ތިންވަނަ ހައިކަލް ބިނާކުރުމުގެ އަމަލީ މަސައްކަތް އަދި ރީންދުކުލައިގެ ކުލަގަދަ ގެރި



ބަރަކާތްތެރި މަސްޖިދުލް އަޤްޞާގެ ޙުރުމަތް ކަނޑާލައި، އެތަނުގެ ބަދަލުގައި ޔަހޫދީންގެ ތިންވަނަ ހައިކަލް (هَيْكل سُلَيْمَان) ބިނާކުރުމަށް ވަމުންދާ ތައްޔާރީތަކަކީ އިސްލާމީ އާޚިރުޒަމާނުގެ ފިތުނަތަކާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމެކެވެ. މިއީ ހަމައެކަނި ސިޔާސީ ވާހަކަތަކެއް ނޫނެވެ. "މަޢުހަދުލް ހައިކަލް" (The Temple Institute) ފަދަ ޖަމާޢަތްތަކުން ދަނީ ފާޅުގައި މިކަމަށް ބޭނުންވާ އެންމެހާ އާލާތްތައް ތައްޔާރުކުރަމުންނެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ މަސްޖިދުލް އަޤްޞާއާއި ރަންގުއްބު (قُبَّة الصَّخْرَة) ހުރި ބިން ސާފުކުރުމަށްފަހު، އެތަނުގައި ޔަހޫދީންގެ ހައިކަލް ބިނާކޮށް އެމީހުންގެ ދީނީ އަޅުކަންތައް އަލުން ފެށުމެވެ.

ޔަހޫދީންގެ ދީނީ ޝަރިޢަތަކުގައިވާ ގޮތުން، ހައިކަލް ބިނާކޮށް އަޅުކަން ފެށުމުގެ ކުރިން އެމީހުން " ތުމަތްމަތް ނުވަތަ މަރުވެފައިވާ ތަކެތީގެ ނަޖިހުން" ތާހިރުވާންޖެހެއެވެ. މީގެ މާނައަކީ ދިރިހުރި އިންސާނެއް، މައްޔިތެއްގައިގަ އަތްލުން ނުވަތަ މަރުވުމާއި ގުޅިގެން ދެން ހިނގާހުރިހާ  ކަންތައްތަކުން ތާހިރުވާންޖެހެއެވެ. މިކަމަށްޓަކައި ބޭނުންވަނީ އެއްވެސް އައިބެއް ނެތް "ރީންދުކުލައިގެ ކުލަގަދަ ގެރި" ކަތިލައި އޭގެ އަޅި ފެނާ އެއްކޮށް ގަޔަށް ބުރުވުމެވެ. މި ގެރީގެ ސިފަތަކަކީ ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގައި ﷲ ބަޔާންކުރައްވާފައިވާ ގެރީގެ ސިފަތަކާ ނުހަނު އެއްގޮތް ސިފަތަކެކެވެ.

ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ:

قَالُواْ ٱدۡعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوۡنُهَاۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةࣱ صَفۡرَآءُ فَاقِعࣱ لَّوۡنُهَا تَسُرُّ ٱلنَّٰظِرِينَ

"އެއުރެން ދެންނެވޫއެވެ. އެ ގެރީގެ ކުލައަކީ ކޮބައިކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. އެއީ، ހަމަކަށަވަރުން ބަލާމީހުންނަށް އުފާވެރިކަން ދެނިވި، ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ."(ސޫރަތުލް ބަޤަރާ: 69)

قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةࣱ لَّا ذَلُولࣱ تُثِيرُ ٱلۡأَرۡضَ وَلَا تَسۡقِي ٱلۡحَرۡثَ مُسَلَّمَةࣱ لَّا شِيَةَ فِيهَاۚ قَالُواْ ٱلۡئَٰنَ جِئۡتَ بِٱلۡحَقِّۚ فَذَبَحُوهَا وَمَا كَادُواْ يَفۡعَلُونَ

"އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. ހަމަކަށަވަރުން އެއީ، ދަނޑުބިމުގެ ފަސްގަނޑުޖަހާ ނިކަމެތި ގެރިއެއް ނޫނެވެ. އަދި ދަނޑަށް ފެންދޭ ގެރިއެއްވެސް ނޫނެވެ. (عيب ތަކުން) ސަލާމަތް ވެގެންވާ، އޭގައި އެއްވެސް ލަފެއްނެތް ގެރިއެކެވެ. އެއުރެން ދެންނެވޫއެވެ. މިހާރު ކަލޭގެފާނު އޮޅުމެއްނެތް ސާފުބަޔާން ގެނެސްދެއްވައިފީމުއެވެ. ދެން އެއުރެން އެ ގެރި ކަތިލައިފޫއެވެ. އެއުރެންތިބީ، އެކަން ކުރާހިތަކުން ނޫނެވެ."(ސޫރަތުލް ބަޤަރާ: 71)


މިހާރުވެސް އިސްރާއީލްގެ "ޝީލޯ" ސަރަޙައްދުގައި އެމެރިކާއިން ގެނެވުނު މިފަދަ ރީންދޫކުލައިގެ  ކުލަގަދަ ގެރިތަކެއް ދަނީ ބަލަހައްޓަމުންނެވެ. ޔަހޫދީ ރައްބީން ދެކޭގޮތުގައި މިއީ ހައިކަލް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ލިބުނު ފުރުޞަތެކެވެ.

ހައިކަލްގެ އެތެރޭގައި ބޭނުންކުރާނެ ހުރިހާ ސާމާނެއް މިހާރު ހުރީ ތައްޔާރުކޮށްފައެވެ. މީގެ ތެރޭގައި 45 ކިލޯގެ ސާފު ރަނުން ހަދާފައިވާ ބޮޑު ބައްތި (المَنَارَة الذَّهَبِيَّة) އާއި، ޤުރުބާނީ ކުރާނެ އައްޓާއި، އަދި ހައިކަލް ބިނާކުރާނެ ފުރިހަމަ ޗާޓުތައް ހިމެނެއެވެ. މި މަސައްކަތަށް ހުޅަނގުގެ ބައެއް ސިޔާސީ އިސްވެރިންނާއި "މަސީޙީ ޞިހުޔޫނީން" (المَسِيحِيُّونَ الصَّهَايِنَة) ދަނީ ފާޅުގައި ތާއީދުކުރަމުންނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ހައިކަލް ބިނާކުރުމަކީ އީސާގެފާނު ދުނިޔެއަށް އެނބުރި ވަޑައިގަތުން އަވަސްވާނެ ކަމެކެވެ.

އާޚިރުޒަމާނުގައި ދައްޖާލުގެ ފިތުނަ ފެތުރިގެންދާނެ ގޮތާއި، އޭނާއަށް ތަބާވާނެ މީހުންގެ ވާހަކަ ރަސޫލާ ﷺ ވަނީ ބަޔާންކޮށްދެއްވާފައެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ:

 يَتبَعُ الدَّجَّالَ مِن يَهودِ أصبَهانَ سَبعونَ ألفًا عليهمُ الطَّيالِسةُ (ޞަޙީޙުލް މުސްލިމް: 2944)

މާނައީ: "އަޞްބަހާންގެ(އިސްފާހާނަކީ ދެ ސިޓީއެއްގެ ނަމެއް ކަމަށް ބުނެވިފައި ވާއިރު، އެއް ސިޓީއަކީ އިރާގުގެ އެއް ސިޓީ ކަމަށާއި އެއީ މިތަނުގައި މާނަކުރާ އެއް ސިޓީ ކަމަށާއި އަނެއް ސިޓީއަކީ ފާރިސީންގެ ނަމެއް ކަމަށެވެ.  ) ޔަހޫދީންގެ ތެރެއިން ހަތްދިހަ ހާސް މީހުން ދައްޖާލަށް ތަބާވާނެއެވެ. އެމީހުން ތިބޭނީ ޠަޔާލިސަތަކެއް އަޅައިގެންނެވެ.." ( މި ހެދުމަކީ މިޒަމާނު ހޫޑި އިސްޓައިލަށް ބޯ ނިވާކުރެވޭގޮތަށް- ކޮނޑުގައި ނުވަތަަ ހަށިގަނޑު ނިވާ ކުރެވޭގިތަށް ހުންނަ ހެދުމެކެވެ.)

މީގެ އިތުރުން، ފަހުޒަމާނުގައި މުސްލިމުންނަށް ކުރިމަތިވާނެ ބޮޑެތި ފިތުނަތަކުގެ ވާހަކަވެސް އައިސްފައިވެއެވެ. ޢަބްދުﷲ އިބްނު ޢުމަރު رضي الله عنهما ގެ ކިބައިން ރިވާވެގެންވެއެވެ:

قَالَ: كُنَّا قُعُودًا عِنْدَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَذَكَرَ الْفِتَنَ فَأَكْثَرَ فِي ذِكْرِهَا حَتَّى ذَكَرَ فِتْنَةَ الْأَحْلَاسِ... (ސުނަން އަބީ ދާވޫދު: 4242)

 މާނައީ: "ތިމަންމެން ރަސޫލާ ﷺ ގެ އަރިހުގައި އިށީނދެގެން ތިއްބަވަނިކޮށް، އެކަލޭގެފާނު ފިތުނަތަކުގެ ވާހަކަ ދެއްކެވިއެވެ. އެކަލޭގެފާނު އެވާހަކަ ދެއްކެވުން ގިނަކުރައްވައި، 'ފިތުނަތުލް އަޙްލާސް' ( ބޮޑަތި ހަމަނުޖެހުންތަކަކާއި އެކު ޒަމާންތަކަކަށް ދެމިގެންދާ ފިތުނަގި ) ގެ ވާހަކަ ބަޔާންކުރެއްވިއެވެ."

މަސްޖިދުލް އަޤްޞާގެ ޙުރުމަތް ކަނޑާލުމަށާއި، އެތަނުގެ އިސްލާމީ ތާރީޚު ފޮހެލުމަށްޓަކައި މިއަދު ފަތުރަމުންދާ ދޮގު މަޢުލޫމާތުތަކަށް މުސްލިމުން ހޭލުންތެރިވާންޖެހެއެވެ. ބައެއް ފަރާތްތަކުން އަޤްޞާ މިސްކިތަކީ ފަލަސްޠީނުގައި ހުރި ތަނެއް ނޫން ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ޔަހޫދީންގެ މި ބޮޑު ރޭވުމަށް މަގުފަހިކުރުމަށް ކުރާ ކަމެކެވެ. މިފަދަ ފިތުނަވެރި ދަނޑިވަޅެއްގައި މުސްލިމުންގެ މައްޗަށް އޮތީ ޞައްޙަ ދީނީ ޢިލްމު އުނގެނުމާއި، އީމާންތެރިކަން ވަރުގަދަކޮށް، ރަސޫލާ ﷺ ދެއްވާފައިވާ އިންޒާރުތަކަށް ސަމާލުވުމެވެ.

އަރުށީފު

އެންމެ މަޤްބޫލު