މަނަދޫ ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީ މަސައްކަތް ކުރާ ކޮމެޓީ 2026: ޕީ.އެން.ސީ

 



ކޮންމެ އިންތިޚާބަކީވެސް މުޖުތަމަޢެއްގެ ކުރިމަގާއި ތަރައްޤީގެ މިސްރާބު ކަނޑައެޅުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާ ކުރިމަތިލާއިރު، މަނަދޫގެ ތަރައްޤީއަށްޓަކައި ޕީ.އެން.ސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުން ވަނީ ރަށުގެ އެކި ދާއިރާތަކަށް އަމާޒުކޮށް ގިނަގުނަ ސިޔާސަތުތަކެއް ހުށަހަޅާފައެވެ.

ކައުންސިލްގެ ހިންގުން ހަރުދަނާކުރުމަށް އެ ފަރާތުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތަކީ ރައްޔިތުންގެ އަޑު އިވޭ، ދެފުއް ފެންނަ ނިޒާމެއް ޤާއިމްކުރުމެވެ. މިގޮތުން "ލަފާދޭ ކޮމެޓީ" އެކުލަވާލައި، ރަށުގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ފެށުމުގެ ކުރިން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ކައުންސިލުން ދޭ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީކުރުމަކީ އިދާރީ މުވައްޒަފުންނަށް ފަސޭހަވެ، ރައްޔިތުންނަށް އަވަސް ޚިދުމަތެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އެ ފަރާތުން ފާހަގަކުރެއެވެ. ޒަމާނަށް އަންނަ ބަދަލުތަކަށް ލޯ ހުޅުވިފައިވާ ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމުގައި އާއިލާގެ ކޮންމެ މެންބަރަކީވެސް މުހިންމު ހިއްސާދާރެއް ކަމުގައި އެބޭފުޅުން ދެކެވަޑައިގަންނަވައެވެ.

ރަށުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށްޓަކައި ބަނދަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ވަނީ އަމާޒު ހިފާފައެވެ. ވިޔަފާރިވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ބަނދަރުގައި ޤާއިމްކުރުމާއި، ރަށުގެ މުހިންމު ސަރަޙައްދުތަކުން ރައްޔިތުންނަށް ސީދާ ނަފާ ލިބޭނެ މަގުތައް ފަހިކޮށްދިނުމަކީ އެ ފަރާތުގެ ތަޞައްވުރެކެވެ. ހަމައެހެންމެ، "މަނަދޫ ރައްޔިތުންގެ ކޯޕަރޭޓިވް ސޮސައިޓީ" އުފެއްދުމަކީ ދަނޑުވެރިކަން ފުޅާވެ، އަންހެނުންގެ އާމުދަނީ އިތުރުވެ، ރަށުގެ އުފެއްދުންތެރިކަން އިތުރުވާނެ ކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. މި ސިޔާސަތުތަކުގެ ބޭނުމަކީ ރަށުގެ އިޤްތިޞާދީ ހަރަކާތްތައް ފުޅާކޮށް، އާންމު ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުކުރުމެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، އަތޮޅު މަދަރުސާއާ ގުޅިގެން އޯ ލެވެލް ހަދާ ދަރިވަރުންނަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގައި، "އަރުތަވެރި ދަރިވަރުން" އުފެއްދުމަކީ ޕީ.އެން.ސީ ކައުންސިލެއްގެ މުހިންމު އަމާޒެކެވެ. އިޖުތިމާޢީ ގޮތުން ބަލާއިރު، އާއިލާތަކުގެ ދުޅަހެޔޮކަމަށްޓަކައި ރައްޔިތުންގެ އަޑު އެހުމަށްފަހު މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިއީ އޯގާތެރި އަދި ބަދަހި އާއިލާތަކެއް ބިނާކުރުމަށް އެ ފަރާތުން ގެންގުޅޭ ސިޔާސަތެކެވެ. ޒުވާނުންނާ ގުޅިގެން ކުރިއަށް ދިއުމާއި، ރަށުގެ ތަރައްޤީގެ އިސްޕީޑް އަވަސްކުރުމަކީވެސް އެބޭފުޅުންގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ޕީ.އެން.ސީގެ ކެންޑިޑޭޓުން ބާރުއަޅާ އަނެއް ނުކުތާއަކީ ސަރުކާރާއެކު ގާތުން މަސައްކަތްކުރުމުގެ މުހިންމުކަމެވެ. އެ ފަރާތުން ދެކޭގޮތުގައި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ކައުންސިލެއް އޮތުމަކީ ރަށުގައި ފެށިފައިވާ ތަރައްޤީގެ މަޝްރޫޢުތައް މެދުނުކެނޑި، ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭ ބާރެކެވެ. މަރުކަޒީ ސަރުކާރާއެކު އޮންނަ ގުޅުން ބަދަހިވެ، ރަށަށް ބޭނުންވާ ބަޖެޓާއި ވަޞީލަތްތައް ހޯދުމަށް ފަސޭހަވާނެ ކަމަށްވެސް އެބޭފުޅުން ފާހަގަކުރައްވައެވެ. ސަރުކާރުގެ ތަރައްޤީގެ ޕްލޭންތަކާއި ރަށުގެ ކުރިއެރުން އެއް މިސްރާބަކަށް ގެންދިއުމަށް މަގުފަހިވާނީ ސަރުކާރުގެ ފިކުރުގެ މަންދޫބުން ތިބެގެން ކަމަށް އެ ފަރާތުން ޤަބޫލުކުރެއެވެ.

ކޮންމެ އިންތިޚާބެއްގައިވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ ރައްޔިތުންނެވެ. މަތީގައިވާ ކަންކަމަކީ ޕީ.އެން.ސީގެ ފަރާތުން މަނަދޫގެ ކުރިމަގަށް ހުށަހަޅާފައިވާ މައިގަނޑު އަސާސްތަކެވެ. މި ސިޔާސަތުތަކާއި، ރަށުގެ ޙާލަތަށް ރިޢާޔަތްކޮށް، މަނަދޫގެ ތަރައްޤީއަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިކަން ނިންމުމުގެ އިޚްތިޔާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ގޮތް ނިންމާނީ ތިކޮޅުންނެވެ.


އަރުށީފު

އެންމެ މަޤްބޫލު