އިމާމް އަޙްމަދު ބިން ޙަންބަލް

 



ޢައްބާސީ ދައުރުގެ ރަންޒަމާނުގައި، ހިޖުރައިން 164 ވަނަ އަހަރު ބަޣުދާދުގެ ބިމަށް އުފަންވެވަޑައިގަތީ އިސްލާމީ އުންމަތް ދުށް އެންމެ ތަޤުވާވެރި އެއް އިމާމް ކަމަށްވާ އަޙްމަދު ބިން ޙަންބަލް އެވެ. އެކަލޭގެފާނަކީ ކުޑައިރުއްސުރެ އަޚްލާޤު ރީތި، މަޑުމޮޅި އަދި ޢިލްމު އުނގެނުމަށް އިންތިހާއަށް ލޯބިކުރެއްވި ބޭފުޅެކެވެ.

އިމާމް އަޙްމަދަކީ ޙަދީޘް ޢިލްމަށް ޚާއްޞަ ލޯތްބެއް ބެހެއްޓެވި ބޭފުޅެކެވެ. އެކަލޭގެފާނު ވަނީ ޢިލްމު ހޯއްދެވުމަށްޓަކައި ދުރު ހިސާބުތަކަށް ދަތުރުކުރައްވާފައެވެ. އޭގެ ތެރޭގައި މައްކާ، މަދީނާ، ޔަމަނު އަދި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތައް ހިމެނެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވާ ގޮތުގައި، އެންމެ ޙަދީޘެއް ހޯއްދެވުމަށްޓަކައި އެތައް ހާސް މޭލެއްގެ ދަތުރު ކުރައްވާފައިވެއެވެ. މި ދަތުރުތަކުގައި ބަނޑުހައިހޫނުކަމާއި ފަޤީރުކަމުގެ ދަތި އުނދަގޫތައް ތަޙައްމަލު ކުރެއްވިއެވެ.

​އެކަލޭގެފާނުގެ އެންމެ ޚާއްޞަ އެއް އުސްތާޛަކީ އިމާމް އައްޝާފިޢީ އެވެ. އިމާމް އައްޝާފިޢީ، އެކަލޭގެފާނުގެ މި ދަރިވަރާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު ބަޣުދާދު ދޫކުރައްވައި ވަޑައިގެންނެވިއިރު، އަޙްމަދު ބިން ޙަންބަލް އަށްވުރެ ބޮޑު ޢިލްމުވެރިއަކު، އަދި އެއަށްވުރެ ތަޤުވާވެރި ބޭފުޅަކު އެތަނަކު ނެތެވެ."

އިމާމް އަޙްމަދު ކުރެއްވި އެންމެ އަގުހުރި އެއް މަސައްކަތަކީ "މުސްނަދު އަޙްމަދު" އެކުލަވާލެއްވުމެވެ. މިއީ 30،000 އަށްވުރެ ގިނަ ޙަދީޘް ހިމެނޭ ބިޔަ ފޮތެކެވެ. މި ފޮތް އެކުލަވާލާފައިވަނީ ޞަޙާބީންގެ ނަންފުޅުތަކަށް ތަރުތީބުކުރެވިގެންނެވެ. މިއީ މިއަދާ ހަމައަށްވެސް ޙަދީޘް ޢިލްމުގައި ބޭނުންކުރެވޭ އެންމެ މުހިންމު އެއް މަޞްދަރެވެ.

އިމާމް އަޙްމަދުގެ ޙަޔާތްޕުޅުން އެންމެ ފާހަގަކޮށްލެވެނީ  ފާޅުވެގެންވާ ބޮޑު ފިތުނަ ގެ ދުވަސްވަރެވެ. އެ ދުވަސްވަރުގެ ވެރިން ވަނީ ޤުރުއާނަކީ މަޚްލޫޤެއް (އުފައްދާފައިވާ އެއްޗެއް) ކަމަށް ބުނުމަށް ޢިލްމުވެރިންނަށް މަޖުބޫރުކޮށްފައެވެ. މިއީ ސުންނަތުގެ ޖަމާޢަތުގެ ޢަޤީދާއާ ޚިލާފު ކަމެއް ކަމަށްވާތީ، އިމާމް އަޙްމަދު އެކަމަށް އިންކާރުކުރެއްވިއެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނު ޖަލަށްލެވުނެވެ. އަދި ވަރަށް އަނިޔާވެރިކޮށް ޗާބުކުން ތަޅައި އަނިޔާކުރެވުނެވެ. ނަމަވެސް، އެކަލޭގެފާނު ޙައްޤު ބަސް ވިދާޅުވުމުގައި ސާބިތުވެ ހުންނެވިއެވެ. މީސްތަކުންގެ ރުހުމަށްވުރެ ﷲ ގެ ރުހުން އިސްކުރެއްވިއެވެ.

ހިޖުރައިން 241 ވަނަ އަހަރު ބަޣުދާދުގައި އިމާމް އަޙްމަދު އަވަހާރަވިއެވެ. އެކަލޭގެފާނުގެ ޖަނާޒާގައި އެތައް ލައްކަ ބަޔަކު ބައިވެރިވިއެވެ. މިއީ އެކަލޭގެފާނު މީސްތަކުންގެ މެދުގައި މަޤްބޫލުވެފައިވާ މިންވަރު ހާމަކޮށްދިން ކަމެކެވެ.

އިމާމް އަޙްމަދު ބިން ޙަންބަލްގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ކޮންމެ ފަދަ ނުރައްކަލެއް ކުރިމަތިވި ކަމުގައިވިޔަސް ޙައްޤު ގޮތުގައި ސާބިތުވެ ހުރުމުގެ މުހިންމުކަމެވެ. އެކަލޭގެފާނަކީ ހަމައެކަނި ޙަންބަލީ މަޛްހަބުގެ އިމާމެއް ނޫނެވެ. އެއީ މުޅި އިސްލާމީ އުންމަތުގެ ސާބިތުކަމުގެ ރަމްޒެކެވެ.


އަރުށީފު

އެންމެ މަޤްބޫލު