَقَرۡنَ فِي بُيُوتِكُنَّ وَلَا تَبَرَّجۡنَ تَبَرُّجَ ٱلۡجَٰهِلِيَّةِ ٱلۡأُولَىٰۖ وَأَقِمۡنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعۡنَ ٱللَّهَ وَرَسُولَهُۥٓۚ إِنَّمَا يُرِيدُ ٱللَّهُ لِيُذۡهِبَ عَنكُمُ ٱلرِّجۡسَ أَهۡلَ ٱلۡبَيۡتِ وَيُطَهِّرَكُمۡ تَطۡهِيرࣰا}

(އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ.) " މިފަދައިން ވަޙީކުރައްވައި އެބޭފުޅުންގެ މަތިވެރިކަން ހާމަކުރައްވާފައެވެ. ނަމާދުގެ އައްތަޙިއްޔާތުގައި "އާލު މުޙައްމަދު" ގެ މައްޗަށް ޞަލަވާތް ކިޔުމަކީވެސް އެބޭފުޅުންނަށް ދެވިފައިވާ ޚާއްޞަ ޤަދަރެކެވެ.

އަހުލުއްސުންނާ ވަލްޖަމާޢަތުގެ ރައުޔަކީ ޞަޙާބީންނާއި އަހުލުބައިތުންނަށްވެސް ހަމަހަމަކޮށް ލޯބިކުރުމެވެ. އެއް ފަރާތަކަށް ލޯބިކުރުމުގެ ނަމުގައި އަނެއް ފަރާތުގެ މަޤާމު ދަށްކުރުމަކީ ދީނުގައި އޮތް ގޮތެއް ނޫނެވެ. އަދި އެއްވެސް ބޭކަލަކީ ކުށުން މައުޞޫމު ބޭކަލެއް ކަމަށް ނުވަތަ އިލާހީ ބާރެއް ލިބިގެންވާ ބޭކަލެއް ކަމަށް ބުނެ ހައްދުފަހަނަޅައި ނުދިއުމަށް ދީން އަމުރުކުރެއެވެ. އެބޭކަލުންގެ މެދުގައި ހިނގާފައިވާ ދެބަސްވުންތަކާ މެދު ދޫތައް ސަލާމަތްކޮށް، ހުރިހާ ބޭކަލުންނަށް ހެޔޮދުޢާކުރުމަކީ މުއުމިނުންގެ ސިފައެކެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަންކަލޭގެފާނުގެ ޞަޙާބީންނަށް ހުތުރު ބަސް ނުބުނާށެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދައާ އެއްވަރަށް ރަން ހޭދަކުރިޔަސް، އެބޭކަލުން ހޭދަކުރެއްވި މުއްދަކާ (ދެއަތްތިލަ ފުރޭވަރުގެ މިންވަރަކާ) އެއްވަރު ނުކުރެވޭނެއެވެ." (ޞަޙީޙުލް ބުޚާރީ).

ނިންމާލަމުން ދަންނަވާނީ، ޞަޙާބީންނާއި އަހުލުބައިތުންނަކީ މި އުންމަތުގެ ނޫރެވެ. އެބޭކަލުންގެ ދިރިއުޅުމުން އަޅުގަނޑުމެންނަށް ފެންނަނީ ކެތްތެރިކަމާއި، ﷲ އަށް އޮތް ބިރުވެތިކަމާއި، ދީނަށް އޮތް މަތިވެރި ލޯތްބެވެ. އެބޭކަލުންނަށް ޙައްޤުގޮތުގައި ލޯބިކުރުމަކީ އަޅުގަނޑުމެންގެ އީމާންކަން ފުރިހަމަވެ، ރަސޫލާ ﷺ ގެ މަގުން ހިނގުމަށް ލިބޭ ބޮޑު ބާރެކެވެ. އެބޭކަލުންގެ ނަމޫނާގައި ހިފަހައްޓައި، އެބޭކަލުން ދެއްކެވި ސީދާ މަގުން ދަތުރުކުރުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގެކެވެ.

އަރުށީފު

އެންމެ މަޤްބޫލު