ރައްޔިތުންގެ ބާރުތޯ ނުވަތަ ބައެއްގެ މުށްބާރުތޯ؟


ކޮންމެ ޤައުމެއްގެވެސް ކުރިއެރުމާއި ހަމަޖެހުން ބިނާވެފައިވަނީ އެ ޤައުމެއްގައި އޮންނަ ސިޔާސީ ސަޤާފަތެއްގެ މައްޗަށެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ބަލާއިރު، ފެންނަން އޮތް ހަޤީޤަތަކީ މިއަދުގެ ސިޔާސީ ސަޤާފަތް ބިނާވެފައިވަނީ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ނޫންކަމެވެ. އޭގެ ބަދަލުގައި، ފެންނަނީ މަދު ބައެއްގެ ނުފޫޒާއި ބާރު ދެމެހެއްޓޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަންވަމުންދާ މަންޒަރެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަޙުން ފެންނަ އެންމެ ހިތާމަވެރި އެއް ކަމަކީ، ރައްޔިތުންގެ ނިކަމެތިކަމާއި ބޭނުންތަކުގެ ނާޖާއިޒު ފައިދާ ނެގުމެވެ. ރައްޔިތުންގެ އަސާސީ މުހުތާދުތަކަކީ ސިޔާސީ ބާރުވެރިކަން ހޯދުމަށް ބޭނުންކުރާ "ހަތިޔާރަކަށް" މިއަދު ވަނީ ވެފައެވެ. ރައްޔިތުންގެ "ބަލިފައިގައި" ހިފައިގެން، ނުވަތަ އެމީހުންގެ މަޖުބޫރުތަކުގެ ތެރެއިން ވޯޓާއި ތާއީދު ހޯދުމަކީ ހުނޅަގުން އެބުނާ ދުޅަހެޔޮ ޑިމޮކްރަސީއެއްގައި އޮވެގެންވާނެ ސިފައެއް ނޫނެވެ.

ސިޔާސީ ނިޒާމުގެ ތެރެއިން ކަންކަން ނިންމުމުގެ ބާރު އޮންނަނީ ވަކި މަދު ބައެއްގެ އަތްމަތީގައެވެ. ގިނަ ރައްޔިތުންގެ ބައިވެރިވުން ހަމައެކަނި ވޯޓު ކަރުދާސްކޮޅަކަށް ހަނިވެފައިވާއިރު، ސިޔާސަތުތައް ބައްޓަންކުރުމާއި ފައިދާތައް ބެހިގެންދާ ގޮތް އޮންނަނީ ނުފޫޒުގަދަ މަދު ބައެއްގެ ކޮންޓްރޯލްގެ ދަށުގައެވެ. މީގެ ސަބަބުން ރައްޔިތުންގެ އަސްލު އަޑު ކެނޑި، ސިޔާސީ މަސްލަހަތު އިސްކުރެވި، ޢާންމު މަސްލަހަތު ފަހަތަށް ސޮއްސާލައެވެ.

މި ސަޤާފަތް ބަދަލުކުރެވޭނީ ރައްޔިތުން ހޭލުންތެރިވެގެންނެވެ. ސިޔާސީ ބާރުވެރިންގެ ފަހަތުން ދުވުމުގެ ބަދަލުގައި، ކޮންމެ ރައްޔިތަކީވެސް އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ވަކި މީހަކަށް ބަރޯސާ ނުވާ މީހަކަށް ވާންޖެހެއެވެ.

  • އިލްމީ ގޮތުން ހޭލުންތެރިވުން: ސިޔާސީ މީހުން ދައްކާ ވާހަކައިގެ ފުންމިނާއި ހަޤީޤަތް ދެނެގަތުން.

  • މުހުތާދުތައް ސިޔާސީ ނުކުރުން: އަސާސީ ޚިދުމަތްތަކަކީ ކޮންމެ ސަރުކާރަކުންވެސް ދޭންޖެހޭނެ އެއްޗެއްކަން ގަބޫލުކުރުން.

  • ޒިންމާދާރުކުރުވުން: ހޮވޭ މީހުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ ބައެއްކަން ހަނދާންކޮށްދިނުން.

ނިންމާލަމުން ދަންނަވާނީ، ރާއްޖޭގެ ސިޔާސީ ސަޤާފަތް ބަދަލުކުރުމުގެ ބާރު އޮތީ ހަމަ ރައްޔިތުންގެ އަތްމަތީގައެވެ. މަދު ބައެއްގެ މުށުތެރޭގައި މުޅި ގައުމު އޮތުމުގެ ބަދަލުގައި، ހުރިހާ ރައްޔިތުންނަށް އިންސާފާއި ހަމަހަމަކަން ލިބޭނެ ނިޒާމެއް ބިނާކުރުމަކީ މިއަދު އަޅުގަނޑުމެން ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތެވެ.

.


އަރުށީފު

އެންމެ މަޤްބޫލު