އިޤްތިޞާދީ ކާރިސާއަށް ސަރުކާރުން ތައްޔާރުބާ؟



 މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަކީ ދުނިޔޭގެ އިޤްތިޞާދީ ދުވެއްޔަށް ބޮޑެތި ލޮޅުންތަކެއް އަރުވަމުންދާ ކަމެކެވެ. ވަކިން ޚާއްޞަކޮށް، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމަކަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ހިނގާ މިފަދަ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދަނީ ފޯރަމުންނެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދާދިފަހުން ހާމަކުރެއްވި ގޮތުގައި، މި ހަނގުރާމަ އެއް މަސް ދުވަހަށް ދެމިގެންދިޔަ ނަމަވެސް، ރާއްޖެއަށް 85 މިލިއަން ޑޮލަރާއި 90 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ސަރުކާރުގެ ފަރާތުން މި ގެއްލުންތަކަށް ތައްޔާރުވުމުގެ ގޮތުން ގެންގުޅޭ ސިޔާސަތަކީ ދައުލަތުގެ "ކޭޝްފްލޯ" މެނޭޖްކުރުމަށްޓަކައި ބައެއް މަޝްރޫޢުތަކުގެ ޝެޑިއުލަށް ބަދަލު ގެނައުމެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، މިފަދަ ދަތި ދަނޑިވަޅެއްގައިވެސް ބޯހިޔާވަހިކަމާއި ޞިއްޙީ ދާއިރާއަށް އިސްކަންދިނުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ބޭރުގެ ފެއާތަކުގައި ބައިވެރިވެ، އިތުރު ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވެއެވެ. ނަމަވެސް، މި ހަނގުރާމަ ހަ މަސް ދުވަހަށް ދިގުދެމިގެން ހިނގައްޖެ ނަމަ، މިއަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ފިނޭންސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

ސަރުކާރުގެ މި ވާހަކަތަކާއެކު އާންމު ރައްޔިތުންގެ މެދުގައި އުފެދިފައިވަނީ ބޮޑު ސުވާލުމާކެކެވެ. އެއް ފަރާތުން ބޮޑު ގެއްލުމެއްގެ ވާހަކަ ދައްކާއިރު، އަނެއް ފަރާތުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން އުޅޭ މަންޒަރެއް ނުފެންނަކަމީ ގިނަ ބައެއްގެ ޝަކުވާއެކެވެ. ވަކިން ޚާއްޞަކޮށް، ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައަކަށް ވެފައިވާ ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެފަދަ ޚަރަދުތައް ކުޑަކުރުމާ ގުޅޭގޮތުން ސަރުކާރުން އެއްޗެއް ބުނަން ބޭނުންނުވުމަކީ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވާ މައިގަނޑު ސަބަބެވެ. "ޚަރަދު ކުޑަކުރަން ޖެހޭނީ ހަމައެކަނި ރައްޔިތުންނަށް ދޭ ޚިދުމަތްތަކުންތޯ؟" މިއީ މިއަދު އުފެދޭ އެންމެ ބޮޑު ސުވާލެވެ.

އާންމު ރައްޔިތުންގެ ފާޑުކިޔުންތަކަށް ބަލާއިރު، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގައި ހަރުދަނާކަމެއް ނެތްކަމާއި، އަންދާޒާކުރާ އަދަދުތަކާ މެދު އިތުބާރު ކުޑަވެފައިވާކަން ހާމަވެއެވެ. ބައެއް ރައްޔިތުން ދެކޭގޮތުގައި، ސަރުކާރުގެ އިސްވެރިން ދައްކަވާ ވާހަކަފުޅުތަކުގައި ދެކޮޅު ނުޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މިސާލަކަށް، 85 މިލިއަން ޑޮލަރުގެ ގެއްލުމެއްގެ ވާހަކަ ދައްކާއިރު، އެއީ ރާއްޖޭގެ ނިސްބަތުން ކިހާވަރެއްގެ އަސަރެއް ކުރާނެ ކަމެއްކަން ސާފުކޮށްދިނުމުގެ ބަދަލުގައި،  މާނައެއް ނެތް ބަސްތަކެއް އިވޭކަމަށް ރައްޔިތުން ބުނެއެވެ. ޒިންމާދާރުކަމާއެކު އިޤްތިޞާދު މެނޭޖްކުރުމުގެ ބަދަލުގައި، ހަމައެކަނި ބޭރުގެ ޙާލަތަށް އިނގިލި ދިއްކުރުމަކީ ޙައްލެއް ނޫންކަން އާންމުން ދަނީ ހަނދާންކޮށްދެމުންނެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ބައިނަލްއަޤްވާމީ ޙާލަތުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކަކީ ޙަޤީޤަތަކަށް ވީނަމަވެސް، އެކަމުން އަރައިގަތުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ އިޚްލާޞްތެރި، ދެފުއް ފެންނަ، އަދި ހަރުދަނާ ސިޔާސަތުތަކަކަށް ވާންޖެހެއެވެ. ދައުލަތުގެ ބޭކާރު ޚަރަދުތައް ކުޑަކުރުމާއި، ސިޔާސީ މަޤާމުތަކަށް ކުރާ ހޭދަ މުރާޖަޢާކުރުމަކީ ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަމައެކަނި "ޕްރޮޖެކްޓް ޝެޑިއުލަށް ބަދަލު ގެނައުމަކީ" ހަޤީޤީ އިޤްތިޞާދީ އިޞްލާޙެއް ނޫނެވެ. ރައްޔިތުން އެދެނީ ޒިންމާދާރު، ހަރުދަނާ، އަދި ދުރު ރާސްތާއަށް އަމާޒު ހިފާފައިވާ އިޤްތިޞާދީ ދެމެހެއްޓެނިވި ސިޔާސަތެކެވެ.

އަރުށީފު

އެންމެ މަޤްބޫލު