މެދުއިރުމަތިން އެމެރިކާ ބޭރުކޮށްލުމުގެ ފެށުން

 


މެދުރުމަތީގެ މަސްރަޙު ދުވަހެއް ދުވަހަކަށް މިދަނީ ބަދަލުވަމުންނެވެ. މިވަގުތު އިރާނުން އެމީހުންގެ ދިފާއުގައި ދެމުން ގެންދާ ރައްދު ހަމަލާތަކުގެ ގިޔަރުވަނީ އިތުރު ހަރުފަތަކަށް ޖައްސާފައެވެ. އެގޮތުންއީރާނުން ދާދިފަހުން ވަނީ އިސްރާއީލުގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް، ފުޅާދާއިރާއެއްގައި މިސައިލާއި ޑްރޯންގެ ވަރުގަދަ ޙަމަލާތަކެއް ފޮނުވާލާފައެވެ. ތެލް އަވީވް އިން ފެށިގެން ކިރްޔަތު ޝްމޯނާ އާ ހަމައަށް ދިން މި ޙަމަލާތަކުގައި ކްލަސްޓަރ މިސައިލް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ. މި ޙަމަލާތަކުގެ ތެރެއިން އެމެރިކާގެ އަސްކަރީ ހަތަރު ބޭހަކަށް ސީދާ ޙަމަލާ އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީރާނުގެ ޙަމަލާތަކުގެ ނުރައްކާ އޮތް މިންވަރު ހާމަވެގެންދިޔައީ، އިސްރާއީލުގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި އުޅުއްވަނިކޮށް، އީރާނުގެ މިސައިލްތަކުން ސަލާމަތްވުމަށްޓަކައި ކުއްލި ގޮތަކަށް ބަންކަރަކަށް (ރައްކާތެރި ތަނަކަށް) ގެންދަން ޖެހުމުންނެވެ. މިއީ އިސްރާއީލުގެ އެތެރޭގެ ހަރަކާތްތަކާއި ލީޑަރުން ތިއްބަވާ ތަންތަން ދެނެގަތުމުގެ ފުން ޖާސޫސީ ޤާބިލުކަމެއް އީރާނަށް ލިބިފައިވާކަން ހާމަކޮށްދޭ ކަމެކެވެ.

މި ޙަމަލާތަކާ ގުޅިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވި ކުރު ބަޔާނެއްގައި ވިދާޅުވީ، އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ. ނަމަވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، އިސްރާއީލުގެ މި ހަރުކަށި ބަސްމަގަކީ އެތެރޭގެ ބަލިކަށިކަން ފޮރުވުމަށް ދައްކާ ވާހަކައެކެވެ.

ދުނިޔޭގެ ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ އެކި ކަހަލަ ބަޔާންތައް ނެރެމުންނެވެ. ނަމަވެސް އީރާނުން ދެކޭގޮތުގައި ޓްރަމްޕްގެ މި ވާހަކަތަކަކީ މޮޔައިން ރުއްސަން ދައްކާކަހަލަ ވާހަކަ ތަކެކެވެ. އީރާނުން މިވަގުތު އޮތީ އެފަދަ އޮޅުވާލުންތަކަށް ހެއްލޭ ގޮތަކަށް ނޫނެވެ.

މަސްރަޙު ފިނިކުރުމަށް އީރާނުން ވަނީ އައު ޝަރުޠުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި:

  • ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުން.
  • މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް އެއްކޮށް ބަދަލުކުރުން.
  • ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުން.

​މި ހަނގުރާމައާ މެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ދަނީ އިތުރުވަމުންނެވެ. ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި، މި ހަނގުރާމައަކީ އެމެރިކާގެ މަޞްލަޙަތަށްވުރެ ބޮޑަށް އިސްރާއީލުގެ އެދުމަށް ކުރެވޭ ހަނގުރާމައެކެވެ. ބޮޑު ކާރިސާއަކަށް ވެދާނެ މިފަދަ ކުރިމަތިލުމެއްގައި ބައިވެރިވުމަކީ އެމެރިކާގެ ގިނަ ރައްޔިތުން ބޭނުންވާ ގޮތެއް ނޫނެވެ.

 މެދުއިރުމަތީގެ މަސްރަޙު މިއަދު އޮތީ ވަރަށް ނާޒުކު ފަށަލައެއްގައެވެ. އީރާނުގެ އަސްކަރީ ބާރާއި ޖާސޫސީ ވަރުގަދަކަން ހާމަވަމުންދާއިރު، ހުޅަނގުގެ ބާރުތަކަށް މިކަމުން ސަލާމަތްވާނެ ސާފު މަގެއް ފެންނާކަށް ނެތެވެ. މި ހަނގުރާމަ ދިގުލައިގެން ދިއުމަކީ ދުނިޔޭގެ އިޤްތިޞާދަށާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ.


އަރުށީފު

އެންމެ މަޤްބޫލު