❞ގަލްފުގެ ޤައުމުތައް ކަމަށްވާ ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ސައުދީ އަރަބިއްޔާގެ އިތުރުން، މި ދުވަސްވަރު ހަމަލާތައް އަމާޒުވަމުންދާ ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ހުރިހާ މެންބަރު ޤައުމުތަކަކުން ބުނަމުންދަނީ، 'އީރާނުން އެއްވެސް ސަބަބަކާއި ނުލައި އަހަރެމެންނަށް ހަމަލާދީފި' ކަމަށެވެ. އަދި އެއީ 'ނުބައި ޤައުމެއް' ކަމަށާއި، 'އީރާނުން ކެތްތެރިވާންޖެހޭ' ކަމަށާއި، 'ދެމުންދާ ހަމަލާތައް ހުއްޓާލަންޖެހޭ' ކަމަށް އެ ޤައުމުތަކުން ބުނެއެވެ. ނަމަވެސް، އެއިން އެއްވެސް ޤައުމަކުން މިހެންނެއް ނުބުނެއެވެ: 'އަހަރެމެންގެ ބަދުނަސީބުކަމުން، އެމެރިކާއާއި އިސްރާއީލުން އިީރާނަށް އިންތިހާއަށް ބާރުގަދަ ހަމަލާތަކެއް ދީ، އެތައް ލީޑަރުންނެއް ޝަހީދުކޮށް، އެތައް ސަތޭކަ ބަޔަކު މަރާލުމުން، އޭގެ ރައްދުގައި އީރާނުން އަހަރެމެންގެ ފަސްގަނޑުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނީއެވެ.' އަދި މިއީ 'އީރާނުން އެބައިމީހުންގެ، އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ހަމަލާއެއް' ކަމަށާއި، އޭގެ ސަބަބުން އަހަރެމެންނަށް ގެއްލުންތަކެއް ލިބިއްޖެ ކަމަކަށްވެސް އެމީހުން ނުބުނެއެވެ.
މިފަދައިން ބުނުމަކީ ބުއްދިވެރި، ތެދުވެރި އަދި ހަރުދަނާ ގޮތަކަށް ވާނެއެވެ. ނަމަވެސް ކަން ހިނގީ އެފަދަޔަކުން ނޫނެވެ. ގަލްފުގެ ޤައުމުތަކުން ބޭނުންވީ އެއީ އެމެރިކާގެ ބުނިހާ ގޮތަކަށް އުޅޭ ބޯލަނބާ ބައެއްކަން ސާބިތުކޮށްދޭށެވެ. އެހެންކަމުން، އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދިނުމުން، އެކަމުގެ ރައްދު އީރާނުން ދިނުމަކީ، އެއީ އީރާނުގެ އަދަބުކުޑަ ކަމެއްގެ ގޮތުގައި ދައްކައި، އެ އެންމެން އީރާނާ ދެކޮޅަށް ތެދުވިއެވެ. އަޅުގަނޑު އެމީހުންގާތު ކުރިންވެސް މިކަމުގެ ހުރި ނުރައްކާ އެމީހުންގާތު ބުނީމެވެ، އަދި މިހާރުވެސް ބުނަމެވެ: ތިޔަބައިމީހުންގެ ފަސްގަނޑުގައި އެމެރިކާގެ ސިފައިން ތިބުމަކީ ރައްކާތެރިކަމެއް ނޫނެވެ. އެއީ ހަމައެކަނި އެހެން މީހުންގެ ހަމަލާތައް ތިޔަބައިމީހުންގެ ޤައުމަށް އަމާޒުވާނެ ދަގަތްފާނީ ބާރެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތެޔޮ ސާފުކުރާ ތަންތަނަށާއި، އުފެއްދުންތެރިކަމުގެ މަރުކަޒުތަކަށާއި، ބަނދަރުތަކަށް ގެއްލުން ލިބެނީއެވެ.
މުޅި މެދުއިރުމަތީގައި އީރާނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން، ގަލްފު ސަރަހައްދުން ތެލާއި ގޭސް ބޭރުކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. މީގެ އިތުރުން ގަލްފު ޤައުމުތަކުގެ ފަތުރުވެރިކަމަށާއި ސިނާޢަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެހެންކަމުން، އަޅުގަނޑު ގިނައިން ފާހަގަކުރާ ހެންރީ ކިސިންޖާގެ ވަރަށް މުހިންމު ބުނުމެއް، މީހުންނަށް ހަނދާން ކޮށްދިނުމުގެ ގޮތުން ބުނަމެވެ: 'އެމެރިކާގެ ދުޝްމަނަކަށް ވުމަކީ ނުރައްކާތެރި ކަމެކެވެ. ނަމަވެސް އެމެރިކާގެ ރަޙުމަތްތެރިއަކަށް ވުމަކީ ފުރާނައަށް ހުރި ނުރައްކަލެކެވެ (ނުވަތަ ހަލާކުގެ ސަބަބެކެވެ).' ❝
ތަރުޖަމާ: އަލް އަޚް ސާޖިދު ރަޝީދު
