ދިވެހި ފަސްގަނޑު ހަނގުރާމައަކަށް ބޭނުންކުރުމުގެ ފުރުޞަތެއް ނެތް: ރައީސްގެ ވަރުގަދަ ނިންމެވުން

 



މެދުއިރުމައްޗާއި ގަލްފުގެ ސަރަޙައްދުގައި މިހާރު ހިނގަމުންދާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ތެރެއަށް ދިވެހިރާއްޖެ ނުވެއްދޭނެ ކަމަށާއި، ރާއްޖޭގެ އެއްވެސް ސަރަޙައްދެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ފުރުޞަތު ނުދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ. މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ހިމާޔަތްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ހާމަވެގެންދިޔަ މުހިންމު ނިންމެވުމެކެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ބިމުގެ ސަރަޙައްދެއްވިޔަސް، ކަނޑުގެ ސަރަޙައްދެއްވިޔަސް ނުވަތަ ވައިގެ ސަރަޙައްދެއްވިޔަސް، އެއްވެސް ޤައުމެއްގެ އަސްކަރީ ހަރަކާތަކަށް ބޭނުންކުރުމުގެ ހުއްދަ ނުދެއްވާނޭ ކަމަށެވެ. މިއީ ބޭރުގެ ބޮޑެތި ބާރުތަކުން ރާއްޖޭގެ ޖުގުރާފީ މަޤާމުގެ ބޭނުން ހިފަން މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭ ދަނޑިވަޅެއްގައި، ރާއްޖެއިން ކަނޑައެޅިގެން ބޭރުކުރި ސާފު މެސެޖެކެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ މަންދޫބު ސަރޖިއޯ ގޯ ރާއްޖެއަށް ކުރައްވާ ޒިޔާރަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިސްރާއީލު ނޫން ކޮންމެ ޤައުމަކާއެކުވެސް މަޝްވަރާ ކުރުމުގެ ފުރުޞަތު އޮންނާނޭ ކަމަށެވެ. ނަމަވެސް، އެމެރިކާގެ މަންދޫބާއެކު ކުރެވޭ މަޝްވަރާގައި ހަނގުރާމައިގެ މައުޟޫޢު ފެންމަތިވި ކަމުގައިވިޔަސް، ރާއްޖެއިން އެކަމުގައި ބައިވެރިނުވާނޭ ކަމާއި، ރާއްޖޭގެ އެހީތެރިކަން އެފަދަ ކަމަކަށް ނުލިބޭނެކަން ސާފުކޮށްދެއްވިއެވެ.

އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި، ޤައުމުތަކުގެ މިނިވަންކަމަށް އަރައިގަތުމާ މެދު ރައީސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިސްރާއީލަކީ ދިވެހި ސަރުކާރާއި ރައްޔިތުންވެސް ބަލައިގަންނާނޭ ބައެއް ނޫންކަން ހާމަކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ ނިކަމެތިކަމަކީ ދިވެހިން ދުވަހަކުވެސް މަޢާފުކުރާނޭ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ

ސަރުކާރުގެ މި ނިންމެވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ވަކި ބައެއްގެ ނުފޫޒަށް ނޫންކަމާއި، ރާއްޖޭގެ މަޞްލަޙަތާއި ދީނީ އަދި އިންސާނީ އަގުތަކުގެ މައްޗަށްކަން ސާބިތުކޮށްދޭ ނިންމެވުމެކެވެ. ހަނގުރާމައިގެ ބިރުވެރިކަމުން ރާއްޖެ ސަލާމަތްކޮށް، ސަރަޙައްދީ އަމާންކަމަށް އިސްކަންދިނުމަކީ މިވަގުތު ރާއްޖެއަށް އެންމެ ފައިދާހުރި ގޮތެވެ.

އަރުށީފު

އެންމެ މަޤްބޫލު