ސިޔާސީވެރިން ރައްޔިތުންގެ ނިކަމެތިކަން ދަމަހައްޓަނީ ކީއްވެ؟



 ސިޔާސީ މަސްރަޙުގެ ތެރޭގައި ރައްޔިތުންގެ މުހުތާދުތަކާއި، ނިކަމެތިކަމާއި، އަދި އުންމީދުތަކާ ކުޅުމަކީ ވަރަށް ބޮޑަށް ބަހުސްކުރެވޭ އަދި ހައްސާސީ މައުޟޫޢެކެވެ. މިކަމުގެ އަޞްލަށް ބަލާއިރު، ގިނަ ފަހަރަށް ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމުގެ މައިގަނޑު އަސާސަކަށް ވެފައި އޮންނަނީ ރައްޔިތުން އެމީހުންނަށް ބަރޯސާވާ މިންވަރެކެވެ.

 ރައްޔިތުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ފުދުންތެރި ބަޔަކަށް ވެއްޖެނަމަ، ސިޔާސީ މީހެއްގެ ފަހަތުން އާދޭސްކުރަން ދާނެ މީހަކު ނުހުންނާނެތީ، ގަސްދުގައި ރައްޔިތުން ކޮންމެވެސް ކަމަކަށް "ބޭނުންޖެހިފައި" ބޭތިއްބުމަކީ ބާރުވެރިން ބޭނުންކުރާ އުކުޅެކެވެ. މިގޮތުން ބޯހިޔާވަހިކަމާއި ވަޒީފާ ފަދަ އަސާސީ ޙައްޤުތަކަކީ ޤާނޫނީ ގޮތުން ލިބެންޖެހޭ އެއްޗެއްގެ ބަދަލުގައި، ސިޔާސީ މީހާ ކުރާ "އިޙްސާންތެރިކަމެއް" ގޮތުގައި ދެއްކުމަކީ ވޯޓު ހޯދުމަށް ބޭނުންކުރާ ވަރުގަދަ ހަތިޔާރެކެވެ.

މީހަކު ބޮޑު މުހުތާދަކަށް ނުވަތަ ބަލިމަޑުކަމެއް ފަދަ ނިކަމެތި ހާލަތަކަށް ވެއްޓޭ ވަގުތަކީ އެމީހެއްގެ ނަފްސާނީ ދިފާޢު އެންމެ ބަލިކަށިވާނެ ވަގުތެވެ. މިފަދަ ވަގުތުތަކުގައި ސިޔާސީވެރިން އައިސް މުސްތަޤުބަލުގެ ރީތި ހުވަފެންތައް ދައްކައި "އުންމީދު ވިއްކުމަކީ" އެ ވަގުތުގެ ބޭނުން ހިފައި، އެ އުންމީދުތައް ސިޔާސީ ވޯޓަކަށް ބަދަލުކޮށްލުމަށް ކުރާ ކަމެކެވެ. މިއީ އިޚްލާޞްތެރިކަމަށްވުރެ ބޮޑަށް އަމިއްލަ އެދުން އިސްކޮށްގެން ހިންގާ ޢަމަލެކެވެ.

 މި ނިޒާމުގެ ތެރެއިން އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ، އަމިއްލަ ފިކުރު ހުންނަ މީހުން "އަޅުވެތި" ކުރަން ބޭނުންވާ މައިގަނޑު ސަބަބަކީ، މިނިވަންކޮށް ވިސްނާ މީހާ ކޮންޓްރޯލް ކުރަން އުނދަގޫވާނެތީއެވެ. އެހެންކަމުން، ވަޒީފާގެ ބިރުދައްކައިގެން ނުވަތަ މަޖުބޫރުކުރުވުމުގެ ތެރެއިން އެމީހާގެ އަމިއްލަވަންތަކަން ގެއްލުވާލައި، ސިޔާސީ މީހާގެ ފަހަތުން ހިނގާ "އަޅަކަށް" ބަދަލުކޮށްލުމަކީ ނުފޫޒު ފޯރުވުމަށް އޮތް އެންމެ ފަސޭހަ މަގެވެ.

ބައެއް ފަހަރު މިއީ ހަމައެކަނި ވަކި މީހެއްގެ ނުބައިކަމަށްވުރެ ބޮޑަށް، މުޅި އިޖުތިމާޢީ ނިޒާމު ބައްޓަންކޮށްފައި އޮންނަ ގޮތުގެ ނަތީޖާއެކެވެ. ރައްޔިތުންނަށް ސަލާން ނުޖަހައި އަސާސީ ކަމެއް ނުވާނެ ގޮތަށް ނިޒާމު ފަރުމާކޮށްފައި އޮތުމަކީ ބާރުވެރިން ގަސްދުގައި ދަމަހައްޓާ ކަމެކެވެ. ނަމަވެސް ޙަޤީޤީ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށްމެ ސިޔާސީ މީހެއްގެ މޫނަށް ބަލަން ނުޖެހި، ހަމަހަމަކަމާއެކު ޚިދުމަތްތައް ލިބޭނެ ފަދަ ނިޒާމެއް އޮތުމެވެ. މި ހާލަތުން ސަލާމަތްވުމަށްޓަކައި ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، އަސާސީ ޙައްޤަކީ މީހަކު ދޭ ހަދިޔާއެއް ނޫންކަން ދެނެގަނެ، އަމިއްލަ އިއްޒަތާއި އަބުރު އިސްކުރުން މުހިންމެވެ.


އަރުށީފު

އެންމެ މަޤްބޫލު