މިއަދުގެ ދުނިޔޭގައި އިސްލާމީ އުންމަތާއި އެ އުންމަތުގެ މުޤައްދަސް ބިނާތަކުގެ ޙަޤީޤީ ދިފާޢީ ބާރަކީ ހަމައެކަނި ޝީޢީންނާއި އީރާނު ކަމަށް ބުނެ ބައެއް ފަރާތްތަކުން ޖަޒުބާތީ ވާހަކަތަކެއް ދަނީ ފަތުރަމުންނެވެ. ނަމަވެސް، ޙަޤީޤީ ހާދިސާތަކާއި ބިމުގައި ހިނގަމުންދާ ކަންކަމަށް ބަލާއިރު، މިއީ ޙަޤީޤަތާ ދުރު، ހަމައެކަނި ސިޔާސީ މަޤްޞަދުތަކެއް ހާސިލުކުރުމަށްޓަކައި ކުރެވޭ "ވިޔަފާރިއެއް" ކަން ހާމަވެއެވެ.
މިކަމުގެ އެންމެ ބޮޑު އެއް ހެކީގެ ގޮތުގައި ފެންނަން އޮތީ ސޫރިޔާގެ ހަނގުރާމައިގައި މިސްކިތްތައް ސުންނާފަތިވެގެން ދިޔަ ދިއުމެވެ. ސޫރިޔާގެ އައުޤާފާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ ޤައުމުގައި ހުރި މިސްކިތްތަކުގެ ތެރެއިން ގާތްގަނޑަކަށް %10 ނުވަތަ 1,500 އެއްހާ މިސްކިތް ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ. މި މިސްކިތްތައް ތަޅާލީ ބައްޝާރުލް އަސަދުގެ ސަރުކާރުން ކަމަށްވާއިރު، އެ ސަރުކާރަށް ފައިސާއާއި، ހަތިޔާރާއި، އަދި ސިފައިން ފޮނުވައިގެން އެންމެ ބޮޑު އެހީތެރިކަމެއް ދިނީ އީރާނުންނެވެ. ﷲ ގެ އިސްމުފުޅު ކިޔޭ 1,500 މިސްކިތް ބިމާ ހަމަކޮށްލުމަށް އެހީތެރިވި ބަޔަކު، މަސްޖިދުލް އަޤްޞާގެ ދިފާޢުގައި ވަކާލާތުކުރުމަކީ އަމިއްލަ ނަފްސަށް އޮޅުވާލާ އޮޅުވާލުމެކެވެ.
ދެވަނަ ކަމަކަށް، 2024 އިން ފެށިގެން 2026 އާ ހަމައަށް އީރާނާއި އިސްރާއީލާ ދެމެދު ހިނގާފައިވާ ކުރިމަތިލުންތަކަށް ބަލާއިރު، މި ހުރިހާ ހަމަލާތަކަކީވެސް އީރާނުގެ އަމިއްލަ މަޞްލަޙަތުތައް ދިފާޢުކުރުމަށް ދީފައިވާ ހަމަލާތަކެކެވެ. އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާއާއި، ނިއުކްލިއަރ މަރުކަޒުތަކާއި، އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކަށް ދިން ރައްދުތަކަކީ ދައުލަތަކުން އަމިއްލަ ދިފާޢުގައި ކުރި ކަމެކެވެ. މި ހުރިހާ ހާދިސާއެއްގެ ތެރޭގައިވެސް ފަލަސްޠީނުގެ މިނިވަންކަމަށް ނުވަތަ އަޤްޞާގެ ދިފާޢަށްޓަކައި އެޅި އެއްވެސް އަމަލީ ފިޔަވަޅެއް ފެންނާކަށް ނެތެވެ. އަޤްޞާގެ ނަމަކީ ހަމައެކަނި މުސްލިމުންގެ ޖަޒުބާތާ ކުޅެލުމަށް ބޭނުންކުރާ ސިޔާސީ ޝިޢާރެކެވެ.
މީގެ އިތުރުން، ޝީޢީންގެ ދީނީ ފޮތްތަކާއި ޢިލްމުވެރިންގެ ބަސްތަކަށް ބަލާއިރު، މަސްޖިދުލް އަޤްޞާއާ މެދު އެމީހުންގެ އިޢުތިޤާދު އޮތް ގޮތް ވަރަށް ސާފެވެ. ޝީޢީންގެ ބައެއް ބޮޑެތި ތަފްސީރު ފޮތްތަކާއި ޙަދީޘް ފޮތްތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކީރިތި ޤުރުއާނުގައިވާ "މަސްޖިދުލް އަޤްޞާ" އަކީ ބިމުގައި (ފަލަސްޠީނުގައި) ހުރި މިސްކިތެއް ނޫނެވެ. އެއީ އުޑުގައިވާ މިސްކިތެކެވެ. އަދި ބައެއް ރިވާޔަތްތަކުގައިވާ ގޮތުން، ކޫފާގެ މިސްކިތް މަސްޖިދުލް އަޤްޞާއަށްވުރެ މާތްކަން ބޮޑެވެ. މިފަދަ އިޢުތިޤާދެއް އޮތް ބަޔަކު، ބިމުގައިވާ އަޤްޞާގެ ދިފާޢުގައި ހަނގުރާމަކުރާ ކަމަށް ބުނުމަކީ ބޮޑުވެގެންވާ އޮޅުވާލުމެކެވެ.
ޙަޤީޤަތަކީ، އީރާނާއި ޝީޢީ މިލިޝިއާތަކުގެ އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެމީހުންގެ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށެވެ. ފަލަސްޠީނުގެ މައްސަލައަކީ އެމީހުންނަށް "ލައިދޭނެ" ނުވަތަ "ގެންދާނެ" މާ ބޮޑު މަންފާއެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން، މުސްލިމް އުންމަތުގެ މައްޗަށް އޮތީ ޖަޒުބާތީ ޝިޢާރުތަކަށް ހެއްލުމުގެ ބަދަލުގައި، ބިމުގައި ހިނގާ ކަންކަމާއި ތާރީޚީ ޙަޤީޤަތްތަކަށް ލޯހުޅުވުމެވެ. ޙަޤީޤީ ނަޞްރަކީ އަމިއްލަ އެދުމާއި ސިޔާސީ މަކަރުވެރިކަމުން އެއްކިބާވެ، އިޚްލާޞްތެރިކަމާއެކު ﷲ ގެ މަގުގައި މަސައްކަތްކޮށްގެން ލިބޭނެ އެއްޗެކެވެ.
