ޑިއޭގޯ ގާސިއާއަށް ދިން މިސައިލް ހަމަލާތަކުގައި ބައިވެރިވިކަމަށް ބުނާ ވާހަކަ އީރާނުން ދޮގުކޮށްފި


އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކުގެ ފަހަތުގައި އީރާނުގެ އެއްވެސް އަތެއް ނުވާނެ ކަމަށް އެ ގައުމުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ. އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އީރާނުން މިކަން ދޮގުކޮށްފައިވާ ކަމަށް އަނަޑޯލޫ އެޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ.

މި ހާދިސާ ފެންމަތިވެފައިވަނީ، މެދު ރާސްތާގެ ދެ ބެލިސްޓިކް މިސައިލެއް އިނގިރޭސިވިލާތުން އިސްތިއުމާރު ކޮށްފައިވާ ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާނުން ފޮނުވާލި ކަމަށް އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްއިން މިދިޔަ ހުކުރު ދުވަހު ރިޕޯޓްކުރުމާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން އަނަޑޯލޫއިން ސުވާލުކުރުމުން އެމެރިކާގެ ޕެންޓަގަނުން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

ޑިއޭގޯ ގާސިއާ އަކީ އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކުގައި ބޭނުންކުރުމަށް އިނގިރޭސިވިލާތުން އެމެރިކާއަށް ހުއްދަ ދީފައިވާ އިސްތިރާތީޖީ މަރުކަޒެކެވެ. މި ހާދިސާ އަށް ބޮޑު ސަމާލުކަމެއް ލިބުނު މައިގަނޑު ސަބަބަކީ، ޑިއޭގޯ ގާސިއާ އާއި އީރާނާ ދެމެދު ގާތްގަނޑަކަށް 4,000 ކިލޯމީޓަރު (2,485 މޭލު) ހުރުމެވެ. މިއީ އީރާނުގެ މިސައިލްތަކުގެ ރާސްތާ ގަސްދުގައި 2,000 ކިލޯމީޓަރަށް ލިމިޓްކޮށްފައިވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެފައިވާ މިންވަރަށްވުރެ ދެގުނަ ދުރު ސަރަހައްދެކެވެ.

ޗާގޯސް އާކިޕެލާގޯގައި ހިމެނޭ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި 1970 ގެ އަހަރުތަކުން ފެށިގެން އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވެއެވެ. މިއީ ދުރު ރާސްތާގެ ބޮން އަޅާ ބޯޓުފަހަރާއި އަސްކަރީ މުހިންމު ވަސީލަތްތައް އޮޕަރޭޓްކުރާ މަރުކަޒެކެވެ.

[Anadolu Ajansı] [Middle East Eye]

ލިޔުން: އަލް އަޚް ސާޖިދު ރަޝީދު

އަރުށީފު

އެންމެ މަޤްބޫލު