މިއަދުގެ ހަލަބޮލި މަސްރަޙުގައި، ތެދު މަޢުލޫމާތާއި ޢިލްމީ ޙަޤީޤަތްތައް ކަމާބެހޭ މާހިރުންނާއި ޢިލްމުވެރިން ފޯރުކޮށްދެއްވުމުން، ހަމައެކަނި ޖަޒުބާތުގައި ޖެހިގެން މަގުއޮޅުވާނުލުން މުހިންމެވެ. ނޭނގޭ ކަންކަމުގައި އަމިއްލަ ޚިޔާލު އިސްކުރުމުގެ ބަދަލުގައި، އެކަން ދަންނަ ޢިލްމުވެރިންނާ ސުވާލުކޮށް އޮޅުންފިލުވުމަކީ ދީނީ ގޮތުން އޮތް އެންމެ ރައްކާތެރި ގޮތެވެ.
އީރާނުގެ ދީނީ މުރުޝިދު ޚުމައިނީއާއި ޚާމަނައީގެ ފޮތްތަކުން ފެންނަން ހުރި ޞަރީޙަ ޢިބާރާތްތަކަށް ބަލާއިރު، އެބައިމީހުންގެ ބާޠިލު ޢަޤީދާ ވަރަށް ސާފުކޮށް ހާމަވެއެވެ. އެ ފޮތްތަކުގައި މާތް ﷲ ރުއްސުންލެއްވި އުންމުލް މުއުމިނީނަ ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނުގެ އިތުރުން، އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމާނުގެފާނަށް މަކަރާއި ޚިޔާނާތް ނިސްބަތްކޮށްފައިވެއެވެ.
އިސްލާމްދީނުގެ މި މަތިވެރި ޝަޚްޞިއްޔަތްތަކަކީ ވެރިކަމުގެ ދަހިވެތިކަމުގައި ތިއްބެވި ބައެއްގެ ގޮތުގައި ސިފަކޮށް، ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މުރާދު އަމިއްލަ އެދުންތަކަށް ބަދަލުކުރި ބައެއް ކަމަށް ދޭހަވާ މޭރުމުން ލިޔެފައިވާ ވާހަކަތަކަކީ ކޮންމެ މުސްލިމެއްގެ ހިތް ކަފާލާނެ ފަދަ ބާތިލު ވާހަކަތަކެކެވެ. މި ވާހަކަތައް އެބައިމީހުންގެ ފޮތްތަކުގައި ހުރީ އޮޅުމެއް އަރާނެ ފުރުޞަތެއް ނެތްހާ ސާފުކޮށް، ޞަރީޙަ ބަހުންނެވެ.
އީރާނާއި ޔަހޫދީންގެ މެދުގައި ހިނގާ ކުރިމަތިލުންތަކުގައި، ޔަހޫދީ ދައުލަތް ބަލިވެ ނިކަމެތިވުމަކީ ކޮންމެ މުސްލިމަކުވެސް އެދޭނެ ކަމެކެވެ. ހަމައެފަދައިން، ކައިރީގައިވާ ބައެއް ޢަރަބި ވެރިންގެ ހީލަތްތެރިކަމާއި ފިނޑި އަމަލުތައް ފެނުމުން ހިތަށް ނަފްރަތާއި ރުޅިވެރިކަން ވަނުމަކީ އިންސާނީ ތަބީޢަތެވެ. ނަމަވެސް، ކޮންމެ ޙާލެއްގައިވެސް ޙަޤީޤަތް އޮންނާނީ ޙަޤީޤަތުގެ ގޮތުގައެވެ.
އިސްލާމްދީނާއި އުންމަތުގެ ނަޞްރުގެ ނަމުގައި، ޞަޙާބީންނަށް ބަދުބަސް ބުނާ މިފަދަ ޢަޤީދާއެއްގެ ވެރި ބަޔަކު މަތިވެރިކުރުމުގެ އެއްވެސް މާނައެއް ނެތެވެ. ރާފިޟީންގެ (ޝީޢީންގެ) ޢަޤީދާގައި ހުރި ނުބައިކަމާއި، އެބައިމީހުންގެ ބޮޑުން ދައްކާފައިވާ ދީނާ ޚިލާފު ވާހަކަތައް ބަޔާންކޮށްދިނުމަކީ ގޯހެއް ނޫނެވެ. އެއީ އެބައިމީހުންގެ ޢަޤީދާ ކުށްވެފައިވާ މިންވަރު އުންމަތަށް ހާމަކޮށްދިނުމެވެ. ދުޝްމަނަކާ ދެކޮޅަށް ތެދުވުމަކީ، އަނެއްކޮޅުން އޮތް ބާތިލު ޢަޤީދާއަކީ ޙައްޤު ކަމުގައި ބެލެވޭނެ ސަބަބެއް ނޫނެވެ.
ޝައިޚް ސަމީރު حفظه الله މި ހަގީގަތްތައް ބަޔާންކޮށްދެއްވުމުން އެބޭފުޅާއަށް ފާޑުކިޔުމަކީ ހިތާމަހުރި ކަމެކެވެ. ޙަޤީޤަތަކީ ޖަޒުބާތަށްވުރެ ޢަޤީދާގެ ސާފުކަން މާ މުހިންމު ކަމެވެ. މި ވާހަކަތަކަކީ މީހަކު ބުނި ވާހަކައެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫނެވެ. އަދި ކިއެއްތަ، އެބައިމީހުންގެ އަމިއްލަ ފޮތްތަކުގައި ލިޔެފައިވާ، ފެންނާން ހުރި ޙަޤީޤަތްތަކެވެ. ސައިޚްގެ ބަސްކޮޅު (ބަސްކޮޅު ).
ކަންމިހެން ހުރުމާއެކު، މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވަނީ ކޮންމެ ކަމެއްގައިވެސް ޖަޒުބާތަށްވުރެ ބޮޑަށް ޢިލްމީ ޙަޤީޤަތްތަކާއި ޞައްޙަ ޢަޤީދާ އިސްކުރުމެވެ. ދުޝްމަނަކާ ދެކޮޅަށް ތެދުވާ ކޮންމެ ބަޔަކީ އެއީ "ޙައްޤުގެ އަހުލުވެރިން" ކަމުގައި ބެލުމުގެ ބަދަލުގައި، އެބައިމީހުންގެ އަސާސްތަކާއި ޢަޤީދާ ހުރިގޮތް ދެނެގަތުމަކީ ބުއްދިވެރި ގޮތެވެ.
ދުޢާއަކީ މާތް ﷲ އަޅުގަނޑުމެންގެ ހިތްތަކުގައި ޞަޙާބީންނާއި އުންމުލް މުއުމިނީންނަށް އޮތް ލޯބި އިތުރުކުރައްވައި، ފިތުނައިގެ ދަނޑިވަޅުތަކުގައި ޙައްޤު ގޮތް ފެންނާނެ ބަޞީރަތެއް އަޅުގަނޑުމެން އެންމެނަށް ދެއްވުމެވެ. އަދި ބާޠިލު ފިކުރުތަކުގެ މަކަރުވެރިކަމުން އިސްލާމީ އުންމަތް ސަލާމަތްކުރައްވައި، ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެން ސާބިތުކުރައްވާށިއެވެ. އާމީން.
