ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ އެންމެ ނުރައްކާތެރި ފިތުނައަކީ ސުންނީ ޝީޢީ ފިތުނައެވެ.
ޢަޤީދާ އާއި އީމާންކަމުގެ އަޞްލުތަކުގައި އުފެދޭ ޚިލާފުތަކަކީ ކުދިކުދި ކަންކަމެއް ނޫނެވެ. އެއީ ފަތިސްނަމާދުގައި ޤުނޫތު ކިޔުމާއި، އައްތަޙިއްޔާތުގައި އިނގިލިތެޅުވުންފަދަ ފިޤުހީ މައްސަލަތަކާ އެއްފަދަ ކަންމެއް ނޫނެވެ.
އިސްލާމީ އުއްމަތުގެ ޢަދުވުން، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޤަތުލުކޮށް ހުސްކުރަމުންދާއިރު، ބޮޑެތި އިސްލާމީ ޤައުމުތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި ދިއުމަކީ އަޅުގަނޑުމެން އެންމެން އެކަމާ ކަންބޮޑުވެ ހިތުގައި ޖެހޭ ކަންކަމެވެ. އަދި އެއީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.
ކަން މިހެން އޮތް ނަމަވެސް، އިސްލާމީ އުއްމަތުގެ ރަންޒަމާނުއްސުރެ އުފެދިފައި އޮތް ޢަޤީދާގެ އެންމެ ބޮޑު ފިތުނައަކީ ޝީޢީންގެ ފިތުނައެވެ. އަދި ޝީޢީންގެ ތެރެއިންވެސް ރާފިޟީ އިސްނާއަޝަރިއްޔާއިންގެ ވާހަކަތައް ވަނީ އިހުގެ ދަންބޭކަލުންގެ ފޮތްތަކުގައި ބަޔާންކޮށްދެއްވާފައެވެ. މިއީ އިއްޔެއަކު މިއަދަކު ޖެހިގެން އުޅޭ މައްސަލައެއް ނޫނެވެ.
ޝީޢީންގެ ވެރީންނަށް މަދަހަ ސަނާ ކިޔުމުގައި ހައްދުފަހަނައަޅައި ދިޔުމަކީ، މިއަދު ދިވެހި އުއްމަތުގެ ތެރޭގައި ޝީޢީ ފިކުރުގެ ތެރެއަށް އެތައް ބަޔަކު ގެބިގެންދާ ކަމެކެވެ.
ނޭނގި ތިބެ ސުންނީ މުސްލިމުންނަށް އެއްޗެތި ގޮވަނީ ދިވެހީންގެ ތެރެއިން ކިތައް މީހުންތޯއެވެ؟ ޢަޤީދާއާއި އީމާންކަމުގެ މަޢުލޫމާތެއް ނެތި ޝީޢީންނަށް "ސިންޕަތީ" ވެގެން ވާހަކަ ދައްކަނީ ކިތައް މީހުންތޯއެވެ؟ މަޢުލޫމާތުގެ މަސްދަރަކީ އޭއައީ ކަމުގައި ބަލައިގެން ޞައްޙަ ނުޞައްޙަ މަޢުލޫމާތު ނުބައިލައި ޝީޢީންގެ ވާހަކަތައް ފަތަރަނީ ކިތައް މީހުންތޯއެވެ؟
މިއަދު އަޅުގަނޑުމެން ޞައްޙަ ޢަޤީދާގައި ސާބިތު ވާންޖެހެއެވެ.
اللَّهُمَّ حَبِّبْ إِلَيْنَا الإِيمَانَ وَزَيِّنْهُ فِي قُلُوبِنَا، وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنَا مِنَ الرَّاشِدِينَ،
ޔާ ﷲ! އަޅަމެންގެ ހިތްތަކުގައި އީމާންކަމުގެ ލޯބިޖައްސަވައި، އަދި އަޅަމެންގެ ހިތްތަކުގައި އެ އީމާންކަން ޒީނަތްތެރިކޮށްދެއްވާނދޭވެ! އަދި ކުފުރުވުމާއި، ފާފަވެރިވުމާއި، އަދި އުރެދުންތަކަކީ، އަޅަމެންގެ ހިތްތަކުގައި ނަފްރަތުކުރަނިވި ތަކެތީގެ ގޮތުގައި ލައްވާނދޭވެ! އަދި ތެދުމަގައި ސާބިތުވާ މީހުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ!
ލިޔުނީ: އައްޝައިޚް ހަސަން މޫސާ ފިކުރީ حفظه الله
