ޔަހޫދީންގެ އަމަލުތައް ހުއްޓުވުމަށް ރާއްޖޭން އދ. ގައި ގޮވާލައިފި

 


ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ދުނިޔޭގެ ހަމަޖެހުން ނަގާލުމަށް ހިންގަމުންދާ އަމަލުތައް ހުއްޓުވައި، އެ ދައުލަތާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ދިވެހިރާއްޖޭން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފިއެވެ.

​އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މި ބަޔާން އިއްވެވީ ޖިނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.

ޑރ. ސަލްމާގެ ބަޔާނުގައި ވިއެނާ ޑިކްލަރޭޝަނާ ހަވާލާދީ ވިދާޅުވީ، ހުރިހާ އިންސާނީ ހައްގުތަކަކީ އެއް ހައްގު އަނެއް ހައްގާ ގުޅިލާމެހިފައިވާ ކަންކަން ކަމަށާއި، ރާއްޖޭން އަބަދުވެސް އެކަމަށް ތާއީދުކުރާ ކަމަށެވެ. ޔަހޫދީން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށްޓަކައި ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޔަހޫދީ ދައުލަތުން މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ދެމުންދާ ނިރުބަވެރި ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ވަނީ ގެއްލިފައެވެ. އެގޮތުން:

  • ލުބުނާނު، ސީރިއާ، ޔަމަން އަދި އީރާނުގެ ސަރަހައްދުތަކަށް ކެނޑިނޭޅި ހަމަލާތައް ދަނީ އަމާޒުވަމުންނެވެ.
  • ފަލަސްތީނުގެ ސަރަހައްދުތަކަށް އަތްގަދަކުރުމަށް ހިންގާ ލާއިންސާނީ އަމަލުތަކަށް ނިމުމެއް ނާދެއެވެ.

​މެދުއިރުމަތީގައި ޔަހޫދީން ހިންގަމުންދާ އަމަލުތައް ކުށްވެރިކޮށް، އެ ދައުލަތާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ރާއްޖޭން އަބަދުވެސް ވަކާލާތު ކުރެއެވެ.


އަރުށީފު

އެންމެ މަޤްބޫލު